ވަގުތީ ގޮތުން ރަށުން ބޭރަށް ގޮސް ތާށިވި މީހުންގެ މައުލޫމާތު ހޯދަނީ

އޭޕްރީލް 19، 2020: މާލޭ މަގުމަތި: ކޮވިޑް19 މާލޭގައި ފެތުރެމުންދާތީ މާލެ ސަރަހައްދު އޮތީ ލޮކްޑައުން ކުރެވިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރު މުއްދަތަކަށް ދިރިއުޅޭ ރަށުން ބޭރަށް ގޮސް ކޮވިޑް19ގެ ސަބަބުން ދިރިއުޅޭ ރަށަށް ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ލޯކަލް ގަވަމަންޓް އޮތޯރިޓީން އެއްކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށުމާއެކު ޒަރޫރީ ބޭނުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

އެލްޖީއޭއިން މިއަދު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި މި ހާލަތާ ގުޅިގެން ދިރިއުޅޭ ރަށަށް އަނބުރާ ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ހޯދައިދިނުމަށް ވަނީ އެދިފަ އެވެ.

މިކަމާ ގުޅޭގޮތުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު މަހުމޫދު "ސަން"އަށް ވިދާޅުވީ މިއީ ކުރު މުއްދަތަކަށް ދިރިއުޅޭ ރަށުން ބޭރަށް ގޮސް، އެނބުރި ދިރިއުޅޭ ރަށްރަށަށް ނުދެވިފައި ތިބި މީހުންގެ މައުލޫމާތު ހޯދުމަށް ކުރާ ދިރާސާއެއް ކަމަށެވެ.

"މި ދިރާސާގެ ބޭނުމަކީ ދިރިއުޅޭ ރަށަށް ނުދެވި، މީހުން ތާށިވެފައި ތިބި މައްސަލައަށް ހޯދިދާނެ ހައްލަކީ ކޮބައިތޯ ދެނެގަތުން. މި ދިރާސާގެ މައުލޫމާތު އެއްކުރުމަށްފަހު އެލްޖީއޭއިން ފޮނުވާނީ އެންއީއޯސީއަށް. އެއަށްފަހު އެންއީއޯސީން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު މި މައްސަލައަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރާނެ،" ޝަފީގު ވިދާޅުވި އެވެ.

އެލްޖީއޭއިން ކައުންސިލްތަކަށް ސިޓީ ފޮނުވީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އެ ސިޓީގައި މިރޭ 8:00ގެ ކުރިން އެލްޖީއޭއާ މައުލޫމާތު ހިއްސާކުރަން ކައުންސިލްތަކުގެ ފަރާތުން ވަނީ އެދިފަ އެވެ.

މި މަހުގެ 15ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ މާލެއިން ބޭރަށް ނުދެވި އަދި މާލެއަށް ނާދެވި އެބަޔަކު ތިބި ރަށެއްގައި ތާށިވެފަ އެވެ.

ލޮކްޑައުން ކުރުމުގެ ކުރިން ވެސް ބޭރަށް ނުނިކުތުމަށާއި ރަށުން ބޭރަށް ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރި އެވެ.

ނަމަވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސަރުކާރު ބަންދުކުރުމުން ބައެއް ފަރާތްތަކުން ވަނީ މާލެ ކައިރި ރަށްރަށަށް ޗުއްޓީ ހޭދަކޮށްލުމަށާއި އާއިލާ ކައިރިއަށް ދަތުރުކޮށްފަ އެވެ.

ހަމައެއާއެކު އަތޮޅުތަކުން އެކި ބޭނުންތަކަށް ކުރު މުއްދަތަކަށް މާލެ އައި މީހުން ވެސް ތިބީ ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފަ އެވެ.

comment ކޮމެންޓް