ހުއްދަ ލިބިގެން އެމްޕީ ރިޔާޒު މާލެ އައުމުން ފާޑުކިޔަނީ

މާލެއަށް މީހުން އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އޭނާގެ ދާއިރާގެ ރަށް ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު ހުއްދަ ލިބިގެން މިއަދު މާލެ ވަޑައިގަތުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ތިމަރަފުށިން އޭނާ މާލެއަށް ދަތުރުކުރެއްވި ލޯންޗު މަތީގައި އިންވައި ނެންގެވި ފޮޓޯއަކާ އެކު، ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގައި ރަށުން ފުރައިގެން އިރުމެދު ނުޖެހެނިސް މާލެ އާދެވިއްޖެ ކަމަށެވެ. އަދި ތިމަރަފުށީގަ ހޭދަކުރި 15 ދުވަހު އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެންނަށް ޝުކުރު ދަންނަވާ ކަމަސް ވެސް ވަނީ ވިދާޅުވެފަ އެވެ.

މާލެ ލޮކްޑައުންކޮށް އަދި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައިވަނިކޮށް ރިޔާޒަށް މާލެ އެރުމުގެ ހުއްދަ ދިނުމުން އެކަމަށް އެތައް ބައެއްގެ ފާޑުކިޔުމާއި ސުވާލުތައް ވަނީ އަމާޒުވެފަ އެވެ. ބައެއް މަޖިލިސް މެމްމަބަރުންވެސް ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

މިގޮތަށް މާލެ އަރުމުގެ ހުއްދައަކަށް ބައެއް އާންމުންނާއި އެހެނިހެންވެސް ބައެއް މަޖިލިސް މެމްބަރުން އެދިފައިވަނިކޮށް އެ ހުއްދަ އެޗްޕީއޭ އަދި ޕޮލިސް އިން ދީފައި ނުވާއިރު، ރިޔާޒަށް އެ ހުއްދަ ލިބުނީ ކިހިނެއް ކަމާ މެދު އާންމުން އަންނަނީ ކަންބޮޑުންވުން ފާޅުކުރައްވަމުންނެވެ.

މިކަމާ ގުޅިގެން ރިޔާޒު "ސަން" އަށް ވިދާޅުވީ، އޭނާ ތިމަރަފުއްޓަށް ވަޑައިގެންނެވީ، މިމަހު 11 ވަނަ ދުވަހު ގޮސް ރިޓާން ޓިކެޓްގައި 15 ވަނަ ދުވަހު އަންނަ ގޮތަށް ކަމަށެވެ. ނަމަވެސް 15 ވަނަ ދުވަހު މާލެ ލޮކްޑައުންވުމުން މާލެ ނާދެވި ތާށިވީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ބޯޑިން ޕާސް އަތުގައި އޮއްވާ މާލެ ލޮކްޑައުންވީ. އެ ޓިކެޓް ކެންސަލްވުމުން ތިމަރަފުށީގައި ތާށިވީ. 17 ވަނަ ދުވަހު އެޗްޕީއޭގެ އީމެއިލްއަށް [މާލެ އައުމުގެ] ހުއްދައަށް އެދި އީމެއިލް ކުރީ. ހުއްދަ ލިބުނީ 25 ގައި. 26 ގައި ފުރައިގެން އައީ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެޗްޕީއޭއަށް ހުއްދައަކަށް އެދުމުން ޖަވާބެއްގެ ގޮތުގައި ލިބުނީ ފުލުހުން މިކަމުގައި ޖަވާބެއް ދޭނެ ކަމަށެވެ. އަދި ހުއްދަ ލިބުނީ ފުލުހުންގެ ފަރާތުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒަށް ހުއްދަ ދިނުމުން ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން އާންމު ނިކަމެތި މީހާއަށް ހުއްދަ ނުލިބިި، ރިޔާޒު މެމްބަރަކަށް ވުމުން ވަކި ގޮތަކަށް ކަންތައްކުރީކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ނަމަވެސް ރިޔާޒް އެކަން ދޮގު ކުރައްވަ އެވެ. ރިޔާޒު ވިދާޅުވީ، އޭނާ ހުއްދައަށް އެދުނީ މެމްބަރެއްގެ ހައިސިއްޔަތުން ނޫން ކަމަށެވެ. އަދި މެމްބަރެއްގެ ގޮތުގައި ހުރެ އެ ނޫފޫޒު ބޭނުން ނުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މަޖިލިސް މެމްބަރެއްގެ ގޮތުގައި ނޫން ހުއްދައެއް އެދުނީވެސް. އަޅުގަނޑުގެ ކުންފުނީގެ ނަމުގައި ހުއްދައަށް އެދުނީ. އަޅުގަނޑާއެކު ތިމަރަފުށީގެ އާންމުންގެ 7 މީހަކަށްވެސް ހުއްދަ ލިބުނު. މާލެ އައީވެސް އަމިއްލަ ހަރަދުގައި،" އިތުރަށް ސާފުކޮށްދެއްވަމުން ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒަށް ހުއްދަ ދީނީ ފުލުހުން: މަބްރޫކު

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ: ރިޔާޒަށް ހުއްދަ ދީފައި ވަނީ ފުލުހުން ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ އަހްމަދު ސައީދު

މިކަމާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވެސް "ސަން" އަށް ވިދާޅުވީ، މިކަމުގައި ހުއްދަ ދީފައިވަނީ ފުލުހުން ކަމަށެވެ. އަދި އެފަދަ ހުއްދަ އެއް އެންއީއޯސީގެ ލީގަލް ޓީމުން އަދި އެޗްޕީއޭ އިން ދީފައި ނުވާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"މިކަމުގައި ހުއްދަ ދީފައި ވަނީ ފުލުހުން. އެންއީއޯސީ ލީގަލް ޓީމަކުން އަދި އެޗްޕީއޭ އިން ހުއްދަ އެއް ދީފައި ނުވާނެ،" މަބްރޫކު ވިދާޅުވި އެވެ.

މިއަދު މެންދުރު ފަހު އެންއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްކެވި ވާހަކަ މަބުރޫކުގެ ވާހަކަތަކާ ތަފާތެވެ. ނަވީން ވިދާޅުވީ ރަށެއްގައި ހުރި މީހަކު މާލެ އައުމައްޓަކައި ފުލުހުން އެ މީހަކަށް ހުއްދަ ދިނުމުގައި އަމަލު ކުރަމުން އަންނަ ގޮތަކީ، އެޗްޕީއޭ އިން އެ ހުއްދައެއް ދިނުމުން ފުލުހުން އެކަމަށް ކުލަޔަރެންސް ދިނުން ކަމަށެވެ.

"އެޗްޕީއޭ އިން އެބޭފުޅަކަށް ހުއްދަ ދެއްވީމަ، އަޅުގަނޑުމެން ހުއްދަ މި ދެއްވަމުން މި ގެންދަވަނީ. އެއީ އެޗްޕީއޭގެ އެންއީއޯސީގެ ލީގަލްއިން ހުއްދަ ދެއްވީމަ އަޅުގަނޑުމެން ހުއްދަ ދެއްވިގެން މިދަނީ،" މަޖިލިސް މެމްބަރަކަށް ހުއްދަ ދިނުމުގައި ވަކި ގޮތްތަކަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ސުވާލު ކުުރުމުން ނަވީން ވިދާޅުވި އެވެ.

ނަމަވެސް ރިޔާޒަށް ހުއްދަ ދިނުމުގައި އަމަލު ކުރެއްވި ގޮތެއް ނަވީން ހާމައެއް ނުކުރައްވަ އެވެ.

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅުމުން ވިދާޅުވީ، އެކަމުގެ ޖަވާބު ވާނީ ނޫސްވެރިންގެ ބައްދަލުވުމުގައި އަރުވާފައި ކަމަށެވެ. އަދި ރިޔަޒަށް ހުއްދަ ދިނުމުގައި އަމަލު ކުރައްވާފައިވާ ގޮތަކީ ކޮބާތޯ ސުވާލު ކުރުމުން ވިދާޅުވީ، އެކަން އިތުރަށް ސާފު ކުރުމަށްފަހު ޖަވާބު އަރުވާނެ ކަމަށެވެ.

މާލެ 14 ދުވަހުގެ މުއްދަތައް ލޮކްޑައުން ކުުރުމަށް ނެރުނު އަމުރުގައި މާލެއަށް މީހުން އެރުމާއި ފޭބުމަކީ މަނާކަމެކެވެ. އަދި އެކަމުގައި އިސްތިސްނާ ވަނީ، ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް (ޑީޖީ) ކަނޑައަޅާ ފަރާތްތަކެކެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތައް ރިއާޔަތްކޮށް، އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ ކަންކަން މަގުފަހިކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ފުލުހުންނާ ކަމަށްވެސް އެ އަމުރުގައި ބުނެ އެވެ.

comment ކޮމެންޓް