ކިމް ޖޮންގް އުންގެ ހާލުކޮޅު ބެލުމަށް ޗައިނާއިން ޑޮކްޓަރުން ފޮނުވި: ރޮއިޓާސް

ކިމްގެ ހާލުކޮޅާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ވަނީ ދެކެވިފައި -- ފޮޓޯ: އޭއެފްޕީ

ބެއިޖިން (އޭޕްރިލް 26): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ހާލުކޮޅު ބެލުމަށް ޗައިނާއިން އެގައުމަށް ސިއްހީ މާހިރުންގެ ޓީމެއް ފޮނުވާފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.

ރޮއިޓާސްއިން އެފަދައިން ބުނެފައި ވަނީ ކިމްގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން އެކި ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ނޫހުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ޓީމެއް އުުތުރު ކޮރެއާއަށް ދިޔަކަން އެނގިފައި ވަނީ ކަމާ ގުޅުން ހުރި ތިން މީހެއްގެ ފަރާތުންނެވެ. އަދި އެ ޓީމުގައި އިސްކޮށް ހުންނެވީ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީގައި އުތުރު ކޮރެއާގެ ކަންތައްތައް ބަލަހައްޓާ އިންޓަނޭޝަނަލް ލައެޝަން ޑިޕާޓްމެންޓުގެ އިސް މެމްބަރެކެވެ.

ކިމްގެ ސިއްހީ ހާލުކޮޅު ގޯސްވި ކަމަށް ދެކެވޭ ވާހަކަތައް ފުރަތަމަ ފެތުރެން ފެށީ، އުތުރު ކޮރެއާގެ ކުރީގެ ލީޑަރު އަދި ކިމްގެ ކާފާފުޅު ކިމް އިލް ސަންގުގެ އުފަންދުވަހުގެ ރަސްމިއްޔާތުގައި މިމަހުގެ 15ގައި އޭނާ ނުފެންނަ ކަމަށް ރިޕޯޓު ކުރުމުންނެވެ.

އުތުރު ކޮރެއާއިން ފިލައިގެން އެގައުމުން ބޭރުގައި ދިރިއުޅޭ މީހުން ހިންގާ ޑެއިލީ އެންކޭ ނޫހުން ބުނި ގޮތުގައި ކިމް ވަނީ މިމަހުގެ 12ގައި ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އަދި ކުއްލި ގޮތަކަށް އެ އޮޕަރޭޝަން ކުރަން ޖެހުނީ ކިމް ދުންފަތުގެ އިސްތިއުމާލު ކުރައްވާ ވަރު އިތުރުވުމުންނާއި ފަލަ ބައްޔާއި ވަރުބަލިވުން ފަދަ މައްސަލަތަކާ ގުޅިގެންނެވެ.

އެ އޮޕަރޭޝަނަށް ފަހު ކިމްގެ ހާލުކޮޅު ސީރިއަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތަކަށް ރައްދު ދެމުން ދެކުނު ކޮރެއާއިން ވަނީ އުތުރުން އާދަޔާ ހިލާފު ކަމެއް ނުފެންނަ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކިމްގެ ހާލުކޮޅާ ބެހޭ ރިޕޯޓުތައް ސައްހަ ނޫން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

ކިމްގެ ހާލުކޮޅާ ބެހޭ ގޮތުން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

މީގެ ކުރިންވެސް ކިމްގެ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ހޭދަވުމާ ގުޅިގެން އޭނާގެ ހާލުކޮޅާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވިފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރު ކިމްގެ ހަބަރެއް ނުވެ ހަ ހަފްތާ ދިޔަ އެވެ. އެ ދުވަސްތަކުގައި ކިމް ގެންދެވީ ފައިގެ އޮޕަރޭޝަނަކަށް ފަރުވާ ހޯއްދަވަމުން ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ހާމަ ކުރި އެވެ.

އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮންގް އިލް އަވަހާރަވުމުން 2011 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ކިމް ޖޮންގް އުންއަށް ފަހު އެގައުމުގެ ލީޑަރަކަށް ދެން ވާނެ ބޭފުޅެއް އަދި ކަނޑައަޅާފައި ނުވެ އެވެ. ނަމަވެސް އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދެއްކި ކަމާ ބެހޭ މާހިރަކު ވަނީ ކިމްއަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް