ވަގުތީ ހިޔާތަކުގައި 85 މީހުން، ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން

ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވަގުތީ ހިޔާތަކުގައި މި ވަގުތު 85 މީހަކު ބޯހިޔާވަހިކަން ހޯދަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާއިން ވަނީ ވަގުތީ ހިޔާތަކުގައި މި ވަގުތު ބޯހިޔާވަހިކަން ހޯދަމުންދާ މީހުންގެ މައުލޫމާތު އާންމުކޮށްފައެވެ. ޖެންޑާއިން އާންމުކޮށްފައިިވާ ގޮތުގައި، ވަގުތީ ހިޔާތަކުގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި މީހުންނެވެ.

އެގޮތުން މިވަގުތު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި 20 މީހަކު ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ. ވަގުތީ ހިޔާތަކުގައި ދެން އެންމެ ގިނައީ ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި އުޅެމުން ދިޔަ މީހުންނެވެ.

އެފަދަ 15 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނައިރު، މާލެ ސަރަހައްދުގައި ތިބި ރިސޯޓުތަކުގެ ވަޒީފާއަދާކުރާ 13 މީހުންނާއި، ޖަލު ބަންދަށް ފަހު މާލެ ސަރަހައްދުގައި ތިބި 11 މީހަކު ވެސް ހިމެނެއެވެ.

ބޭސްފަރުވާ ހޯދުމަށްޓަކައި މާލެ ސަރަހައްދަށް ޒިިޔާރަތްކުރި 12 މީހުންނާއި، އެހެނިހެން ބޭނުންތަކަށް މާލެ ސަރަހައްދަށް ޒިޔާރަތްކުރި އަށް މީހަކު ވެސް ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ގެއިން ނުކުންނަން ޖެހިގެން ހާލުގައި ޖެހުުނު ހަ މީހަކު ވެސް ޖެންޑާގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ބޯހިޔާވަހިކަން ބޭނުންވާ 136 ފަރާތަކަށް މިހައިތަނަށް ވަގުތީ ހިޔާތަކުގައި މިނިސްޓްރީން ވަނީ އެ އިންތިޒާމް ހަމަޖައްސައިދީފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތައް އާއިލާއާ ވެސް ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް