ސްޓެލްކޯ "ރަށްފެހި" ޕްރޮގްރާމުގެ ފޮނިމީރުކަން ލިބެން ފަށައިފި

އއ. ފެރިދޫގެ ސްޓެލްކޯ މުވައްޒަފުން ހެއްދި ދަނޑުއަލުވި-- ފޮޓޯ/ސްޓެލްކޯ

ރާއްޖޭގެ އެކި ރަށްތަކުގައި ގަސްއިންދުމަށްޓަކައި ސްޓެލްކޯއިން ކުރިއަށްގެންދާ "ރަށްފެހި" ޕްރޮގްރާމުގެ ފޮނިމީރުކަން ލިބެން ފަށައިފި އެވެ.

މި ޕްރޮގްރާމަކީ މުޅި ރާއްޖެ ފެހިކުރުމަށްޓަަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރާއި މިއަހަރު ވެސް ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭ ހުރިހާ ރަށެއްގައި ވެސް ގަސްއިންދުމުގެ ހަރަކާތްތަކެއް އެކުންފުނިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ތިމާވެއްޓަށް ފައިދާ ލިބުމުގެ އިތުރުން ސްޓެލްކޯއިން ބުނީ ބައެއް ރަށްރަށުގައި އިންދި ގަސްތަކުން މިހާރު ކާނާ ވެސް ލިބެމުންދާ ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމުގެ ދަށުން އއ. ފެރިދޫ އިންޖީނުގޭގެ މުވައްޒަފުން މިދިޔަ އަހަރު އިންދި ދަނޑިއަލުވި، ކުންނާރު އަދި މުރަނގަ ގަހުން މިއަހަރު ރޯދަ މަހު ގޭގައި ކާން ބޭނުންކުރާނެ ވަރަށް ކާނާ ލިބެމުންދާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ހަމައެއާއެކު މިއަހަރު އިންދި މިރުސް ގަހުން މިރުސް ލިބި، ކަރާވެލުން ކަރާ ދޮންވެ ފައްކާވެފައިވާ ކަމަށާއި އެތަކެތި ބޭނުން ކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކޮވިޑް19އާ ގުޅިގެން ތާޒާ މޭވާއާއި ތަރުކާރީ ލިބުން ދަތިވެފައިވާ މި ދުވަސްވަރު ކުރިން މުވައްޒަފުން އަމިއްލައަށް ކޮށްފައި ހުރި މަސައްކަތުގެ ފޮނިމީރުކަން ލިބުމަކީ މުވައްޒަފުންނަށް ހިތްހަމަ ޖެހުން ލިބުނު ކަމެއް ކަމަށް މިކަމުގައި އެ ރަށުން އިސްކޮށް ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފަކު ބުންޏެވެ.

ސްޓެލްކޯގެ އެމްޑީގެ އިސްނެންގެވުމުގެ ދަށުން ހިންގާ މި ޕްރޮގްރާމުގައި ހިޔާ ލިބޭ ގަސްގަހާގެހީގެ އިތުރުން މޭވާއާއި ތަރުކާރީ ލިބޭފަދަ ގަސްތައް އިންދަން މުސްތަގްބަލުގައި ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސްޓެލްކޯ ރަށްފެހި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު ކޮންމެ މުވައްޒަފަކު ގާތްގަނޑަކަށް ދެ ގަސް އިންދާފައިވާ ކަމަށާއި މުޅިއެކު ޖުމުލަ 2،000 ވަރަކަށް ގަސް އިންދާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިއަހަރު އެ ޕްރޮރާމުގެ ލަނޑުދަނޑިއެއްގެ ގޮތުގައި ކަނޑައެޅީ ކޮންމެ މުވައްޒަފަކު ތިން ގަސް އިންދައި، ޖުމުލަ 3،000 ވަރަކަށް ގަސް އިންދުމެވެ.

މިދިޔަ އަހަރު އަޅުގަޑުމެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ވަނީ ކޮންމެ މުވައްޒަފަކަށް ގާތްގަނޑަކަށް 2 ގަސް އިންދާފައި. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ދެހާހެއްހާ ގަސް މިދިޔަ އަހަރު އިންދިފަވޭ. މިއަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ، ކޮންމެ މުވައްޒަފަކަށް 3 ގަސް އިންދާ، ތިން ހާހެއްހާ ގަސް އިންދުން" މުޢުނީ ވިދާޅުވި އެވެ

މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހު ސްޓެލްކޯއިން ހިދުމަތްދޭ 35 ރަށެއްގައި ޖުމުލަ 3،000 ގަސް އެކުންފުނީގެ މުވައްޒަފުން ވަނީ އިންދާފަ އެވެ.

comment ކޮމެންޓް