ވިލާގެ މުވައްޒަފުންނަށް ކުރިއަށް އޮތް ތިން މަހު ލިބޭނީ 1000 ރުފިޔާ

ވިލާއިން ހިންގާ ސަން އައިލެންޑް ރިސޯޓް--

ވިލާގެ މުވައްޒަފުންނަށް ކުރިއަށް އޮތް ތިން މަހު މުސާރައިގެ ގޮތުގައި ކޮންމެ މަހަކު ދެވޭނީ 1000 ރުފިޔާވަރުކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ވިލާގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެޑްރެސްކޮށް ނެރުނު ސާކިއުލާއެއްގައި ބުނީ ކޮރޯނާ ވައިރަސްއާއެކު ރިސޯޓްތައް ބަންދުވެ އަމްދަނީ އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.

ވިލާއިން ބުނީ އެކުންފުންޏަށް ލިބިފަިއވާ އެއްވެސް އާމްދަނީއެއް ބޭންކްތަކުގައި ނޫނީ އެނޫންވެސް އެއްވެސް ގޮތަކަށް ރައްކާކޮށްފައި ނުބަހައްޓާ ކަމަށެވެ. އޭގެ ބަދަލުގައި ވިޔަފާރީގެ ނަފާއިން ހޭދަކުރީ އިންސާނީ ވަސީލަތް ތަރައްގީކޮށް ސިއްހީ ދުޅަހެޔޮކަމާއި ތައުލީމީ ރަނގަޅު ޖީލެއް ބިނާކޮށް ވިޔަފާރި އިތުރަށް ފުޅާކޮށް އިންސާނީ ވަސީލަތް އިތުރަށް ތަރައްގީކުރުމަށް ޓަކައި ކަމަށެވެ.

ވިލާއިން ހިންގާ ފަސް ރިސޯޓްގެ ތެރެއިން ތިން ރިސޯޓް މިހާރު އޮތޯ ބަންދުކޮށްފައެވެ. އަދި އަނެއް ދެ ރިސޯޓް ކަަރަންޓީނު ފެސިލިޓީއަކަށް ދޫކުރިއިރު އެދެތަންވެސް ދޫކުރީ ހިލޭކަމަށް ވިލާއިން ބުންޏެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ ކިތަންމެ ދަށް ނަމަވެސް މިދިޔަ މަހުގެ މުސާރައާ އިނާޔަތްތަކުން އެއްވެސް އަދަދެއް ދަށް ނުކުރާ ކަމަށް ވިލާއިން ބުންޏެވެ.

"އެހެން ނަމަވެސް ރިސޯޓްތަކުން އެއްވެސް އާމްދަނީއެއް ލިބޭެގޮތެއް ނެތް މި ހާލަތުގައި ކުރިން ކަނޑައެޅިފައިވާ ގޮތަށް މި ހިނގާ އޭޕްރީލް އިން ފެށިގެން މުސާރަ ވަކި ވަރަކަށް އުނިކޮށްގެންވެސް ދެވޭނެ ގޮތެއް ނެތުމާއެކު އޭޕްރީލް، މޭ އަދި ޖޫން މަހު މުސާރައިގެ ގޮތުގައި ދެވޭނެކަމަށް މި ބެލެވެނީ ކޮންމެ މުވައްޒަފަކަށްވެސް 1000 ރުފިޔާއެވެ." ވިލާގެ ސާކިއުލާގައި ވެއެވެ.

ޖޫން މަހު ރިސޯޓް އޮޕަރޭޝަނަަށް ނުގެނެވި އާމްދަނީ ލިބޭނެގޮތެއް ނުފެނިއްޖެނަމަ މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމާނެކަށްވެސް ސާކިއުލާގައިވެއެވެ.

"މި ގޮތަށް ނިންމިކަމުގައި ވިޔަސް އެއްވެސް ގޮތަކުން ފައިސާ ލިބޭނެގޮތް ހަމަޖެހި މިހާރު ކަނޑައެޅިފައިވާ އަދަދު އިތުރުކުރެވޭނެ ގޮތެއް ފެނިއްޖެނަމަ މުސާރަ ދޭނީ އެގޮތަށް އިތުރުކޮށްފައި ކަމުގައި ދަންނަވަމެވެ." ސާކިއުލާގައި ވެއެެވެ.

comment ކޮމެންޓް