ދަރަނިތައް ދެއްކުން ލަސްކޮށްދޭން ރާއްޖެއިން އެދެނީ، 4 ބިލިއަން ސަލާމަތްކުރެވޭނެ

ނޭޝަނަލް އިމެޖެންސް އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ---

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ އަދަވަޅުން އަރައިގަތުމަށް ޑެޓް ރިލީފްއަށް ނުވަތަ، ދަރަނިތައް ލަސްކޮށްދިނުމަށް ރާއްޖެއިން ރަސްމީކޮށް އެދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމެޖެންސް އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކުރިއަރަމުން އަންނަ ގައުމުތަކަށް ޑެޓް ރިލީފް މޮރޮޓޯރިއަމެއް ދިނުމަށް އެންމެ ފަހުން ބޭއްވި އައިއެމްއެފް އާއި ވޯލްޑްބޭންކުގެ ބައްދަލުވުންތަކުގައި ޖީ20 ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެ އިން ވެސް ޑެބިޓް ރިލޯފް މޮރޮޓޯރިއަމެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަސްމީކޮށް އެކަމަށް ހުށަހަޅާނެ ކަމަސް މިނިސްޓްރު އަމީރު ފާހަގަކުރެއްވި އެވެ. އެކަން އެގޮތަށް ވެއްޖެ ނަމަ ރާއްޖޭގެ ޖުމްލަ ހަރަދު އަހަރު ނިމޭއިރު ހުންނާނީ ގާތްގަޑަކަށް 25 ބިލިއަން ރުފިޔާގައި ކަން މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިގޮތަށް ޑެޓް މޮރޮޓޯރިއަމެއް ލިބިއްޖެ ނަމަ މިއަހަރު ތެރޭގައި ގާތްގަޑަކަށް 4 ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް. ޑެޓް ސާވިސްއަށް އެހެން ނޫން ނަމަ ހަރަދު ކުރަން ޖެހޭ 4 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އާންމްދަނީއަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރުގެ ސަބަބުން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަޖިލީހުން 2020 ވަނަ އަހަރަށް ފާސްކުރެއްވި ބަޖެޓުގައި 37.8 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވޭ. އަދި މިހާރު އަޅުގަނޑުމެން ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަހަރުގެ މިހާތަނަށް އައި އިރު ހަރަދުތައް ހިނގާފައި ހުރި ގޮތަށް ބަލާއިރު އިތުރު ފިޔަވަޅެއް ނާޅާނަމަ މިއަހަރު ތެރޭގައި ގާތްގަޑަކަށް 35 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހަރަދު ކުޑަކުރަން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިނިސްޓަރު ވަނީ އެ ބައްދަލުވުމުގައި ކިޔައި ދެއްވާފަ އެވެ. އެގޮތުން އޮފީސްތަކުގެ ބަޖެޓުން މިހާރު ވެސް 850 މިލިއަން ރުފިޔާ އުނިކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އޮފީސްތަކަށް އާ މުވައްޒަފުން ނެގެން މަޑު ޖައްސާލުމުން އެއް ބިލިއަން ރުފިޔާއަށްވުރެން ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް