ތުރުކީން އެމެރިކާއަށް ސިއްހީ އާލާތްތައް ފޮނުވަނީ

ތުރުކީގެ ރައީސް ވަނީ އެގައުމުން އެމެރިކާއަށް ސިއްހީ އާލާތްތައް ފޮނުވާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އަނަދޮލޫ

އަންކާރާ (އޭޕްރިލް 28): އެމެރިކާއިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ތުރުކީން އެގައުމަށް ސިއްހީ އާލާތްތައް ފޮނުވާނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ކޮމިއުނިކޭޝަންސް ޑިރެކްޓޮރޭޓްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން އެމެރިކާއަށް ފޮނުވާ ތަކެތީގެ ތެރޭގައި 500،000 ސާޖިކަލް މާސްކާއި 40،000 ގައުން އާއި 2،000 ލީޓަރުގެ ޑިސްއިންފެކްޓެންޓާއި 1،500 ގޮގުލް އާއި 400 އެން95 މާސްކާއި 500 ފޭސް ޝީލްޑް ހިމެނެ އެވެ.

"ތަރައްގީވެފައިވާ ގައުމުތަކުންވެސް ތުރުކީގެ އެހީއަށް އެދެމުންދާ މިދަނޑިވަޅުގައި އަޅުގަނޑުމެން ވަނީ ބަލްކަންސް އިން އެފްރިކާއަށް އެހީ ފޮނުވާފަ. އަޅުގަނޑުމެން މިއަދު ސާޖިކަލް މާސްކާއި އެން95 މާސްކާއި ހަޒްމަތު ސޫޓާއި ޑިސްއިންފެކްޓެންޓު ހިމެނޭ ގޮތަށް އެހީ ފޮނުވަނީ އެމެރިކާއަށް،" އިއްޔެ އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެގައުމުން ވަނީ 57 ގައުމަކަށް ސިއްހީ އާލާތްތައް ފޮނުވާފަ އެވެ.

އެމެރިކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1 މިލިއަނަށް އަރާފަ އެވެ. އަދި އެގައުމުގައި ބަލި ޖެހިގެން 56،521 މީހަކު ވަނީ މަރުވެފަ އެވެ.

ތުރުކީގައި މިހާތަނަށް 112،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 2،900 މީހަކު ވަނީ މަރުވެފަ އެވެ. ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި އެގައުމުން ކޮންމެ ދުވަހަކު އަލަށް ފެންނަ ކޭސްތަކާއި ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު ދަނީ މަދު ވަމުންނެވެ.

ތުރުކީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ 65 އަހަރުން މަތީގެ މީހުންނާއި 20 އަހަރު ނުވާ މީހުންނާއި ކުޑަކުދިން ގޭގައި ތިބުމަށް އަންގާ، އެގައުމުގެ އެންމެ އާބާދީ ބޮޑު 31 ޕްރޮވިންސުގައި ކޮންމެ ހަފްތާ ބަންދެއްގައި ކާފިއު ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް