އެމްއައިބީގެ ކަސްޓަމަރުން އޮންލައިން ވިޔަފާރިކޮށްގެން 20،000 ރުފިޔާ ހޯދުމުގެ ފުރުސަތު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ކަސްޓަމަރުން އޮންލައިންކޮށް ވިޔަފާރިކޮށްގެން 20،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެމްއައިބީ އިން ބުނީ "ސްޓޭ ހޯމް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން އެންމެ ގިނަ އޮންލައިން ޓްރާންސެކްޝަން ހަދާ ކަސްޓަމަރަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 20،000 ރުފިޔާ ލިބޭނެ ކަމަށެވެ.

އެމްއައިބީގެ "ފައިސާ ޕޭ" އާއި "ފައިސާ މޯބައިލް" އަދި "ފައިސާ ކާޑު" ގެ އިތުރުން "ފައިސާ ނެޓު" ބޭނުން ކޮށްގެން ފަސް ޓްރާންސެކްޝަނަށްވުރެ ގިނަ ޓްރާންސެކްޝަން ހެދުމުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެއެވެ.

އެންމެ ގިނައިން ޓްރާންސެކްޝަން ހަދާ ކަސްޓަމަރުގެ އިތުރުން އިތުރު ފަސް ނަސީބުވެރިއަކު ހޮވާނެ ކަމަށާއި ދެވަނައަށް އެންމެ ގިނަ ޓްރާންސެކްޝަން ހަދާ ފަސް ކަސްޓަމަރުންނަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާކަމަށް އެމްއައިބީ އިން ބުންޏެވެ.

މީގެ އިިތުރުން އެ ބޭންކުގެ އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން 250 ރުފިޔާގެ މަތިން ވިޔަފާރި ކުރާ ކަސްޓަމަރުން ދައްކާ ފައިސާގެ ދެ ޕަސެންޓް އަނބުރާ ލިބޭނެ ޕްރޮމޯޝަނެއްވެސް ވަނީ ފަށައިފައެވެ.

އެމްއައިބީން ވަނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން ހިދުމަތް މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ ފިހާރަތަކުގެ ލިސްޓެއް ވެސް އާންމުކޮށްފައެވެ.

ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ފައިސާގެ މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރުމަށް ކަމާބެހޭ ފަރާތްތަކުންވެސް ދަނީ ބާރު އަޅަމުންނެވެ.

comment ކޮމެންޓް