އިންޑިއާގެ ކަރަންސީ ސްވޮޕުން ރާއްޖެއިން 150 މިލިއަން ޑޮލަރު ހޯދައިފި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ ސެންޓްރަލް ބޭންކް، އާރުބީއައި އާއި ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއާ ދެމެދު ގާއިމްކޮށްފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ރާއްޖެއިން ހޯދައިފި އެވެ.

އާރުބީއައި އާއި އެމްއެމްއޭއާ ދެމެދު ގާއިމްކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކީ، 2018 ވަނަ އަހަރު ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް ދޭން އެއްބަސްވި، 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ބައެކެވެ.

އެމްއެމްއޭއިން މިއަދު ބުނީ އިންޑިއާގެ ކަރަންސީ ސްވޮޕްގެ ދަށުން، 150 މިލިއަން ޑޮލަރު މިހާރު ޖަމާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވެސް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން ރާއްޖެއަށް 150 މިލިއަން ޑޮލަރު ޖަމާކޮށްދިނީ، ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ މާލި އަދި އގްތިސާދީ ގެއްލުމަކުން ސަލާމަތްވުމަށް ދޭއެހީއެއްގެ ގޮތުން ކަމަށެވެ.

މި ފެސިލިޓީ އިންޑިއާއިން އެކްޓިވޭޓްކޮށްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު، ރާއްޖޭގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިތާ ހަފްތާއެއްގެ ތެރޭގައިކަން އިންޑިއާ ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އިންޑިއާއިން މިދިޔަ އަހަރުވެސް ވަނީ ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު ދިނުމުގެ އިތުރަށް އެސްބީއައި އިން ވަނީ އެމްއެމްއޭއިން 150 މިލިއަން ޑޮލަރުގެ ޓީ ބިލްވެސް ގަނެފަ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ވެސް އިންޑިއާއިން ވަނީ ދޫކޮށްފަ އެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން މިހާތަނަށް ބޮޑު އަށް މަޝްރޫއެއް ހިންގާފައިވާއިރު އިތުރު ޕްރޮޖެކްޓުތައް ވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

މި އިގްތިސާދީ ޕެކޭޖުގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ހައި އިމްޕެކްޓް ކޮމިޔުނިޓީ ޕްރޮޖެކްޓު ސްކީމުގެ ދަށުން އިންޑިއާ އިން މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަކޮށްފައިވެ އެވެ.

ކަރަންސީ ސްވޮޕް އާއި ގުޅޭގޮތުން ހައިކޮމިޝަނުން ބުނީ މި އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރު ކުރުމާމެދު ވެސް ދެ ގައުމުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

https://sun.mv/133423

ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް ބޭނުންވާ 4.4 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް މަޖިލީހުން ވަނީ މިދިޔަ ހަފްތާ ފާސްކޮށްފަ އެވެ.

ކޮވިޑުގެ ސަބަބުން ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އެހެން އިދާރާތަކުން ވެސް އެހީ ހޯދުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 223 މިލިއަން ޑޮލަރު ހޯދުމަށް ރާއްޖެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް