ދޮޅު މަހަށް ފަހު ޓީސީގެ ކުޅުންތެރިން އާއިލާގެ ގާތަށް

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭއެފްސީ ކަޕް މެޗަކަށް މިދިޔަ މަހުގެ ކުރީކޮޅު ބަންގްލަދޭޝަށް ކުރި ދަތުރަށް ފަހު، ސްރީ ލަންކާގަޔާއި، ރާއްޖޭގެ ފުރަވެރި ރިސޯޓުގައި ދޮޅު މަހެއް ވުރެން ގިނަ ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށްފަހު ޓީސީގެ ކުޅުންތެރިން މިއަދު ދޫކޮށްލައިފި އެވެ.

"ސަން" އަށް އިނގިފައިވާ ގޮތުގައި ޓީސީގެ ކުޅުންތެރިން މިއަދު ދޫކޮށްލާފައި ވަނީ ކަރަންޓިނުކޮށްފައި ތިބި އެ ޓީމުގެ 29 ކުޅުންތެރިޔަކު ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރުމަށްފަހު އެހުރިހ ކުޅޯުންތެރިން ވެސް ބައްޔަށް ނެގެޓިވް ވުމުންނެވެ.

އޭއެފްސީ ކަޕް މެޗު ކުޅުމަށް ޓީސީ ޓީމު ބަންގްލަދޭޝަށް ދިއުމަށް ރާއްޖޭން ދަތުރުފެށީ މާޗް ހަތް ވަނަ ދުވަހު އެވެ. އޭގެފަހުން އެޓީމު ތާށިވެ އާއިލާއާ ދުރުގައި ވަނީ ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ޓީސީ ޓީމުގެ މެމްބަރުން އެނބުރި އާއިލާ ގާތަށް ދިއުމުގެ ފުރުސަތު މިއަދު ލިބުނީ ދަތުރުފެށިތާ 49 ދުވަސް ފަހުންނެވެ.

ބަންގްލަދޭޝްގެ ދަތުރު ނިންމާފައި ކުޅުންތެރިން މާލެ އައި މަގުމަތީގައި ސްރީ ލަންކާގައި ޓީމު ކަރަންޓީން ކުރަން ޖެހުނީ އޭރު ބަންގްލަދޭޝްއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުންނެވެ. އަދި ލަންކާގައި ތީސީގެ ކަރަންޓީން ފުރިހަމަ ކުރަމުން ދަނިކޮށް އެގައުމު ލޮކްޑައުން ކުރުމާ ގުޅިގެން 26 ދުވަހު އެގައުމުގައި ތިބެން ޖެހުނެވެ،

ޓީސީ ޓީމު ރާއްޖެ އައީ މޯލްޑިވިއަނުން ހަމަޖެއްސި ފްލައިޓެއްގައި މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި، ރާއްޖޭން ބޭރުން އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީނު ފެސިލިޓީއަކަށް ގެންދަން ދިވެހި ސަރުކާރުން ނިންމާފައިވާތީ ޓީސީ ޓީމު ވަނީ އެރޭ ފުރަވެރި ރިސޯޓަށް ގެންގޮސްފަ އެވެ.

"ވަރަށް އުފާވެއްޖެ މިހާ ގިނަ ދުވަސްތަކެއް ކޮށްލާފައި އާއިލާއާ ދިމާވީމަ. ބުނެދެން ވެސް ނޭންގޭ ފަދަ އިހުސާސެއް ކުރެވުނީ،" ޓީސީގެ މިޑްފީލްޑަރު މުހައްމަދު އައްޒާމް ބުންޏެވެ.

އޭނާ ބުނީ ހުރިހާ ކުޅުންތެރިން ވެސް މިހާރު އާއިލާތައް ގާތަށް ރަށްރަށަށް ފުރާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 116 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 16 މީހުން ވަނީ ރަނގަޅުވެފަ އެވެ.

comment ކޮމެންޓް