އަމާޒު ބޯޓުން ދަތުރުކުރި މިލަންދޫ މީހަކަށް ކޮވިޑް ޖެހިއްޖެ

މިލަންދޫ--- ފޮޓޯ: ފްލިކާ

ށ. ނަރުދޫ އަމާޒު ބޯޓުން ދަތުކުރި އެއަތޮޅު މިލަންދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމީހާ އަކީ މިލަންދޫގައި ހޯމް އައިސޮލޭޝަންގައި ހުރި މީހެކެވެ.

އަމާޒު ބޯޓުގެ ކެޕްޓަން އުމުރުން 49 އަހަރު (ކޭސް133) ވަނީ މިދިޔަ ހޮނިހިރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓްވެފައެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓުން ވަނީ މާލެއިސް ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.

އެ ކޭސް އާ ގުޅިގެން ތިން އަތޮޅެގެ 14 ރަށެއްގައި ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މީގެކުރީން ބުނެފައެވެ. އޭގެތެރޭގައި ނަރުދޫ އާއި މިލަންދޫގެ އިތުރުން ށ. އަތޮޅުގެ ތިން ރަށަކާއި ނ. އަތޮޅުގެ ފަސް ރަށަކާއި، ހއ. ގެ ދެ ރަށް އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.

މިއަދުގެ ވަގުތެއްގައި ނަރުދޫއިން ހަ މީހެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އެ ކޭސް އާ ގުޅިގެން ހެދި ކޮންޓްކްޓް ޓްރޭސިން އިން ބެލި ބެލުމުގައި ޕޮޒިޓިވް ވި ކެޕްޓަންގެ ސީދާ 101 ކޮންޓެކްޓް ހިމެނެއެވެ. އޭގެތެރެއިން ހަ މީހެއްގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެންނަ ކަމަށްވެސް ކުރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް