4.2 ބިލިއަން ރުފިޔާއިން އިގްތިސާދަށް ނުބައި އަސަރެއް ނުކުރާނެ: ޔައުގޫބު

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ:

ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދަ މަޖިލީހުން ދިނުމަކީ، ރާއްޖޭގެ ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު އުފުލުމުގައި މާބޮޑު އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔައުގޫބު އެހެން ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެން މިއަދު މަޖިލީގެ ޖަލްސާގައި ބޭއްވި ބަހުސްގަ އެވެ. އެ ބަހުސްގައި ބައެއް މެމްބަރުން ވަނީ، މިކަމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަންއާއި ރުފިޔާގެ އަގު ވެއްޓިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔައުގޫބު ވިދާޅުވީ، މިހާރު މިއޮތީ އިސްތިސްނާ ހާލަތެއް ކަމަށާއި 4.2 ބިލިއަން ރުފިޔާއަކީ، މިހާރު ވަޒީފާ ގެއްލިފައި ތިބި މީހުންނަށް ހަރަދު ކުރުމަށާއި ސަރުކާރުން މިހާރު ކުރަން ހުރި ހުިރހާ ހަރަދުތައް ކުރުމަށް ކޮންމެހެން ބޭނުންވާ ފައިސާތަކެއް ކަމަށެވެ. އަދި އެ ފައިސާތައް ދިނުމަށް މަޖިލީހުން މަގުފަހުކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޔައުގޫބު ވިދާޅު އެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެކަން މަޖިލީހުން ކުރުމަށް ތާއީދު ކުރައްވާ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

"އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން މި 4.2 ބިލިއަން ރުފިޔާގެ އޯވާ ޑްރާފްޓްގެ ސަބަބުން މިހާރު މި ހާލަތުގައި ރާއްޖޭގެ އިންފްލޭޝަން ނޫނީ އެކްސްޗޭޖް ރޭޓަށް މާބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަކަށް. ސަބަބަކީ، މި ހާލަތަކީ ދިވެހި ރައްޔިތުންނާ އަދި މުޅި ދުނިޔޭގެ ރައްޔިތުންގެވެސް އާންމު ދިރިއުޅުމާ ދުރަށްގޮސް ހާއްސަ ހާލަތެެއްގައި ތިބި ވަގުތެއް،" މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވާ ޔައުގޫބު ވިދާޅުވި އެވެ.

ޗާޓާޑް އެކައުންޓިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ޔައުގޫބު ވިދާޅުވީ، ރާއްޖެއިން ބޭރުވާ ފައިސާގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހެނީ ޑީސަލާއި ޕެޓްރޯލް ގަތުމަށް ކަމަށާއި މިއަދު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައިވާ ކަމަށެވެ. އެެހެން ކަމުން ރާއްޖޭގެ އިގްތިސާދަށް މިވަގުތު 4.2 ބިލިއަން ރުފިޔާ އިންޖެކްޓް ކުރުމަކީ، އިންފްލޭޝަން އަދި އެކްސްޗޭޖް ރޭޓަށް މާ ބޮޑު އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް ޔައުގޫބު ވިދާލުވި އެވެ.

"އޭގެ އިތުރުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުން މުޅިން އެކީ ހުއްޓުމަކަށް އައިސްފައި މިއޮތީ. އެހެންކަމުން މި ފައިސާ އިތުރުވުމަކީ، އަޅުގަނޑުމެންގެ ޑިމާންޑަށް މާބޮޑު އިތުރުވުމެއް އަންނާނެ ކަމަކަށް ގަބޫލު ނުކުރެވޭ،" ޔައުގޫބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފިނޭސް މިނިސްޓަރު މަޖިލީހަށް ހުށަހަޅާފައިވަނީ އެއް އަހަރުގެ ދުވަހަށް އެ އޯޑަރާ ފެސިލިޓީ މުއްދަތު އިތުރުކުރުމަށް ކަމަށާއި، އެ ހުށަހަޅުމުގެ ކަރުދާސްތަކުގައި އެކަމަށް ފައިސާ ހޯދާނެ ގޮތްވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އަކީ، އިކޮނޮމީގެ ކޭޝް ފްލޯއަށް އެކީއެކަޗަކަށް އަޅާލާނެ ފައިސާކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާނައަކީ، ދައުލަތުން 4.2 ބިލިއަން ރުފިޔާ އެކީއެކަށްޗަކަށް ނަގާފައި، އެ ފައިސާއަކީ އިކޮނޮމީ ފްލޯގެ ތެރެއަށް އަންނަ ފައިސާގެ ގޮތުގައި ނޫނޭ ސަރުކާރުގެ ވިސްނުން ހުރީ. ސަރުކާރަށް އާންމުދަނީގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބެއްޖެނަމަ، އެމްއެއްމްއޭ އަށް މި އޮވާޑްރާފްޓް ކުރި ފައިސާ އަނބުރާ ކަނޑާލެވޭ ކަހަލަ ގޮތަކަށް ސަރުކާރުގެ ވިސްނުން ހުރީ އަޅުގަނޑަށް އެ ކަރުދާސްތަކުން އަޅުގަނޑަށް މައުލޫމާތު ލިބުނީ،" ގައުގޫބު ވިދާޅުވި އެވެ.

ބައެއް މެމްބަރުން މިއަދުގެ ބަހުސްގައި ވަނީ މިއީ މަޖިލީހުން ސަރުކާރަށް ދޭ "ބްލޭންކް ޗެކެއް"ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އެ ވާހަތަކަށް ރައްދު ދެއްވައި، ޔައުގޫބު ވިދާޅުވީ، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާނަމަ، މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޒިންމާދާ ކުރެވޭނެ ކަމަށެވެ. މަޖިލީހުގައި ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮތް ނަމަވެސް، މަޖިލީހުން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ކޮށްފައިވާ ކަން ޔައުގޫބު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން [މަޖިލީހުން] މި އަންނަނީ، މިދިޔަ އެއް އަހަރު ތެރޭ ވެސް މިއިން ޒަމާނަކުވެސް ރައްޔިޔުންގެ މަޖިލީހަކުން ސަރުކާރު ޖަވާބުދާރީ ނުކުރާވަރަށް މަސައްކަތް ކުރަމުން. މިއަދު ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް އެއްބަސްވުުން ނުވަތަ ހުއްދަ ދިނުމަކީ ސަރުކާރެއް ދެވޭ އޮޕަން ޗެކެއްގެ ގޮތުގައި ގަބޫލެއް ނުކުރުން،" ޔަގޫބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ޒިންމާއަކީ، އެކަންކަމަށް ފާރަވެރިވެ، ސަރުކާރު ޖަވާބުދާރީވުން ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކާ ގުޅިގެން މަޖިލީހަށް އެފަދަ ގޮތަކަށް ކަން ހިނގާނަމަ، ސަރުކާރު ޒިންމާދާރު ކުރެވޭނެ ކަމަށް ޔައުގޫބު ތަކުރާރުކޮށް ވިދާޅުވި އެވެ.

ފިނޭސް މިނިސްޓަރު އިއްޔެ މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ ހަރަދުތައް ފޫބައްދަން މިވަގުތުން މިވަގުތަށް 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަހަރަށް ފަސްކުރުމަށް ފާސްކޮށްދިނުމަށެވެ.

https://sun.mv/135271

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ މިހާރުން އެ ފައިސާ ހަމަޖައްސައިދޭން ޖެހޭ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ، އެ ފައިސާ ހަމަޖެއްސެވި ނަމަވެސް، ދެ ފުށްފެންނަ ގޮތަށް ފައިސާ ހަރަދު ކުރާ ގޮތުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ހަރަދުތައް ހިންގާނޭ ގޮތުގެ ފުރިހަމަ ތަފްސީލު މަޖިލީހަށާއި އެމްއެމްއޭ ގަވަރުނަރަށް ލިބެން ޖެހޭ ކަމަށް ބައެއް މެމްބަރުން ހިޔާލުފާޅު ކުރެއްވި އެވެ.

މަޖިލީހުން ވަނީ، ގާނޫނުގެ އެބައި އިސްލާހުކުރުމަށް ޓަކައި ހޮނިހިރު ދުވަހާއި އާއްދިތަ ދުވަހު ވެސް ޖަލްސާ ބޭއްވުމަށް ނިންމައިފަ އެވެ.

comment ކޮމެންޓް