ރޯދަމަހުގައި ކެއިންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތް (2)

މާލޭގެ މާރުކޭޓެއްގައި ގިނަ ބާވަތްތަކެއްގެ މޭވާއާއި ތަރުކާރީތަކެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއީ ރޯދަމަހު ކެއުންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތާ ބެހޭގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކަލް ނިއުޓްރިޝަނިސްޓު ހެމާޝްރީ ނަރަޔަނަން ދެއްވާފައިވާ ޖަވާބުތަކެއްގެ ދިވެހި ތަރުޖަމާއެވެ.

މި ޖަވާބުތައް "ސަން"ގައި ޝާއިއުކުރާނީ ހަތަރު ލިޔުމެއްގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގެ ގޮތުގައެވެ. މިއީ މި ސިލްސިލާގެ ދެވަނަ ލިޔުމެވެ. މި ސިލްސިލާގެ ފުރަތަމަ ލިޔުން މި ލިންކު މެދުވެރިކޮށް ވިދާޅުވެވޭނެއެވެ.

4. ރޯދަ ވީއްލުމަށް އެންމެ ރަނގަޅީ ކޮން ކަހަލަ އެއްޗަކުން؟

ރޯދަ ވީއްލާ ވަގުތަށް އެންމެ ރަނގަޅީ ފެން ގިނަ، ލޯ ފެޑް ކާނާ އަދި ނެޗުރަލް ޝުގާ ހިމެނޭ ތަކެތިން. އަދި ހަކުރު އަޅާފައިވާ މާ ބައިވަރު ކާނާއާއި ބުއިންތައް ބޭނުންކުރުން އެހާ ރަނގަޅެއް ނޫން. ތިރީގައި މިވަނީ ރޯދަ ވީއްލާ ވަގުތު ކެއުމަށާއި ބުއިމަށް އެންމެ ރަނގަޅު ބައެއް ކާނާއާއި ބުއިންތައް

  • ޑްރިންކްސް: ފެން، ކިރު، އެކިއެކި މޭވާގެ ފަނި ނުވަތަ ސްމޫތީޒް. ފެނަކީ އެއްވެސް ކެލަރީއެއް އަދި ހަކުރާ ނުލައި ހައިޑްރޭޝަން ފޯރުކޮށްދޭ އެއްޗެއް. ކިރު އަދި މޭވާ ހިމެނޭ ބުއިންތައްވެސް ރަނގަޅު. ކިރާއި މޭވާއަކީ ނެޗުރަލް ޝުގާ އަދި އެހެނިހެން ފައިދާހުރި މާއްދާތަކުން ފުރިގެންވާ އެއްޗެހި. ނަމަވެސް ހަކުރު އަޅައިގެން ތައްޔާރުކޮށްފައިވާ ބުއިންތައް މާ ގިނައިން ބުއިން އެހާ އެދެވިގެނެއް ނުވޭ.
  • ކަދުރު: ރޯދަ ވީއްލުމަށް ކީރިތި ރަސޫލާ މުހައްމަދު (ޞ.ޢ.ވ)ގެ ސުންނަތުން ސާބިތުވާ ކަދުރަކުން ރޯދަ ވީއްލުމުގެ ސުންނަތަކީ ރޯދަ ވީއްލުމަށް އެންމެ އެދެވިގެންވާ އެއް ގޮތް. ކަދުރުގައި ހަށިގަނޑަށް ހަކަތަ ލިއްބައިދޭނެ ނެޗުރަލް ޝުގާސް ހިމެނޭ އިރު، ޕޮޓޭސިއަމާއި ކޮޕާ އަދި މެންގަނީޒް ފަދަ ފައިދާހުރި އެތައް ބާވަތެއް އޭގައި ހިމެނޭ. އަދި ކަދުރުން ހަށިގަނޑަށް ފައިބާވެސް ލިއްބައިދޭ. ކަދުރުގެ އިތުރުން ފައިބާ ލިބޭ އެހެނިހެން ބައެއް ތަކެއްޗަކީ އެޕްރިކޮޓް، ފިގް (ތީނި/ވައްތީނި)، ރެއިޒިންސް އަދި ޕްރޫންސް.
  • މޭވާ: މޭވާގައި ހުންނަ ނެޗުރަލް ޝުގާސްއިން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ. އަދި މޭވާއިން ފެން (ފްލުއިޑް)އާއި ވިޓަމިން އަދި މިނަރަލްސްވެސް ލިއްބައިދޭ.
  • ސޫޕް: ސޫޕްއަކީ ރޯދަ ވީއްލުމަށް ލުއި ގޮތެއް. އަދި ހަށިގަނޑަށް ފެން ވެސް ލިއްބައިދޭ ކާނާއެއް. އާންމުކޮށް ސޫޕް ތައްޔާރުކޮށްފައިވަނީ މީޓް ބްރޮތު (ދިޔަ)އަކާއެކު، އަދި އޭގައި މުގު ނުވަތަ ބީންސް، އަދި ގޮވާމުގެ ބާވަތްތައް ނުވަތަ ޕާސްތާވެސް ހިމެނޭ. މިތަކެތިން ހަޑިގަނޑަށް އެކިއެކި ނިއުޓްރިއެންޓްސް އަދި ހަކަތަ ފޯރުކޮށްދޭ.

5. ރޯދަމަހު ދުރުހެލިވާންވީ ކޮންކަހަލަ ކާނާއަކާ؟

ތެލުލި ކާނާގެ އިތުރުން ކްރީމީ އަދި ހަކުރު ގިނަ ކާނާއާ ދުރުހެލިވުން މުހިންމު. މިތަކެއްޗަކީ ރޯދަމަހު މީހުންގެ ބަރުދަން އިތުރުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު. ރޯދަމަހަކީ ކައިބޮއި އުޅުމުގެ ވައްޓަފާޅި ރަނގަޅު ގޮތުގައި ބަދަލުކޮށް، އަދި މިންހެޔޮ ކެއުމަކަށް (ބެލެންސްޑް ޑައެޓަކަށް) އަމާޒުކުރެވިދާނެ އެންމެ ރަނގަޅު އެއް ވަގުތު. ރޯދަމަހު ކެއުމުގެ ވައްޓަފާޅި ބަދަލުކޮށް އެއަށް އަމަލުކުރުމަކީ ދިގު މުއްދަތަކަށް ރަނގަޅު ވައްޓަފާޅިއެއް ދެމެހެއްޓިދާނެ ކަމެއް.

6. ރޯދަމަހު ރޯދައަށް ހުރުމުގެ ތެރެއިން އެންމެ ގިނައިން ދިމާވާ ސިއްހީ މައްސަލަތަކަކީ ކޮބާ؟

ރޯދައަށް ހުންނަންޖެހޭ ވަގުތާއި އަދި މޫސުމާވެސް ގުޅިގެން ބައެއް މީހުން ރޯދައަށް ހުންނަ އިރު ހަށިގަނޑުން ފެން މަދުވޭ (ޑީހައިޑްރޭޓް ވޭ). އަދި މިކަމުގެ ސަބަބުން ބޮލުގައި ރިއްސުމާއި ބޮލަށް އެނބުރުން އެރުމާއި އަދި ކަންކަމަށް ކޮންސެންޓްރޭޓުކުރުމަށް އުނދަގޫވުން ފަދަ ހާލަތްތައް ދިމާވޭ. މީގެ އިތުރުން އާންމުކޮށް ދުވާލުގެ ވަގުތުގައި ކޮފީއާއި ސައި ފަދަ ކެފެއިން އެކުލެވޭ ބުއިންތައް ބޮއެ އުޅޭ މީހުންނަށް ރޯދަމަހު ކެފެއިން މަދުވެ، ވަރުބަލިވުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެ. ނަމަވެސް ރޯދަމަހު ރޯދައަށް ހުރުމުގެ ތެރެއިން ދުވާލުގެ ވަގުތު ކެފެއިން ނުލިބުމަށް ހަށިގަނޑު އެޖަސްޓްވާނެ.

(އިތުރު ސުވާލުތަކުގެ ޖަވާބު އަންނަ ހަފްތާގައި)

comment ކޮމެންޓް