މާފުށި މޮނިޓަރިންގެ ހާލަތުގައި އޮތުމުން ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރަން ގޮވާލައިފި

ފެބްރުއަރީ 27، 2020: ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ގުޅިގެން ކ. މާފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި އޮތުމުން، މިވަގުތު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް މީހުން ދިރިއުޅޭ 243 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އޭގެ އިތުރުން 22 ރަށެއް ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި މާފުށި ހިމެނެއެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ އިއްޔެ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، އެ ރަށުގެ ޖަލު މިވަގުތު އޮތް ހާލަތު ނޭނގޭތީ އާއި، ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ނޭނގޭތީ އެ ކޯލިޝަނުގެ ކަންބޮޑުވުމެއް ކަމަށެވެ.

އަދި ރަށް މޮނިޓަރިންގައި އޮތުމުން އެމަނިކުފާނަށް ލޯޔަރުންނާ ބައްދަލު ކުރަން ލިބޭ ފުރުސަތު ގެއްލިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އެ ކޯލިޝަނުން ފާޅު ކުރި އެވެ.

އެ ސަަބަބުތައް ބަޔާންކޮށް، އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެ ކޯލިޝަނުން ގޮވާލި އެވެ.

"އެހެން ކަމުން ރައީސް އަބްދުﷲ ޔާމީންއަބްދުލްގައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލަމެވެ. އަދި މާފުށީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން، އިދިކޮޅުގެ ބަޔާނުގައި ވަނީ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނައި ސަބަބެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމަށް ތަސައްލީއެއް ދިނުމުގެ ގޮތުން އެ ރަށުގެ "ހަގީގީ ހާލަތު" ބަޔާންކޮށްދިނުމަށްވެސް އެ ކޯލިޝަނުން ގޮވާލި އެވެ.

މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ ރޯދަ މަހާ ދިމާކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމަށް ގޮވާލައިފައެވެ. އެ ކޯލިޝަނުން ބުނާ ގޮތުގައި އެމަނިކުފާނުގެ މައްޗަށްކޮށްފައި ވަނީ ސިޔާސީ ދައުވާއެއްގެ ހުކުމެކެވެ.

ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ލީސްކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުން އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް