ހައްދު ޖެހުން ހުއްޓާލަން ސައޫދީން ނިންމީ ތައުޒީރީ ކުށްތަކަށް އެކަނި : އުކާޒް

އިސްލާމީ ގައުމެއްގައި ތައުޒީރު ކުރަނީ

ރިޔާޟް (26 އެޕްރީލް 2020) : ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ހަމައެކަނި ތައުޒީރީ ކުށްތަކުގައި އެކަނި ކަމަށް އެގައުމުގެ ނޫހެއްކަމަށްވާ "އުކާޒް" އިން ބުނެފި އެވެ.

ސައޫދީ މަޝްހޫރު ނޫހެއްކަމަށްވާ "އުކާޒް" ބުނާގޮތުން ސައޫދީ އެންމެމަތީ ޝަރުޢީ މަސްދަރުތަކުން އެނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްދު ޖެހުން ނުވަތަ ހަންމުށިން ތެޅުން ހުއްޓާލުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ތައުޒީރުގެ ގޮތުން އަދަބު ދެވޭ ކުށްތަކަށް އެކަންޏެވެ. އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކުގެ އިތުރުން ތައުޒީރީ ކުށްތަކުގެ ގޮތުގައި ސައޫދީގައި ޖިލްދުކުރަނީ ނުވަތަ ހަންމުށިން ތަޅަނީ އިސްލާމް ދީނަށް ފުރައްސާރަކުރުން ފަދަ ކުށްތަކަށެވެ. މިފަދަ އަބަދުތައް މިހާތަނަށް ސައޫދީގައި ދެމުން ގެންދިޔައީ ހައްދު ޖަހާގޮތަށް ހަންމުށިން ތަޅައިގެންނެވެ.

ދެން މިފަދަ ހާލަތްތަކުގައި ހައްދު ޖެހުން ޖިލްދުކުރުން ނޫނީ ހަންމުށިން ތެޅުމުގެ ބަދަލުގައި ދެން ކޯޓުތަކުން ކަނޑައަޅާނީ އެއަދަބަކާ އެކަށޭނަ ވަރުގެ ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކަމަށް ސައޫދީ ސްޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް "އުކާޒް" ނޫސް ބުނެ އެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކަށް އަދަބު ދިނުމުގައި ހައްދު ޖެހުން އަދި ވެސް ތަންފީޒް ކުރާނެކަމަށް "އުކާޒް" ބުނެއެވެ.

ސައޫދީ ސުޕްރީމް ކޯޓުން އެކުލަވާފައިވާ ޝަރުޢީ ވަޘީޤާ "ޖުޑިޝަލް ޑޮކިއުމެންޓް" އާ ހަވާލާދީ މިދޔަ ހުކުރުދުވަހު ރޮއިޓާސް އިން ވަނީ ސައޫދީގައި މީގެފަހުން ހައްދު ޖެހުން އެއްކޮށް ހުއްޓާލި ކަމަށް އެ ޑޮކިއުމަންޓް ބުނާކަމަށާއި ހައްދު ޖަހަންޖެހޭ ހާލަތްތަކުގައި ހައްދު ޖެހުމުގެ ބަދަލުގައި ދެން ކޯޓުތަކުން ކަނޑައަޅާނީ އެއަދަބަކާ އެކަށޭނަ ވަރުގެ ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކަމަށް ބުނެފައެވެ.

އިސްލާމީ ޝަރީޢަތުގައި ތައުޒީރުގެ ގޮތުން ދެވޭ އަދަބުތަކަށް ޖިލްދުކުރުމުގެ ބަދަލުގައި ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކުރަން ސައޫދީ ސްޕްރީމް ކޯޓުން ނިންމިކަމަށް ރޮއިޓާސްއިން ބުނެފައިވާއިރު އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާމެދު އެގޮތަށް ނުނިންމާކަން ރޮއިޓާސްއިން ހާމަކޮށްފައެއް ނުވެއެވެ. އަދި ސައޫދީ މަސްއޫލުވެރިއަކުވެސް މިއޮޅުންތައް ސާފުކޮށް ދެއްވާފައެއް ނުވެއެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީ ސުޕްރީމް ކޯޓުން ނިންމިކަމަށް އަލްޖަޒީރާއިންވެސް ބުނެފައިވާއިރު ހައްދު ޖެހުން ހުއްޓާލީ ހަމައެކަނި ތައުޒީރީ ކުށްތަކަށް އެކަނިކަން އަލްޖަޒީރާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ވައްކަން ކުރުމުން އަތްބުރިކުރުމާއި މީހުންމެރުމާއި ޓެރިޒަމްގެ އަމަލުތައް ހިންގިކަން ސާބިތުވާ މީހުންގެ ބޯކެނޑުމުގެ އަދަބު ސައޫދީން ހުއްޓާނުލާކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.

ތައުޒީރީ ކުށްތަކުގައި ހައްދު ޖެހުން ސައޫދީން ހުއްޓާލުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމްއިއްޔާ އެއްކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ސައޫދީ ސަރުކާރުން އުފައްދާފައިވާ ހިޔުމަން ރައިޓްސް ކޮމިޓީގެ ރައީސް ޢައްވާދުލްޢަވާދުވެސް ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. ޢައްވާދުވަނީ އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން ސައޫދީ ސަރުކާރުން މިފަހަކަށް އައިސް ގިނަ އިސްލާހުތަކެއް ގެންނަމުންދާކަމަށް ވިދާޅުވެފައެވެ. (ޢުކާޒު + އަލްޖަޒީރާ + ރޮއިޓާސް)

comment ކޮމެންޓް