މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ 95 ޕަސެންޓް ދައްކައިފި

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މިފްކޯއިން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދީފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު "ސަން" އަށް ވިދާޅުވީ މިއީ މިދިޔަ މަހު 26 އިން ފެށިގެން މިމަހުގެ 14 އަށް ދޭން ޖެހޭ ފައިސާގެ އަދަދު ކަމަށެވެ.

އެއާއެކު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ 95 ޕަސެންޓް މިހާރު ހަލާސްކޮށް ދައްކައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭންކްތައް ހުޅުވައި ފްލައިޓް ދަތުރުތައް ފެށުމުން ބާކީ ފައިސާތައް ދޫކުރާނެކަމަށް ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރޯނާއާ ގުޅިގެން އިގްތިސާދީ މި ދަނޑިވަޅުވެސް މިފްކޯއިން މަސްވެރިންނާއެކު އޮންނާނެ ކަމަށާއި އަދި މިހާރުވެސް މިފްކޯގެ ބޯޓުތަކުން މަސްކިރަމުންދާ ކަމަށެވެ.

"މަސްކިރާއިރު ވެސް އަޅުގަނޑުމެން އެބަ މަސްވެރިންނަށް އިރުޝާދު ދެން ސޯޝަލް ޑިސްޓެންސް ބެހެއްޓުން ފަދަ ކަންކަމަަށް، މަސްވެރިން މިހާރުވެސް އުއްމީދުގައި ތިބީ. މިއަދުވެސް އައްޑޫ، ހުވަދު އަތޮޅު ހިސާބުން ތިން ހަތަރު ޓަނުގެ މަސް ބާނައިފި" ފައުޒީ ވިދާޅުވި އެވެ.

މަސްބަންދުކުރާ ފެލިވަރު ފެކްޓްރީގައި މިހާރުވެސް ދަޅު މަސްބަންދުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އަދި އެކްސްޕޯޓް ކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި އޮތް ނަމަވެސް މަސްވެރިންނަށް މަހަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ

comment ކޮމެންޓް