ތޮއްޑޫއިން މާލެ އަށް 67 ޓަނުގެ ކަރާ ފޮނުވައިފި

ތޮއްޑޫ އިން ރޭ މާލެ ފޮނުވުމަށް ދޯންޏަށް ކަރާ ބަރުކޮށްފައި --- ސަން ފޮޓޯ: އަހްމަދު ޝަރުވާން

ކަރާ އައިިލެންޑްގެ ގޮތުގައި މަޝްހޫރުވެފައިވާ އއ. ތޮއްޑޫ އިން ވެރި ރަށް މާލެއަށް 67 ޓަނުގެ ކަރާ ފޮނުވައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަށް ތޮއްޑޫ އިން އެތައް ޓަނެއްގެ ކަރާ މާލެއަށް ގެނެ އެވެ. ނަމަވެސް މި އަހަރުގެ ރޯދަމަސް ފެށި ދެ ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ތޮއްޑޫ ކަރާ މާލެއަށް ގެނެވިފައި ނުވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތުމުންނެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ޚަދީޖާ ނިއުޝާ 'ސަން' އަށް މިއަދު ވިދާޅުވީ، އެ ރަށުން ކަރާ ބަރުކޮށްގެން ދެ ދޯނި ރޭ މާލެއަށް އައިސްފައިވާ ކަމަށާއި އެކު ޖުމްލަ 67 ޓަނު ހުންނާނެ ކަމަށެވެ.

ތޮއްޑޫ ކަރާ ދަނޑުގައި ދަނޑުވެރިން: މިދިޔަ އަހަރާއި އަޅާބަލައި މި އަހަރު ދަނޑުތަކުގެ ހާލަތު ރަނގަޅު --- ސަން ފޮޓޯ: އަހްމަދު ޝަރުވާން

އެއް ދޯނީގައި 50 ޓަނު އަދި އަނެއް ދޯނީގައި 17 ޓަނުގެ ކަރާ ހުންނާނެ ކަން ނިއުޝާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ކަރާގެ އިތުރުން ވެސް ތަރުކާރީއާ ފަތްޕިލާވެލީގެ އެތައް ބާވަތެއް ދެ ދޯނީގައި މާލެ ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ރޭ އެ ރަށުން ގާތްގަޑަކަށް 95 ޓަނުގެ ސާމާނު މާލެއަށް ފޮނުވާފައިވާނެ ކަމަށް ވެސް ނިއުޝާ ވިދާޅުވި އެވެ.

މާލޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ދަތުރުތައް ކޮންޓްރޯލް ކޮށްފައި އޮތް ނަމަވެސް ދަނޑުވެރިންނާއި އޮޑިވެރިންގެ އެދުމުގެ މަތިން ރަށުން މޭވާ އާއި ތަރުކާރީ މާލެ ފޮނުވުމަށް ކޮންމެ ދޯންޏަކަށް ވެސް ހަފްތާ އަކު އެއް ދަތުރު ދިނުމަށް ނިންމާފައިވާކަން ވެސް ނިއުޝާ ފާހަގަކުރެއްވި އެވެ.

ބަލިމަޑުކަމާ ގުޅިގެން ތޮއްޑޫގެ އެންމެ ބޮޑު މާކެޓް ކަމުގައިވާ މާލެއަށް ދަނޑުވެރިންގެ ތަކެތި ނުފޮނުވުނު ނަމަވެސް އިތުރު މަގެއް ވަނީ ފަހިވެފަ އެވެ. އެއީ ރާއްޖޭގެ އެކި އަތޮޅުތަކުން އެ ރަށަށް ކަރަލާއީ އެހެނިހެން ދަނޑުވެރިކަމުގެ އާލާތްތައް ހޯދުމަށް ދަތުރު ހަދާފައި އައުމެވެ.

ތޮއްޑޫގެ ދަނޑުތައް --- ސަން ފޮޓޯ: އަހްމަދު ޝަރުވާން

"ގާތްގަޑަކަށް ރޯދައިގެ ކުރީގައި 100 ޓަނުގެ ކަރާ ބޭރުކުރެވިފައި ހުންނާނެ އަތޮޅުތެރެއަށް،" ނިއުޝާ ވިދާޅުވި އެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު ތޮއްޑޫގެ ކަރާ ދަނޑުތައް މި އަހަރު، މާ ބޮޑު ގެއްލުންތަކެއް ނުލިބި ހެއްދިފައިވާ ކަމަށް ދަނޑުވެރިން ބުނެ އެވެ. ވިއްސާރައިގެ ސަބަބުން މިދިޔަ އަހަރު ދަނޑުތަކަށް ގެއްލުންތަކެއް ލިބުނު ނަމަވެސް މި އަހަރު އެކަހަލަ އެއްވެސް އުނދަގުލެއް ނުލިބި ކަރާ ހެއްދުނު މިންވަރު ވެސް އިތުރު ވެފައިވާކަން ދަނޑުވެރިން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް