އަންނަ މަހު ތިނަކުން ފެށިގެން ދަމަނަވެށިން ވެކްސިން ދޭނެ

ކުއްޖަކަށް ވެކްސިން ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މާލޭގައި ވަގުތީ ގޮތުން ވެކްސިން ދިނުމުގެ ހިދުމަތް މެދުކަނޑާލައިފައި އޮތް ނަމަވެސް އަންނަ މަހު ތިނަކުން ފެށިގެން ދަމަނަ ވެށިން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސަން ނިންމައިފިއެެވެ.

ދަމަނަވެށިން މިރޭ ނެރުނު ބަޔާނުގައި ބުނީ 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭން ޖެހޭ ވެކްސިންތަކުގެ ތެރެއިން ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިން ދިނުމަށް އެތަން އަންނަ މަހު ތިނަކުން ފެށިގެން ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ވެކްސިން ދޭނީ އެޕޮއިންޓްމަންޓް އުސޫލުންކަމަށްވެސް ވަނީ ބުނެފައެވެ.

ދަމަނަވެށިން ބުނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކަުވެސް ހެނދުނު 10 އަކުން މެންދުރު އެކަކަށް އެޕޮއިންޓްމަންޓް ދޫކުރާނެ ކަމަށެވެ.

އެޕޮއިންޓްމަންޓް ދޫކުރުމުގައި ކުއްޖާގެ ނަމާއި އުފަން ތާރީހާއި އެންމެ ފަހުން ވެކްސިން ޖެހި ތާރީހާއި ކުއްޖާ ދިރިއުޅޭ އެޑްރެސްގެ އިތުރުން ކުއްޖާ ދިރިއުޅޭ ގެއަކީ މޮނީޓަރިންގައި އޮތް ހާލަތުގައި އޮތް ގެއެއްތޯ ނޫނީ ނޫންތޯ ބުނެދޭންޖެހޭނެކަމަށް ދަމަނަވެށިން ބުންޏެވެ.

ދަމަނަވެށިން ބުނީ ހަމައެކަނި ފަނިބޭސް އަދި ވިޓަމިން އޭ ދޭން ޖެހޭ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ވިޓަމިން ދޫކުރާނީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10 އަކުން މެންދުރު އެކަކަށް ކަމަށެވެ.

އެމްއާރު ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ ފަރާތްތަކާއި އިންފްލުއެންޒާ ޖަހަން ބޭނުންވާ ފަރާތްތަކުންވެސް 3322403 އާ ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެކަމަށް ދަމަނަވެށިން ބުންޏެވެ.

comment ކޮމެންޓް