ކަސްޓަމަރުންގެ އެދުމަށް ވެމްކޯ އިން ޑަސްބިން ކޮތަޅު ވިއްކަނީ

ގެއެއްގެ ބޭރުގައި ކުނި ކޮތަޅުތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑަސްބިން އެޅުމަށް ބޭނުންކުރާ ކޮތަޅު ލިބުން ދަތިވެ، ވެމްކޯގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ޑަސްބިން ކޮތަޅު ވިއްކަން ފަށާފައިވާކަމަށް ވެމްކޯ އިން ބުނެފިއެވެ.

އާންމުކޮށް ގޭގޭގައި ޑަސްބިން އެޅުމަށް ބޭނުންކުރާ އެކްސްއެލް ސައިޒު (ރަތް ކޮތަޅު) ލިބުން ދަތިވާކަމުގެ ޝަކުވާ ބޮޑުވެފައިވަނީ ލޮކްޑައުންގެ ހާލަތުގައި ފިހާރަތައް ބަންދުވެ، އާންމު ހާލަތުގައި ވިޔަފާރި ކުރާ އުސޫލުން ވިޔަފާރި ކުރުމުގެ ފުރުސަތު ބަންދުވެފައި ވާތީއެވެ. ބައެއް ފިހާރަތަކުންވެސް، ކަސްޓަމަރުންނަށް ތަކެތި އަޅާފައިދޭ ކޮތަޅު ނުލިބޭކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އެކުންފުނީގެ ގިނަ ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއް ޝަކުވާއަކީ ލޮކްޑައުންގެ މި ހާލަތުގައި ޑަސްބިން ކޮތަޅު ނުލިބޭކަމުގެ ޝަކުވާ ކަމަށާއި ކަސްޓަމަރުން ބޭނުންކުރާނެ ކޮތަޅު ވެމްކޯގެ ފަރާތުން ފޯރުކޮށްދިނުމަށް ގިނަ ކަސްޓަމަރުން އެދުނު ކަމަށެވެ.

"ކަސްޓަމަރުން ޑަސްބިން ބޭގު ގަންނަން ބޭނުންނަމަ އަޅުގަނޑު މެންނަށް ވައިބާ ކުރަންވީ. އޮންލައިންކޮށް ޕޭމެންޓު ހެދުމުން ކޮތަޅު ޑެލިވާ ކޮށްދޭނެ،" ވެމްކޯގެ އެމްޑީ ވިދާޅުވިއެވެ.

އެގޮތުން ކަސްޓަމަރުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ގޭގެ އެޑްރެސް އަދި ކޮތަޅު ބޭނުންވާ އަދަދު ލިޔުމަށްފަހު 7621666 އަށް ވައިބާ ކުރުމުން އޯޑަރު ދެވުނީއެވެ. އޯޑަރު ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އާއި ހަވީރު 16:00 އާއި ދެމެދުއެވެ.

ވެމްކޯ އިން ބުނީ 60 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 150 ރުފިޔާ ކަމަށާއި އޯޑަރު ދިނުމަށްފަހު އެކުންފުނީގެ އެކައުންޓު ނަންބަރު 7730000058275 (ބީއެމްއެލް އެކައުންޓް) އަށް ލާރި ޓްރާންސްފާކޮށް، ސްލިޕްކޮޅު ވައިބާ ކުރުމުން ކޮތަޅު ޑެލިވާކޮށްދޭނެ ކަމަށެވެ.

ކޮތަޅު ޑެލިވާކުރުމަށް ނަގާނީ ތިން ދުވަސް ކަމަށާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކަސްޓަމަރުންނަށް ކޮތަޅު ފޯރުކޮށްދޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ.

ކޮވިޑް19 ގެ މިހާލަތުގައި ވެމްކޯ އިން ވަނީ ކުނި ނެގުމަށް އިތުރު ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފައެވެ. އެގޮތުން ގޭގޭގެ މަތީ ފްލޯތަކަށް އެރުމުގެ ބަދަލުގައި ކޮންމެ ގެއަކުންވެސް އެގޭގައި އުފެދޭކުނި އެދުވަހެއްގެ މެންދުރު 12 އާއި 14:00 އާއި ދެމެދު ބޭރަށް ނެރުމަށް ވެމްކޯ އިން ވަނީ އެދިފައެވެ. އަދި ކުނި ބަންދުކުރާއިރު ޑަބަލް ކޮތަޅު ހެދުމަށާއި ކޮތަޅުގެ ހަތަރުބައިކުޅަ ތިންބަޔަށް ކުނި އެޅުމަށް ވެމްކޯ އިން ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.

comment ކޮމެންޓް