ކޮވިޑް19: ރައްޔިތުންގެ ހާލަތު ދެނެގަތުމަށް އެޗްއާރްސީއެމް އިން މައުލޫމާތު އެއްކުރަނީ

އޭޕްރީލް 22، 2020: ބަޔަކު މާލޭ ފުޓް ކޯޓުކައިރި ޖަމާވެގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްއާރްސީއެމް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ހާލަތު މޮނިޓަރކުރުން ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ގޫގުލް ފޯމެއް ތައާރަފްކޮށްފައެވެ. އެ ފޯމު މެދުވެރިކޮށް ވަޒީފާގެ ހާލަތާއި، ރަނގަޅު ކާނާ ފުދޭ މިންވަރަކަށް ލިބެންހުރުމާއި، ކާބޯތަކެތީގެ އަގު އުފުލުމާއި، ސާފު ފެން ލިބުމާއިި، ސިއްހީ ފަރުވާއާއި ދިރިއުޅޭ ތަނާއި ދިރިއުޅުމުގެ ހާލަތާއި، ތައުލީމާއި ޖިސްމާނީ، ނަފްސާނީ، ޖިންސީ، އިހުމާލު އަދި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭ މައުލޫމާތު އެޗްއާރްސީއެމް އިން ހޯދާނެއެވެ.

އެ ފޯމުގައި ވަޒީފާގެ ހާލަތާއި، ލިބެންވާ މުއްދަތުގެ ތެރޭ މިމަހުގެ މުސާރަ ހަމައަށް ލިބިފައިވޭތޯ އާއި، ރޯދަ އިނާޔަތް ލިބިފައިވޭތޯ ފަދަ މައުލޫމާތު ހިމެނެއެވެ.

މީގެ އިތުރުން ކޮވިޑް19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވޭތޯ އާއި، މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އައިސްފައި ވޭތޯއާއި މި ހާލަތުގައި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތްތޯ ބެލުން ހިމެނެއެވެ.

ހަމައެއާއެކު އާއިލާއަށް ފުދޭވަރަށް ކާބޯތަކެތި ލިބޭތޯއާއި، ގޭގައި މިވަގުތަށް ބޭނުންވާ ވަރަށް ކާބޯތަކެތި އެބަހުރިތޯ އާއި މިވަގުތަށް ހޯދަން ބޭނުންވާ ބާވަތުގެ ކާބޯތަކެތީގެ މައުުލޫމާތާއި މި ހާލަތުގައި ކާބޯތަކެތީގެ އަގު އުފުލިފައިވޭތޯ ވެސް އެޗްއާރްސީއެމް އިން ބަލާނެއެވެ.

މީގެ އިތުރުން ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީން ފިޔަވައި އެހެން ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެތި ލިބުން ދަތިކަމަށް ފާހަގަކުރެވިފައިވޭތޯ ވެސް އެޗްއާރްސީއެމް އިން އަންނަނީ ބަލަމުންނެވެ.

ރާއްޖެއިން މިހާތަނަށް 214 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

އަދި އެފަދަ ފަރާތްތަކަށް ސަރުކާރުން އަންނަނީ ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި އަދިވެސް އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދީ، އެމީހުންގެ ކަންކަން ބަލަހައްޓަމުންނެވެ.

comment ކޮމެންޓް