ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ދ. ކުޑަހުވަދޫ: އެ ރަށުް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައި -- ފޮޓޯ/ އެމްއާރްޑީސީ

ކޮވިޑް-19އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ދ. ކުޑަހުވަދޫ އާންމު ހާލަތަށް ބަދަލުކޮށްފިއެވެ.

ދ. ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ، މި މަހުގެ 21 ވަނަ ދުވަހު އެވެ. މިހާރު އެ ރަށް މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވަނީ ވިދާޅުވެފައެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، މޮނިޓަރިންގެ ހާލަތަށް ގެެނައި ސަފާރީއެއް ކަމަށްވާ މޯލްޑިވިއާނާ ސަފާރީވެސް މިހާރު މޮނިޓަރިންއިން ނަގައި އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިއަދު މެންދުރު 15:30ގެ ނިޔަލަށް ރާއްޖޭގެ 253 ތަނެއް މޮނިޓަރިންގެ ހާލަތުގެ ދަށުގައި އޮތް ކަމަށްވެސް މިރޭ މަބްރޫކު ވިދާޅުވިއެވެ. އޭގެ ތޭގައި ކުޑަހުވަދޫ ނުލައި 21 ރަށެއް ހިމެނެއެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 73 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ދުވަހެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 214 އެވެ.

comment ކޮމެންޓް