ފިހާރަތަކަށް ޖީއެސްޓީ އިން ލުޔެއް ދެނީ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް19 އާއި ގުޅިގެން އައިސްފައިވާ ލޮކްޑައުންގެ ހާލަތުގައި ގިނަ އަދަދެއްގެ ފިހާރަތައް ނުހުޅުވައި އެބަހުރި ކަމަށާއި މިހާލަތުގައި ފިހާރަތަކުން ދައްކާ ޖީއެސްޓީ އަށް ލުޔެއް ދިނުމަށް ނިންމާފައިވާކަމަށް މީރާގެ ޗެއާޕާސަން އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި އެކަމާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މިއަދު މެންދުރު ފިނޭންސް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ސަރުވަޝް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީއެސްޓީ ޑެޑްލައިން މިމަހުގެ 28 ގައި ހަމަވާނެ ކަމަށާއި ޖީއެސްޓީ ދެއްކުމާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހާމަ ކުރާނެ ކަމަށެވެ.

"މާދަމާ ނޫނީ މާދަމާ ނޫން އަނެއްދުވަހު މީރާއިން އާންމުކޮށްދޭނެ ކިހިނެއްކަން އަމަލު ކުރާނީ،" ސަރުވަޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ގިނަ ފިހާރަތައްވެސް ނުހުޅުވާ ކަމަށާއި މިއީ ވިޔަފާރިތަކަށްވެސް ދަތިވަގުތެއްކަން ގަބޫލު ކުރައްވާ ކަމަށެވެ.

"އެއާ ގުޅިގެން އޮންލައިންކޮށް ފައިލް ކުރައްވާ ބޭފުޅުން ފިޔަވާ އެހެން ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ. އަދި އެއާ އެކީގައި އޮންލައިންކޮށް ފައިލް ކުރާ ފަރާތްތަކަށް ހަދާނެ ގޮތެއްވެސް ވަރަށް އަވަހަށް އިއުލާނު ކުރާނަން،" ސަރުވަޝް ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތައް ފިޔަވައި އެހެން ވިޔަފާރިތަކުން ވިއްކާ މުދަލާއި ހިދުމަތަށް ޖީއެސްޓީގެ ގޮތުގައި ހަ ޕަސެންޓު ނަގާއިރު ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ.

ކޮވިޑް19 އާއެކު އައިސްފައިވާ އިގްތިސޯދީ ލޮޅުމާ ގުޅުގެން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީވެސް ދަށަށް ދާނެއެވެ. މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 637.67 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 94.44 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

comment ކޮމެންޓް