ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 20،000 އަށް ވުރެން ދަށް ކުރަން ގޮވާލައިފި

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ދައުލަތުގެ ހުރިިހާ މުވައްޒަފުންގެ މުސާރަ 20،000ރ. އަށް ވުރެން ދަށް ކުރުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރަމުންދާ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ، މި ހާލަތަކީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ނޫން ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ގޮތުން ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކަށް ދޭ ފައިސާގެ އިނާޔަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަން ސަލީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ރައީސުން ގައުމާއި މެދު އިހްލާސްތެރިކަމެއް ހުރި ނަމަ އަމިއްލައަށް އިނާޔަތްތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

"ދައުލަތުގައި އެއްވެސް މީހަކު މިހާރު ހުރެގެން ނުވާނެ 20 ނުވަތަ 25 ހާހަށްވުރެން މަތީ މުސާރައެއް ލިބޭ ބޭފުޅަކު އެއީ ހުދު ރައިސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް،" މެމްބަރު ސަލީމް ވިދާޅުވި އެވެ.

އެގޮތުން ރައިސުލްޖުމްހޫރިއްޔާ އަށް ދައުލަތުން ހުރިހާ ހަރަދެއް ކުރަމުން އަންނަ ކަން ވެސް ސަލީމް ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން ކުރިއަށް އޮތް ހަ މަސް ދުވަހު މުސާރަ ނުނެންގެވުމަށް ސަލީމް ވަނީ އެދިވަޑައިގެންފަ އެވެ.

ހަމައެއާ އެކު މަޖިލިސް މެންބަރުންގެ މުސާރަ ވެސް 20،000 އަށް ވުރެން ބޮޑު ނުވާގޮތަށް ކުޑަކުރުމަށް ސަލީމް ވަނީ ގޮވާލައްވާފަ އެވެ. އަދި މެންބަރުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތައް ހަދައި ކޮންމެ ޖަލްސާއެއް އޮންނަ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދެވިދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ދެން ސިވިލް ސާވިސްގެ މުސާރައިން އެންމެ އެއްޗެއް ވެސް އުނިކޮށްގެން ނުވާނެ،" މެމްބަރު ސަލީމް ވިދާޅުވި އެވެ.

ސިޔާސީ އެއްވެސް މުވައްޒަފެއްގެ މުސާރަ ވެސް 20،000 ރުފިޔާއަށް ވުރެން ކުޑަވެގެން ނޫނީ މި ހާލަތުން އަރައި ނުގަނެވޭނެ ކަން ސަލީމް ވަނީ ފާހަގަކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރުގެ ވިސްނުން ހުރީ ކުރިން ހަރަދު ކުރި ވަރަށް ފައިސާ ހަރަދުކޮށްގެން ކަންކަން ކުރުންކަން ފާހަގަކޮށް ސަލީމް ވިދާޅުވީ އެ ވިިސްނުން ދޫކޮށް މިހާރު ފަށާފައި ހުރި މަޝްރޫއުތައް ވެސް ހުއްޓާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ދާންވީ 2013 ވަނަ އަހަރުގެ ބަޖެޓަށް އެ ބަޖެޓަކީ ގާތްގަޑަކަށް 17 ބިލިއަން ރުފިޔާއޭ އަޅުގަނޑު ހަނދާން ވަނީ 2014 ވަނަ އަހަރުގެ ބަޖެޓަކީ 21 ބިލިއަނުގެ ބަޖެޓެއް. އެހިސާބަށް އަޅުގަނޑުމެން ތިރިވާންވީ. އަޅުގަނޑުމެން ތިރިވާން ޖެހުނީމަ އަޅުގަނޑުމެން ތިރިވާން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.

މި ދަނޑަވަޅުގައި ވިސްނުންތެރިކަމާއި އެކު ކަންކަން ނުކޮށްފި ނަމަ މި ގައުމު އަތް ނުފޯރާ ހިސާބަށް ގޮޮސްދާނެ ކަން ސަލީމް ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް