އާޒިމް ސަރުކާރަށް: އެމްއެމްއޭއިން ނަގާ ފައިސާ ދައްކާނެ ގޮތް ބުނެދީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު، ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން އެދިފައިވާއިރު، އެ ފައިސާ އަނބުރާ ދައްކާނެގޮތް ސާފުކޮށްދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން މެމްބަރު އާޒިމް މިއަދު ވިދާޅުވީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތުމުން، ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކޮށްދިނުމަކީ އެމްޑީޕީއަށް މާ ބޮޑު ކަމެއް ނޫން ކަމަށެވެ. ބަހުސް ކުރުމެއް ނެތި، މާބޮޑަށް ނުބަލައި ސަރުކާރުން ބޭނުންވާ ގޮތް ހަދައިދެވިދާނެ ކަމަށެވެ.

"އެހެންނަމަވެސް އެއީ ނިމިދިޔަ މަޖިލީހުގައި ކަން ކުރި ގޮތް. ހުދުމުހުތާރު ވެރިިޔަކު ކަން ކުރި ގޮތް، އޭރު ހިންގި ގޮތަކީ ސަރުކާރުންް ކަމެއް ކުރަން ބޭނުންވިއްޔާ މަޖިލީހަށް ފުލުހުން ސިފައިން ވަދެ ވަށާލަނީ. އަތުޖެހުނިއްޔާ އެ މެމްބަރަކު ހައްޔަރުކުރަނީ ޖަލަށް ލަނީ. އެހެން ނަމަވެސް މިއަދު ސަރުކާރުން ކަމެއް ނުރަން ބަލީ ރައްޔިތުންގެ ރުުހުން ހޯދަން. ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ސަރުކާރުން ކަންކަން ކުރުމަށް،" އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރުން އެދިފައިވާ ކަންތަކާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާ، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު މެނުވީ ގޮތެއް ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ.

އާޒިމް ވިދާޅުވީ މި ކަންކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފަހުން ވާނެ ގޮތެއް މިހާރު އެނގިފައި އޮތުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިވަގުތު އެންމެން ވެސް ފޫގަޅާފައި މިތިބީ ވެންޓިލޭޓަރުން އިގްތިސޯދު ނެގުމަށް ކަމަށެވެ.

ވެންޓިލޭޓަރުގައި އޮންނަ ބަލިމީހާ ވެސް އޭގެން ނެގޭނީ، އެމީހާ ބަސް އަހައިގެން ކަމަށާއި އެހެންކަމުން މިވަގުތު ފިނޭންސް މިނިސްޓަރު ވެސް މަޖިލީހުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވައި "ބަސް އަހަން" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަހަނީ ދެ ވާހަކައެއް. އަޅުގަނޑުމެން އަހާ ފުރަތަމަ ވާހަކައަކީ އަނބުރާ ދައްކާގޮތަށް ނަގާ ފައިސާ، އެމްއެމްއޭ އަށް ނުވަތަ މަރުކަޒީ ބޭންކަށް ދައްކާނީ ކޮން ދުވަހަކު ހޭ. ދައްކާނެ ގޮތަކީ ކޮބާހޭ. ދެވަނަ ވާހަކައަކީ އަނބުރާ ފައިސާ ދައްކާނީ ކޮންތާކުން ކޮން ގޮތަކަށް ހޯދާ ފައިސާއަކުން ހޭ. ވަރަށް ފަސޭހަ ދެ ސުވާލު،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ދެ ސުވާލުގެ ޖަވާބު މިހާރު ލިބިފައިވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށާއި އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް އެ ސުވާލުތަކުގެ ޖަވާބު އަންގާފައި ނުވާ ކަމަށެވެ.

މަޖިލީހުން އެ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވާ ސަބަބު ވެސް އާޒިމް ވިދާޅުވެދެއްވި އެވެ. އާޒިމް ވިދާޅުވީ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، މަޖިލީހުން ދޭ ހުއްދައަކީ ފައިސާ ޗާޕުކުރަން ދޭ ހުއްދައެކެވެ. އަދި ބައެއް މެމްބަރުން އެކަމާ އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ނަގާ ފައިސާ އަނބުރާ ދައްކާ ނިންމާނެ ތާރީހަކާއި، ފައިސާ ހޯދާނެ ގޮތެއް އެނގެން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެއީ ފައިސާ ދައްކަން އޮންނަން މުއްދަތުގައި ނުދައްކައިފިނަމަ އެއީ ހަމަ ފަައިސާ ޕްރިިންޓު ކުރުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ފައިސާ ޗާޕުކޮށްގެން އެ ފައިސާ މުޖުތަމައުުގައި ދައުރުވެގެން ދާނަމަ ތަކެތީގެ އަގު އެތައް ގުނައެއް އުފުލިގެން ދާނެ ކަމަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމުގައި ވަކި އުސޫލުތަކެއް ނުވަތަ ހަމަތަކެއް ނެތިއްޖެނަމަ އެ ދެވެނީ ބްލޭންކް ޗެކެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ޕަބްލިކް އެކައުންޓް އޯވަޑްރޯ (އޯޑީ) ކުރުމަކީ، ފައިސާ ޗާޕް ޖެހުން ނޫން ކަމަށާއި އެކަމަށް އެދުމަކީ ބްލޭންކް ޗެކެއް ހޯދުމަށް އެދުން ކަމަށް ނުބެލެވޭނެ ކަމަށެވެ.

comment ކޮމެންޓް