ދަނޑުވެރިން ކަރު އެލުވާލައިގެން، ހެއްދި ތަކެތި ނުވިއްކިފައި!

ދަނޑަށް މީހަކު ފެން ޖަހަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކޮންމެ އަހަރަކު ވެސް ދަނޑުވެރިން އެންމެ އިންތިޒާރު ކުރާ އެއް ދުވަސްވަރަކީ ރޯދަ މަހެވެ. އާންމުކޮށް ކުރާ ވަރަށް ވުރެ ބުރަކޮށް މަސައްކަތް ކޮށްގެން ހައްދާ ތަކެތިކޮޅު ވިއްކާލަން ފޮނުވަނީ މާލެއަށެވެ. ނަމަވެސް ރޯދަ މަހާ ގާތްވެފައިވަނިކޮށް މާލޭގައި ކޮވިޑް19 ފެތުރުމާއެކު މާލެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. ދަނޑުވެރިން ހެއްދި އެތިކޮޅު ވިއްކަން ހުރި ފުރުސަތު މި ވަނީ ހަނިވެފަ އެވެ.

ކޮވިޑް19ގެ ބިރުވެރިކަމާއެކު ބައެއް ރަށްތަކަށް ވެސް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ލޮކްޑައުންކުރި ދުވަހު މާލެއިން ފުރައިގެން މީހުން ދިޔަ ބައެއް ރަށްތައް ވެސް އޮތީ ހަމަ އެ ހާލުގަ އެވެ. ރަށްތަކަށް އަރައިފޭބުން މަނާވި ނަމަވެސް ވަކި އުސޫލެއްގެ ދަށުން މުދާ ބަލައި ޖެޓީއާ ހަމައަށް ދިއުމުގެ ހުއްދަ އޮވެ އެވެ. ދަތިތަކާއެކު ވެސް އެއްބައި ރަށްރަށުގެ ދަނޑުވެރިން ހެއްދި ތަކެތި ވިއްކާލެވުނު ނަމަވެސް ދެންތިބި މީހުން ތިބީ ގޮތް ހުސްވެފަ އެވެ.

ބ. ގޮއިދޫގެ ދަނޑުވެރިން މިއަހަރު ވެސް އެކި ބާވަތްތަކުގެ ތަކެތި ރޯދަ މަހާ ދިމާކޮށް ހެއްދި އެވެ. ގޮއިދޫ ދަނޑުވެރިއެއް ކަމަށްވާ، އަހްމަދު މަޖީދު "ސަން"އަށް ބުނީ އޭނާ ރޯދައަށް ހެއްދި އެތަކެތި ވިއްކޭނެ އަލި މަގެއް އަދި ނުފެންނަ ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ މާލެއަށް އަރައިފުރުން މަނާކޮށްފައިވުމެވެ. އަދި ލޯކަލް މާރުކޭޓް ބަންދުވުމުން އެ މީހުންގެ ތަކެތި މިވަގުތު ވިއްކޭނެ ގޮތެއް ނެތް ކަމަށް ވެސް މަޖީދު ބުންޏެވެ.

"ރޯދަ މަހުގެ ފުރަތަމަ ދުވަހު އެއްޗެހި ގަންނަން މާލެއިން އައި ދޯންޏެއް. އައިގޮތަށް އެމީހުން އެތިބީ ކަރަންޓީނުގައި. އިއްޔެގައި މި ރަށުން ދޯންޏެއް ފުރި މާލެއަށް. ވަރަށް ގިނަ ދަނޑުވެރިން އެއަށް އެއްޗެހި ބަރުކުރި. ދެން މާލެ ގޮސް ވިއްކޭނެ ކަމެއް ނޭނގެ." މަޖީދު ބުންޏެވެ.

ށ. ނަރުދޫ ކައުންސިލްގެ ރައީސް އަހްމަދު އާރިފް ވިދާޅުވީ އެރަށު ދަނޑުވެރިން ހެއްދި ބައެއް ތަކެތި ވިއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. އެ ރަށުން ރޯދައަށް ހެއްދި ތަކެތީގެ ތެރޭގައި ބަޓާނާ، ކަރާ އަދި މިރުސް ހިމެނެ އެވެ.

ނަރުދޫ މީހަކު ކޮވިޑް19އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ލޮކްޑައުން ކުރި ދުވަހު މާލެއިން ފުރައިގެން ދިޔަ ބޯޓެއްގެ ކެޕްޓަނެކެވެ. އެއާއެކު ނަރުދޫ ވެސް އޮތީ އަރައިފޭބުން މަނާކޮށްފަ އެވެ. އާރިފް ވިދާޅުވީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން މާލެ ގެންގޮސްގެން ތަކެތި ވިއްކޭނެ ގޮތް ވެސް ކައުންސިލުން ހަމަޖެއްސި ކަމަށެވެ.

"ކަންތައް ވީ ގޮތުން މީހުން ޖެހިލުންވާނެ ކަންނޭނގޭ ނަރުދޫގެ އުފެއްދުންތައް ގަންނަން ވެސް،" އާރިފް ވިދާޅުވި އެވެ.

ކާށިދޫއިން ވެސް ރޯދަ މަހާ ދިމާކޮށް ގިނަ ބާވަތްތަކުގެ ތަކެތި ވަނީ ހައްދާފަ އެވެ. އެ ރަށު ކައުންސިލަރު އިބްރާހިމް ފައިސަލް ވިދާޅުވީ ތަކެތި ހެއްދި ނަމަވެސް ކުރީގެ ރޯދަ މަސްތަކާ އަޅާބަލާއިރު މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ދަނޑުވެރިކަން ދަށްކަމަށެވެ.

"މި ދިވާވެގެން އުޅޭ ކަންތަކާ [ކޮވިޑް19] ހުރެ އެއީ. ރޯދައަށް ތައްޔާރުވަމުން އައިއިރު ވެސް އޮތީ އެ ހާލަތުގައި ކަމަށް ވީމަ، މިކަމަކާ މާބޮޑު މަސައްކަތްތަކެއް ކުރިވެފައި ނެތް އަސްލު،" ފައިސަލް ވިދާޅުވި އެވެ.

ކ. ކާށިދޫ: ބިން ބޮޑު އެ ރަށަކީ ދަނޑުވެރި ރަށެއް

އޭނާ ވިދާޅުވީ ތަކެތި ގަތުމަށްޓަކައި ރަށްރަށުންނާއި މާލެއިން ކޮންމެވެސް ވަރަކަށް ދޯނިތައް އަންނަ ކަމަށާއި މިދިޔަ ހަފުތާގައި ވެސް މާލެއަށް ކޮންމެވެސް ވަރަކަށް ތަރުކާރީ ފޮނުވި ކަމަށެވެ.

"ކޮންމެވެސް ވަރަކަށް އާދޭ، އެކަމަކު ވާގޮތަކީ އެކޮޅުގައި [މާލޭގައި] އޭޖެންޓެއް އެބަޖެހޭ ހުންނަން. ވިއްކަން ނުތިބެވެންޏާ އަންނަ ދަތިތަކެއް މިއީ،" ފައިސަލް ވިދާޅުވި އެވެ

ކޮވިޑް19ގެ ސަބަބުން ރަށްރަށުން ތަކެތި ގެނައުމުގައި ހުރި ދަތިތަކާއެކު މާލެއިން މިރުސް ލިބުން ވަނީ ދަތިތަމަކަށް ވެފަ އެވެ. މިދިޔަ ރޯދަ މަހު މާލޭގައި ފިހާރަތަކާއި މާރުކޭޓުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު އެކައްޗަކީ ކަނޑޫދޫ މިރުހެވެ.

މިފަހަކަށް އައިސް ސޯޝަލް މީޑިއާ ގުރޫޕުތަކުގައި ކޮންމެވެސް ވަރަކަށް ކަނޑޫދޫ މިރުސް ވިއްކަން ޖަހާފައި ހުންނަތަން ފެނެ އެވެ. މިދިޔަ އަހަރު ވެސް އަގުބޮޑުކޮށް ވިއްކި މި ބާވަތުގެ މިރުސް ވިއްކަން ޖަހާފައިހުރީ 100 ގުރާމު 100 ރުފިޔާއަށެވެ.

ލިބެން ހުރިކަން ޔަގީންކޮށްލަން ގުޅާލުމުން ބުނީ މިވަގުތު ހުރީ ވަރަށް މަދުން ކަމަށާއި އަގު ވެސް 100 ގުރާމު 150 ރުފިޔާއަށް ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ކަނޑޫދޫ މިރުހުގެ އާ ސްޓޮކެއް ލިބޭނެ ކަމަށް ބުންޏެވެ.

ކަނޑޫދޫ މިރުސް: މިފަހުން ވެސް މިރުސް ކިލޯއެއް ވިއްކީ 950 އާއި 1000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި --- ސަން ފޮޓޯ

ތޮއްޑޫއިން ވެސް ވަނީ އާދިއްތަ ދުވަހުގެ ރޭ ދެ ދޯންޏަކުން 67 ޓަނުގެ ކަރާ މާލެއަށް ފޮނުވާފަ އެވެ. ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތަކާއެކު ފޮނުވި ތަކެތީގެ ބަރުދަނުގައި 95ޓަނު ހުންނާނެ ކަމަށް އެ ރަށުން ކައުންސިލުން ވަނީ ބުނެފަ އެވެ.

https://sun.mv/135514

މާލޭގައި ކޮވިޑް19 ފެތުރުމުގެ ސަބަބުން މާރުކޭޓުތައް ބަންދުކޮށް، ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތުމުން ވިޔަފާރި ކުރާ މީހުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ރަށްރަށުން މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގައި ތިބޭ މީހުންނަށް މާލެއަށް ފޭބުން އޮތީ މަނާކޮށްފަ އެވެ. ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރަށްރަށަށް މީހުން އަރައިފޭބުން މަނާކުރުމާއެކު ރަށްތަކުގައި ހެއްދި ތަކެތި ވިއްކަން ފޮނުވާނެ ފުރުސަތު އޮތީ ވަރަށް ހަނިވެފަ އެވެ. މިއީ، ދަނޑުވެރިންނަށް މާޔޫސްކަން ބޮޑު ރޯދަމަހެކެވެ.

comment ކޮމެންޓް