ގައްދޫ ފާތުމާދީ، ކަސަބު ލިބާހުގެ ދުނިޔެއެއްގައި!

ދިވެހި ލިބާހަކީ ސަގާފީ ހެދުންތަކުގެ ތެރެއިން ދިވެހި އަންހެނުންނަށް އެންމެ ހާއްސަ އެއް ހެދުމެވެ. ޒަމާނީ ދުނިޔޭގައި ކިތަންމެ ވަރަކަށް ފެޝަން ކުރިއަރައިގެން ދިޔަ ނަމަވެސް، ލިބާސް ޓްރެންޑެއް އުވިގެން ދިޔުމެއް ނެތެވެ. ކައިވެނީގެ ހަފްލާތަކަށާއި ރަން ކިޔުމަށްވެސް، އަދި ގައުމީ އެކި މުނާސަބަތުތަކަށްވެސް ދިވެހި ލިބާސް ނަން ހިނގަ އެވެ.

ގދ.ގައްދޫ އަތިރީގޭ ފާތުމަތު ދީދީ (ފާތުމާދީ) ދެމި ހުރީ އެ ފެޝަން އުވިގެން ނުދިޔުމަށް އެ މަސައްކަތުގަ އެވެ. ރަށުގައި އިނދެ ގެދޮރު ބަލަހައްޓަމުން އާމްދަނީގެ ގޮތުން އޭނާ މިހާރު ކުރާ މަސައްކަތަކީ ކަސަބު ލިބާސް ތައްޔާރުކުރުމެވެ.

ފާތުމަތު ދީދީ ބުނާގޮތުން އޭނާ ކުޑައިރުއްސުރެވެސް މަންމަ މި މަސައްކަތްކުރާތީ ފެނެ އެވެ. މިއީ އޭނާގެ އާއިލީ މަސައްކަތަކަށްވާއިރު، އަމިއްލައަށް މިކަން ކުރަން ފެށީ އޭނާގެ މަންމަ ނިޔާވުމުން އެ މަސައްކަތް އާއިލާގައި ދެމެހެއްޓުމުގެ އަޒުމުގަ އެވެ.

"ފެށުނީ މަންމަމެން ކޮށްއުޅުނު މަސައްކަތަކަށް ވީމަ، އާއިލީކަމެއް ދޫނުކުރަންވެގެން. މީހުން ވަރަށް ގިނައިން އަންނާނެ މަގޭ ކައިރިއަށް ލިބާސް ފަހަންވެގެން. ކޮންމެ މީހެއްވެސް އައިސް މިން ދެނީ. ދިނީމަ އެމިނަށް ފަހައިދެނީ" އޭނާ ބުންޏެވެ.

ކަސަބު ބޯވަޅު ހެދުމުގެ އިތުރަށް ފާތުމަތު ދީދީ އަމިއްލައަށް ލިބާސް ފަހަ އެވެ. އެކަމަށް ބޭނުންވާ ހުރިހާ އާލަތްތަކެއް އޭނާ ހުންނަނީ ހަމަކޮށްފަ އެވެ. އެއީ ފަސޭހަ މަސައްކަތެއް ނޫނެވެ. ކަވި މަސައްކަތެކެވެ.

"އެންމެފުރަތަމަ ހިރު އަޅާނީ. އެއަށްފަހު ހިރު ގަތައިގެން ލިބާހުގައި ހަރުކުރަނީ، ކޮންމެ ހިރަކަށް ނަގާ ދެ ދުވަސް. މެދުގައި ހުންނަ ރޯދުގަނޑު އެ ގަތަން ފަސްދުވަސް ނަގާ" މަސައްކަތް ކުރިއަށްދާ ގޮތް ކިޔައިދެމުން ފާތިމަތު ބުންޏެވެ.

ފާތުމަތު ދީދީ މި މަސައްކަތް ސިފަކުރަނީ އެއްގޮތަކުން ބަލާއިރު ވަރަށް ބުރަ އެހެންނަމަވެސް އޭނާ ކުރާ ހިތުން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.

ގިނަވެގެން މަހެއްހާ ދުވަސްތެރޭ ލިބާހެއް އެއްކޮށް ނިންމާލެވޭއިރު ގިނަ ދުވަސްތަކެއް ނަގަނީ ހިރު ގެތުމަށްކަމަށް އޭނާ ބުންޏެވެ.

އޭރާއި މިހާރު މަސައްކަތުގެ އާލާތްތަކަށާއި މަސައްކަތް ކުރާގޮތަށް ބަދަލެއް އައިސްފައި ނުވާކަމަށް ފާތުމަތި ދީދީ ބުނާއިރު އެންމެ ޝައުގުވެރި އެއްކަމަކީ އޭނާގެ މަންމަމެންގެ ޒަމާނުގައިވެސް މި މަސައްކަތް ކުރަން ބޭނުންވާ ސާމާނުތައް އެތެރެކޮށް އުޅުނީ ސިލޯނު ފަދަ ގައުމުތަކުންނެވެ. އޭނާ ބުނާގޮތުގައި ކުޑައިރު އޭނާގެ ބައްޕަ 17 ފަހަރު ސިލޯނަށް ދިޔަކަމަށް ބުނެ އެވެ.

އޭނާގެ ހުރިހާދަރިންވެސް މިވަގުތު އުޅެނީ ރަށުން ބޭރުގަ އެވެ. އެހެންކަމުން ގޭގައި އެކަނި ހުރިނަމަވެސް، މަސައްކަތްކުރުމަށް އޮންނަނީ ވަކި ހާއްސަ ވަގުތުތަކެއް ކަނޑައަޅާފައެވެ. ހަވީރު ފިނިޖެހުމުން އެވަގުތު ހާއްސަކޮށްލަނީ ރަހުމަތްތެރިންނާއި އަވަށްޓެރިންނާ ބައްދަލުކޮށްލުމަށެވެ. އަދި ރޭގަނޑުގެ އިޝާއަށްފަހު ހަބަރު ބަލާއެކި ޓީވީ ޕްރޮގްރާމްތައްބަލައި ކަމަށް އޭނާ ބުންޏެވެ

މި މަސައްކަތް ކުރާ ގިނަބަޔަކު މިއަދު ދުނިޔޭގައި ނެތް އިރު، ޒުވާން ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމަށް ފާތުމަތު ދީދީ ހުރީ ތައްޔާރަށެވެ.

"މީހުން ވަރަށް މަދުވެއްޖެ. މަރުވީ ހުރިހާ މީހުން. ކުދިން އަހާނެ ދައްތަ ދަސްކޮށްސޭންވީ ނޫންހޭ. ބުނީމަ މަ ބުނަން އާއެކޭ. ހުރިހާ ކުދިންނަށް ހިލޭ ދަސްކޮށްދޭނަމޭ.ބޭނުމެއް ނޫނޭ ގައްދޫއިން މިކަން އުވިގެން ދާކަށް." ފާތިމަތު ދީދީ ބުންޏެވެ.

އޭނާ ބުނާގޮތުން، ކުދިންނަށް ދަސްނުކުރެވިފައި ތިބީ ކަސަބު އެޅުމަށް ބޭނުންކުރާ "ފައްވެއް" ނުލިބިގެނެވެ. ފާތުމަތު ދީދީ ބޭނުންކުރާ ބައެއް ސާމާނުތަކަކީ ސީދާ އާއިލީ އެއްޗިއްސަށް ވާއިރު އިތުރު އެހެން ތަކެތި ކަމުގައިވާ ލިބާސް ފޮއްޗާއި، ހިރުތަކަކީ ގިނައިން އޭނާގެ ދަރިން ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗެވެ. މަދުން ނަމަވެސް މާލެއިންވެސް އެއްޗެހި ގަންނަން ހުންނައިރު، ބައެއްފަހަރު ދަރިން ކައިރިއަށް އައިސް މާލޭގައިވެސް ލިބާސް ފަހާތައްޔާރު ކުރާކަމަށް އޭނާ ބުންޏެވެ.

"އެއްވެސް ކަމެއް ދައްޗެއް ނޫން. ދަރިން ހުންނަނީ ހުރިހާ އެއްޗެއް ހޯދައިދީފައި. ކަސަބާއި ފޮއްޗާއި ހުރިހާ އެއްޗެއްވެސް ކުދިން ހޯދައިދޭ. މާލެގައިވެސް 3 ލިބާސް ހެދިން . ކުދިން ވަރަށް އުފާވޭ މަންމަ މި މަސައްކަތްކުރާތަން ފެނުނީމަ" ނިކަން އުފަލުން އިނދެ އޭނާ ބުންޏެވެ.

މިހާތަނަށް އޭނާ ތައްޔާރުކޮށްދީފައިވާ ލިބާސްތަކުން ހަގީގަތުގައިވެސް އިތުރު ޗާލުކަމެއް އޭނާގެ މަސައްކަތުގައި ފާހަގަވެއެވެ. ހިރުތަކުގެ ތަރުތީބާއި އޮމާންކަމެވެ.

comment ކޮމެންޓް