އިންސާނީ ހައްގުތަކާއި އިންސާނީ ވާޖިބުތައް

ލޯކަލް މާރުކޭޓު ސަރަހައްދުގައި އިމިގްރޭޝަންގެ އޮފިސަރަކާއި ފުލުހަކު ބިދޭސީއަކާ ސުވާލުކުރަނީ: ހިއުމަން ޓްރެފިކިން މައްސަލައެއްގައި މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ދިވެއްސަކު ހައްޔަރުކޮށްފައި -- ސަން ފައިލް ފޮޓޯ

ދުނިޔޭގައި އިންސާނީ ހައްގުތަކާ ބެހޭގޮތުން ލިޔެވުނު އެންމެ ފުރަތަމަ އިލްމީ ފޮތަކީ އިމާމް ޢަލީ ބިން ޙުސައިން ޒައިނުލްޢާބިދީން ލިޔުއްވި "އައްރިސާލަތުލް ޙުޤޫޤް" އެވެ ކިޔުނު ފޮތެކެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖުރިސްޕްރޫޑެންސްގެ އިލްމުގެ ބައްޕަޔަކީ އެކަލޭގެފާނެވެ.

މި ޒަމާނުގެ ހުޅަނގު ގެންދަނީ "އިންސާނީ ހައްގުތައް" ރައްކައުތެރި ކުރުމުގައި އެމީހުންގެ ރެކޯޑުގެ ފުރިހަމަކަމާ މެދު ހައްދެއް ނެތް މިންވަރަށް ފޮނި ކަނޑަމުންނެވެ. އެމީހުން ދެކޭ ގޮތުގައި، އަދި އެމީހުން ކިޔާ ގޮތުގައި، އިންސާނީ ހައްގުތައް ރައްކައުތެރި ކުރުމުގެ ޗެންޕިޔަނުންނަކީ އެމީހުންނެވެ. އިންސާނީ ހައްގުތައް ރައްކައުތެރި ކުރުމުގެ ގާނޫނީ އިލްމާއި ޖުރިސްޕްރޫޑެންސަކީ އެމީހުންގެ އުފެއްދުމެކެވެ. އިންސާނީ ހައްގުތަކުގެ މަފްހޫމަކީ ވެސް އެމީހުންގެ އުފެއްދުމެއް ކަމަށާއި، ތާރީޚުގެ އެއްވެސް ދުވަސްވަރެއްގައި، ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި އެ މަފްހޫމު ވެސް ނެތް ކަމަށާއި، ދުނިޔޭގެ އެންމެން ވެސް އިންސާނީ ހައްގުތަކުގެ ފިކުރާއި އުސޫލުތައް ކޮޕީ ކުރީ އެމީހުންގެ ފަރާތުން ކަމަށް އެމީހުން ބުނެއެވެ. މިސާލަކަށް، ޖެކް ޑޮނެލީ ލިޔުއްވި "ޔުނިވަރސަލް ހިޔުމަން ރައިޓްސް އިން ތިޔަރީ އެންޑް ޕްރެކްޓިސް" މި ފޮތުގެ 1991 ވަނަ އަހަރުގެ އިސްދާރުގެ 50 ވަނަ ސަފުހާ ބައްލަވައިލައްވާށެވެ. ޑޮނެލީގެ ޚިޔާލާ ތަފާތު ޚިޔާލެއް ހުޅަނގުން ފެނިދާނެއެވެ. ޖެކްސް މެރިޓެއިން ފަދަ ބޭފުޅުންގެ ފަރާތްޕުޅުންނެވެ. ނަމަވެސް އެއީ އިސްތިސްނާ ކެޓަގަރީއެވެ.

އިމާމް ޒައިނުލްޢާބިދީންގެ "އައްރިސާލަތުން ޙުޤޫޤް" އަކީ އިންސާނުންގެ ހައްގުތަކުގެ މަފްހޫމާއި، ފިކުރާއި، އުސޫލުތަކާއި، ހަމަތަކާ ގުޅޭ ގޮތުން ބަހުސް ކުރައްވައިފައި ވާ ޝާމިލު ފޮތެކެވެ. އިންސާނީ ތާރީޚުގައި އިންސާނުންގެ އަސާސީ ހައްގުތަކާއި އިންސާނީވަންތަކަމުން އުފެދޭ އަސާސީ ވާޖިބުތަކާ މެދު އިލްމީ ގޮތުން ބަލައި، ދިރާސާކޮށް ހެދުމުގެ މަސައްކަތުގެ ބިންގަލަކީ އެ ފޮތެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ، ޖުރިސްޕްރޫޑެންޝަލް ނަޒަރަކުން، އިންސާނުންގެ ހައްގުތަކާއި އިންސާނުން އެކަކު އަނެކަކަށް އަދާ ކުރާން ޖެހޭ ވާޖިބުތަކަށް ބަލައިލައި، އެ ކަންކަން އިލްމީ ގޮތުން ދިރާސާކޮށް ހެދުމުގެ ފެށުމަކީ އައްރިސާލަތުލް ޙުޤޫޤެވެ. އެހެންކަމުން، ހަމައެކަނި މި ފޮތަށް ބަލައިލުމުން، އިންސާނީ ޙައްޤުތަކަކީ ހުޅަނގުގެ ހަޒާރަތުގެ "ރަން އުފެއްދުމެއް" ކަމަށް ބުނެ ކުރަމުން އަންނަ ދައުވާގެ ދޮގުކަމާއި ހުސްކަން ރީތިކޮށް ސާބިތު ވެއެވެ.

ހުޅަނގުގެ އިލްމުވެރީންގެ އާއްމު ވިސްނުން ހުންނަ ގޮތުން، ކޮންމެ ހެޔޮ އެއްޗެއް ވެސް ފެންނަނީ ނުވަތަ ހޯދެނީ ކޮލަމްބަސް އެމެރިކާ ހޯދި ގޮތަށެވެ. އެއީ، އެ އެއްޗެއް ހުޅަނގުގެ ބަޔަކަށް ނުފެންނަހައި ހިނދަކު، އެހެން ބަޔަކަށް ފެނިފައި އޮތަސް، އެއީ އިންސާނުންނަށް އެ އެއްޗެއް ހޯދުނު ކަމުގައި ނުވުމުގެ ގޮތެވެ. ކިތަންމެ މިސާލަކުން މިކަން ދެއްކިދާނެއެވެ. ސައެންސުގެ އިލްމުގެ އަސާސީ ބުންޔާދު ކަމުގައި ވާ "ސައެންޓިފިކް މެތަޑް" އެކުލަވައިލައްވައި، އެ މަންހަޖު ޝަރަހަ ކުރައްވައި ބަޔާން ކޮށްދެއްވައި، އެ މަންހަޖުގެ ބޭނުން ކުރައްވައިގެން ފުރަތަމަ ފަހަރަށް ޝާމިލު ގޮތެއްގައި ސައެންސީ ދިރާސާތަކާއި ތަޖުރިބާތައް ކުރެއްވީ މުސްލިމް ސައެންޓިސްޓް އިބްނުލް ހައިޘަމެވެ. ނަމަވެސް ހުޅަނގުގެ ގިނަ އިލްމުވެރީންގެ ބަހުން، ސައެންޓިފިކް މެތަޑް ވުޖޫދަށް އައީ ފްރާންސިސް ބޭކަން ފަދަ ބެއިފުޅުންގެ މަސައްކަތްޕުޅުން، ސަތާރަ ވަނަ ގަރުނުގައި ޔޫރަޕުގައެވެ. އެއީ މުސްލިމުންގެ ތެރެއިން، ޔޫރަޕަށް ސައެންޓިފިކް މެތަޑް ތައާރަފު ވި ހިސާބެވެ. އެހެން މިސާލެކެވެ. އިންސާނާގެ ހަށިގަނޑުގައި ލެއި ދައުރު ވާގޮތް ދިރާސާ ކުރައްވައިގެން ހޯއްދެވި ބެއިފުޅަކީ މުސްލިމް ބޭސްވެރިޔާ އިބްނުއް ނަފީސެވެ. ނަމަވެސް ޔޫރަޕުގެ ނަޒަރުގައި އިންސާނާގެ ހަށިގަނޑުގައި ލެއި ދައުރު ވާ ގޮތް "ޑިސްކަވަރ" ކުރެއްވީ ވިލިޔަމް ހާރވީއެވެ. އެއީ، ޔޫރަޕުގައި އެ ވާހަކަ ފުރަތަމަ ދެއްކެވީ، މުސްލިމުންގެ ފޮތްތަކުން އެ އިލްމު ހޯއްދަވައިގެން، ވިލިޔަމް ހާރވީ ކަމުގައި ވާތީއެވެ. އަދިވެސް އެހެން މިސާލެކެވެ. ކްރިސްޓޮފަރ ކޮލަމްބަސް އެމެރިކާ ބައްރަށް ދިޔަ އިރު، އެމެރިކާ ބައްރުގައި 90 މިލިޔަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން ދިޔައެވެ. ނަމަވެސް ޔޫރަޕުގެ ނަޒަރުގައި އެމެރިކާ "ޑިސްކަވަރ" ކުރީ ކްރިސްޓޮފަރ ކޮލަމްބަސްއެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. އިމާމް ޒައިނުލް ޢާބިދީން ފަދަ ބެއިފުޅުން އިންސާނީ ހައްގުތަކުގެ މަފްހޫމާއި ފިކުރާއި އުސޫލުތައް އިލްމީ ގޮތުން ބަޔާން ކުރައްވައިފައި އޮތަސް، އަދި ފާއިތު ވި ތަނުގައި މުސްލިމުންގެ ތެރޭގައި އެ ކަންކަން ކިތަންމެ ރަނގަޅަކަށް ތަންފީޒު ކުރެވިފައި އޮތް ނަމަވެސް، މިއަދު މުސްލިމުން ތިބީ މި ދާއިރާގައި ވެސް ވަރަށް ނިކަމެތި ހާލަތެއްގައެވެ. މުސްލިމު ގައުމުތަކުގައި، ހުޅަނގުގެ ބާރުތަކުގެ އަޅުންގެ ގޮތުގައި ތިބެގެން، ވެރިކަން ކުރަމުން ދާ މީހުން، ރައްޔިތުންގެ ހައްގުތަކަކަށް ހުރުމަތްތެރިކޮށެއް ނުހިތައެވެ. ރަން ޒަމާނުގެ އިސްލާމީ އިލްމުވެރީންނާ "ގުޅުން ކެނޑިފައި" ތިބި ބަޔަކު، ދީނީ އިލްމުވެރީންގެ ގޮތުގައި ފައުޅު ވެ، ކުރަމުން ގެންދާ ކަމަކީ އަނިޔާވެރި އަދި ޣައްދާރު ވެރީންގެ އަޅުވެތިކަމުގައި ރައްޔިތުން ބެއިތިއްބުމުގެ މަސައްކަތެވެ. ނެރެމުން ދަނީ އަންހެނުން ކާރު ދުއްވުން މަނާ ކުރުމާއި، ގެއިން ބޭރަށް ނުކުތުން މަނާ ކުރުމުގެ ފަތުވާތަކެވެ.

ނަމަވެސް، ހުޅަނގުގައި ވެސް އިންސާނީ ހައްގުތަކުގެ ކަންކަން ހުރިއްޔަކީ އެމީހުން އެ ފޮނި ކަނޑާހައި، ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި ތިބި ހުޅަނގަށް އަޅުދާސް ވެގެން އުޅޭ މީހުން ގަބޫލު ކުރާހައި ފުރިހަމަކޮށެއް ނޫނެވެ.

ދެހާސް ނުވަ ވަނަ އަހަރުގެ މާލީ ކާރިސާގެ ތާރީޚުން، ހުޅަނގުގެ މުއްސަނދި ގައުމުތަކުގައި، ފަގީރު އަދި އާދައިގެ އާއިލާތަކުގެ ރައްޔިތުން، މުއްސަނދި ބޭންކަރުންނާއި ރައުސުމާލީންގެ އަތްދަށުގައި އަޅުވެތި ވެފައި ތިބި މިންވަރު ދިރާސާ ކޮށްލައްވާށެވެ. ހުޅަނގަކީ އަންހެނުންގެ ހައްގުތަކުގެ ޗެންޕިޔަނުން ކަމުގައި ހަދައިގަނެގެން، އަޅުގަނޑުމެންގެ ޒުވާން އަންހެން ކުދީން ވެސް ހުޅަނގު ކޮޕީ ކޮށްގެން ގަމީހާއި ފަޓުލޫނު ލައިގެން ބެގީ ކޮށްގެން އުޅޭ އިރު، ހޮލީވުޑް ފަދަ ހުޅަނގުގެ ސަގާފީ ހިތްތަކުގައި އަންހެނުންނާ މެދު ކަންތައްތައް ހިނގާ ގޮތާއި، އަންހެނުން "އެމްޕަވަރ" ކުރުމަށް ޓަކައި ފިލްމު ކުޅޭ އަންހެނުންނާ މެދު ކަންކަން ކުރެވޭ ގޮތް ހާރވީ ވެއިންސްޓެއިންގެ މަޝްހޫރު ވާހަކައިން އެއޮތީ ފެންނާށެވެ. ހުޅަނގުގެ ކެޕިޓަލިސްޓުން، ޚާއްސަކޮށް ފާމަސޫޓިކަލް ސިނާއަތާއި ހަކަތައިގެ ސިނާއަތު ފަދަ ސިނާއަތްތަކުގެ ކުންފުނިތަކުން، އެފްރިކާގެ ފަގީރު ގައުމުތަކުގައި އެތައް މިލިޔަން އިންސާނުންގެ ދިރިއުޅުން ބަރުބާދު ކޮށްގެން މުއްސަނދިކަމުގައި އުޅޭ އުޅުމާ މެދު ފުންކޮށް ވިސްނަވައިލައްވާށެވެ! ފަލަސްޠީނުގެ ރައްޔިތުންނަށް ކެނޑިނޭޅި، ހުޅަނގުގެ ބާރެއް ކަމުގައި ވާ އިސްރާއީލުން، ހުޅަނގުގެ އެންމެހައި ގައުމުތައް ކަހަލަ ގޮތަކަށް ދޭ ހަތިޔާރާއި އެހީތެރިކަމުގެ ބާރުގައި، ދެމުންދާ އަނިޔާތައް ހަނދުމަފުޅަށް ގެންނަވާށެވެ. އެމެރިކާ އާއި އިނގިރޭސީންގެ ޑްރޯންތަކުން މަރައި ސުންނާފަތި ކޮށްފައި ވާ ކުށެއް ނެތް މައުސޫމު އެތައް ހާސް މުސްލިމުންގެ ވާހަކަ ވިދާޅުވާށެވެ. ޑރ. ޠާރިޤް ރަމަޟާން ފަދަ ކިތައް ބެއިފުޅުންނަށް ހުޅަނގުގެ އެ ކިޔާ "ފުރާފުރިހަމަ" އަދުލުގެ ނިޒާމުން ހަދައިލި ގޮތުގެ ވާހަކަ ވެސް ބައްލަވާށެވެ. ހުޅަނގަކީ އިންސާނީ ހައްގުތަކަށް ހަގީގީ މާނައިގައި އިހުތިރާމު ކުރާ ބައެއް ކަމުގައި، މި ކަންކަން ދެނެހުރި އެކަކަށް ވެސް، އިޚްލާސްތެރި ދުލަކުން ނުބުނެވޭނެއެވެ. ޝައްކެއް ނެތް ގޮތުގައި، ހުޅަނގުން އިންސާނީ ހައްގުތަކުގެ ވާހަކަ ގޮވަނީ އެމީހުންގެ ބާރާއި މަނަހާއި ފިކުރީ އަޅުވެތިކަމުގެ ދަށުގައި މުޅި ދުނިޔެ ބޭއްވުމަށް ޓަކައި ބޭނުން ކުރާ ހަތިޔާރެއްގެ ގޮތުގައެވެ.

ކުރުކޮށް ދަންނަވާ ނަމަ، ދުނިޔޭގައި އިންސާނީ ކަރާމާތާއި އިންސާނީ ހައްގުތައް ރައްކައުތެރި ކޮށްދިނީ އިސްލާމް ދީނެވެ. މުސްލިމުންނެވެ. އެއީ ހުޅަނގުން ކުރި ކަމެއް ނޫނެވެ. ހުޅަނގަށް އިންސާނީ ހައްގުތަކުގެ އަސާސީ މަފްހޫމުތައް ދިޔައީ މުސްލިމުންގެ ފަރާތުންނެވެ. އެންމެ ފުރަތަމަ އެކަން ވީ، މޫސާ ޢަލައިހިއްސަލާމްގެ ތައުރާތުގައި ހުރި އުސޫލުތައް، އެއިރުގެ މުސްލިމުންގެ ފަރާތުން ރޯމަނުންނަށް ކޮންމެވެސް ވަރަކަށް ލިބިގެންނެވެ. ނަމަވެސް ރޯމުގައި އެ އުސޫލުތައް ތަރައްގީ ނުވެ، މަޑުމަޑުން ފަސާދަ ވަމުން، ގެއްލެމުން، ރޯމުގެ ޚުދުމުޚްތާރު ރަސްކަމާއި އެރިސްޓޮކްރެސީގެ ބާރުވެރިކަމުގެ ދަށުގައި އެ އުސޫލުތައް ނެތެމުން ގޮސް، މީލާދީން 400 ވަރަކަށް އަހަރު ފާއިތު ވެގެން ދިޔަ އިރު، އެ އުސޫލުތައް ޔޫރަޕުން ވަނީ މުޅީން ފޮހެވިގެން ގޮސްފައެވެ. މި ގޮތުގައި ހާހެއްހައި އަހަރު ވުމަށް ފަހު، އެ އުސޫލުތައް އަލުން ޔޫރަޕަށް ދިޔައީ ވެސް މުސްލިމުންގެ ފަރާތުންނެވެ. މި ފަހަރު ދިޔައީ މުޙައްމަދިއްޔަ ރިސާލަތާ އެކު ދުނިޔޭގައި އުފެދުނު މުސްލިމް ހަޒާރަތުގެ ތެރެއިންނެވެ. މުސްލިމް ސްޕޭނާއި، މުސްލިމް ސިސިލީންނެވެ. އަދި ސަލީބީ ހަނގުރާމައިގެ މުއާމަލާތުތަކުގެ ތެރެއިން، މުސްލިމް މެދުއިރުމަތީންނެވެ.

އެންމެ މިސާލެއް ދަންނަވައިލާނަމެވެ. ސަލީބީ ހަނގުރާމައިގެ ދުވަސްވަރާ ހަމަޔަށް އައި އިރުގައި ވެސް، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުމުން، އެ ތުހުމަތު ސާބިތު ވާންދެން އެ މީހާޔަކީ ބަރީއަ ވެގެންވާ، ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ އުސޫލަކީ ޔޫރަޕުގެ އެއްވެސް ހިސާބެއްގައި، އެއްވެސް ގައުމެއްގައި، އެކަކު ވެސް ދަންނަ އުސޫލެއް ނޫނެވެ. އެއިރު ޔޫރަޕުގައި ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ކުށްވެރިތޯ ނުވަތަ ނޫންތޯ ބަލަމުން ދިޔައީ "އޯރޑީލްސް" ތަކެއްގެ ޒަރީއާއިންނެވެ. ތަފްސީލުތައް ގާނޫނީ ތާރީޚުގެ ފޮތްތަކުން ފެނިވަޑައިގަންނަވާނެއެވެ. މިގޮތުގައި ޔޫރަޕް އޮއްވައި، ފަރަންސޭސި ވިލާތުގެ ލުއިސް ނުވަވަނަ، މުސްލިމުންނާ ދެކޮޅަށް ޞަލީބީ ހަނގުރާމައެއްގައި މިޞްރަށް، މީލާދީން 1249 ގައި، ވަޑައިގަތެވެ. އޭނާޔަށް މުސްލިމުންގެ ތެރޭގައި ޖިނާއީ ޝަރީއަތްތަކުގައި އަސާސީ އުސޫލެއްގެ ގޮތުން، ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވާހައި ހިނދަކު އޭނާޔަކީ ކުށުން ބަރީއަ ވެގެންވާ މީހެއްގެ ގޮތުގައި މުއާމަލާތު ކުރެވޭތަން ފެނިވަޑައިގަތެވެ. ހަތަރު އަހަރެއްހައި ދުވަހު މުސްލިމް މެދުއިރުމަތީގައި އުޅުއްވުމަށް ފަހު، އެނބުރި އޭނާ ގައުމަށް ވަޑައިގަތީ މި ދަންނަވާ އުސޫލާއި، އެފަދަ އެތަކެއް ތަހުޒީބީ އުސޫލުތައް މުސްލިމުންގެ ގާތުން ދަސް ކުރައްވައިގެންނެވެ. އޭނާ ފަރަންސޭސި ވިލާތުގެ ޖިނާއީ ގާނޫނުތަކުގެ އުސޫލުތައް އެކަށް މުރާޖައާ ކުރައްވައި، "އޯރޑީލްސް"ގެ ނިޒާމު މަނާ ކުރައްވައި، ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކީ ވެސް ކުށް ސާބިތު ނުވާހައި ހިނދަކު ބަރީއަ ވެގެންވާ މީހެއް ކަމުގެ އުސޫލަށް އަމަލު ކުރައްވާން ފެއްޓެވިއެވެ. ޔޫރަޕުގެ އެހެން ހިސާބުތަކަށް މި އުސޫލު ދިޔައީ ފަރަންސޭސި ވިލާތުންނެވެ.

މި ކަންކަމާ މެދު ވިސްނުމުން، އިންސާނީ ހައްގުތަކުގެ އިލްމީ ބަހުސްތައް އުފެދިގެން އައި ގޮތާއި، އިންސާނީ ހައްގުތަކުގެ ފިކުރުތައް ޔޫރަޕަށް ދިޔަ ގޮތާއި، މިއަދު ވެސް އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ މެދު ކޮންމެވެސް އެއްޗެއް ސާފު ވޭ ނޫންތޯއެވެ؟

ނަމަވެސް މި ދަނޑިވަޅުގައި އަޅުގަނޑު ފާހަގަ ކުރާން ބޭނުން ވާ އެންމެ މުހިއްމު ނުކުތާ އަދި އޮތީއެވެ.

އެ ނުކުތާޔަކީ، އިމާމް ޒައިނުލް ޢާބިދީން އެކަލޭގެފާނުގެ "އައްރިސާލަތުލް ޙުޤޫޤް"ގައި، އިންސާނީ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭގޮތުން ވާހަކަ ދެއްކެވި ނަޒަރިއްޔާތީ އޮނިގަނޑު، ނުވަތަ ތިޔަރެޓިކަލް ފްރޭމްވޯރކެވެ. މުޅި މަފްހޫމު ބިނާ ކުރެއްވި ގޮތެވެ. އެކަލޭގެފާނު ހުށައަޅުއްވައިފައި ވަނީ ކޮންމެ އިންސާނަކަށް، އިންސާނަކަށް ވީތީ ލިބިގެންވާ ކަރާމާތާއި ޙުރުމަތް ރައްކައުތެރި ކުރުމުގެ ގޮތުން، ކޮންމެ މީހަކަށް ވެސް އޭގެ ތެރެއިން ލިބި ކަށަވަރު ވާން ޖެހޭ ޙައްޤުތައް ރައްކައުތެރި ކުރުމަށް ޓަކައި، އިންސާނުން އެކަކު އަނެކަކަށް އަދާ ކުރާން ޖެހޭ ޙައްޤުތަކުގެ މަފްހޫމެކެވެ. ތަންކޮޅެއް ސީދާސާދާކޮށް ދަންނަވާ ނަމަ، އެކަލޭގެފާނުގެ ތިޔަރީގެ އަސާސަކީ އިންސާނާގެ އަސާސީ އިންސާނީ ވާޖިބުތަކެވެ. އެކަލޭގެފާނުގެ ތިޔަރީގައި، ކޮންމެ މީހެއްގެ ވެސް މައިގަނޑު ފޯކަސް އޮންނާން ޖެހެނީ އޭނާ އެހެން މީހުންނަށް އަދާ ކުރާން ޖެހޭ ޙައްޤުތަކަށެވެ. އެހެން މީހުން އޭނާޔަށް އަދާ ކުރާން ޖެހޭ ޙައްޤުތަކަކަށެއް ނޫނެވެ. މިއީ ހަގީގަތުގައި ވަރަށް ބޮޑަށް މި ޒަމާނުގެ ޔޫރަޕުގެ ނަޒަރިއްޔާތާ ތަފާތު ނަޒަރިއްޔާއެކެވެ. ޔޫރަޕުގެ އިންސާނީ ހައްގުތަކުގެ މަފްހޫމާއި އުސޫލުތައް ބުނެދެނީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ހައްގުތަކާއިގެން ތެދުވުމަށެވެ. "މަގޭ ހައްގު، ކަލޭގެ ޒިންމާ" ނުވަތަ "މައި ރައިޓް، ޔުއަރ ޑިޔުޓީ"ގެ މަފްހޫމެކެވެ. ދައުލަތުގެ ނިސްބަތުގައި ވެސް، އަދި ތިމާ ފަދަ އަނެއް އިންސާނާގެ ނިސްބަތުގައި ވެސް މެއެވެ. އިމާމް ޒައިނުލް ޢާބިދީންގެ މަފްހޫމަކީ "ތިބާގެ ހައްގު، މަގޭ ޒިންމާ" ނުވަތަ "ޔުއަރ ރައިޓް، މައި ރެސްޕޮންސިބިލިޓީ"ގެ މަފްހޫމެކެވެ. މި މަފްހޫމުގެ އަސްލު އެކަލޭގެފާނަށް ވުރެ ކުރީން ވެސް މުސްލިމުންގެ ތެރޭގައި އޮތެވެ. މިސާލަކަށް، މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫ ބަކުރު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނުގެ ޚިލާފަތުގެ އިފްތިތާހީ ތަގުރީރުގައި ވިދާޅުވި ބަސްފުޅުތަކާ މެދު ވިސްނައިލައްވަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ކުރެ އެންމެ ގަދަފަދަ މީހާގެ ކިބައިން، އެންމެ ނިކަމެތި މީހާޔަށް އަދާ ކުރެވޭން ޖެހޭ ހައްގު އޭނާޔަށް ލިބިދީފުމަށް ދާންދެން، އެ ގަދަފަދަ މީހާޔަކީ ތިމަން ކަލޭގެފާނުގެ ކުރިފުޅުމަތީގައި އެންމެ ނިކަމެތި މީހާއެވެ."

ހުޅަނގުގެ އިންސާނީ ޙައްޤުތަކުގެ ނިޒާމާއި، އިސްލާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގައި އެއްގޮތް ކަންތައްތަކެއް ވެސް ހުރެއެވެ. ސޫރީ ގޮތުން ދެ ނިޒާމުގެ ހުރި ތަފާތާ އެކުގައި މެ، ޖައުހަރީ ގޮތުން ހުރި އެއްގޮތް ކަންކަން ވަރަށް ގިނައެވެ. އެންމެ މުހިއްމު ކަމަކީ، ދެ ނިޒާމުގައި ވެސް އަސާސީ ހައްގުތަކެއްގެ ގޮތުގައި ބަލާ ކަންކަން އެއްގޮތް ކަމެވެ. ހުޅަނގުން އެކުލަވައިލި އިންސާނީ ހައްގުތަކުގެ އެންމެ މުހިއްމު ވަސީގާ ކަމުގައި ވާ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް އާއި، މުސްލިމް އިލްމުވެރީން އެކުލަވައިލެއްވި އެފަދަ ދެ ވަސީގާ ކަމުގައި ވާ ޔުނިވަރސަލް އިސްލާމިކް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް އާއި، ކެއިރޯ ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް އިން އިސްލާމް އަޅައިކިޔުއްވައިލެއްވުމުން، މި ދަންނަވާ އެއްޗެއްގެ ތެދުކަން ފެނިވަޑައިގަންނަވާނެއެވެ.

ޖައުހަރީ ގޮތުން ހުރި އެއްގޮތް ކަންތައްތަކާ އެކުގައި ވެސް، އިސްލާމީ އިންސާނީ ހައްގުތަކުގެ ނިޒާމާއި، ހުޅަނގުގެ އިންސާނީ ހައްގުތަކުގެ ފިކުރުގައި ވަރަށް މުހިއްމު، ވަރަށް މާނަވެރި، ވަރަށް އަސާސީ ތަފާތެއް ހުރެއެވެ. މި ކޮލަމުގައި އަޅުގަނޑު އެންމެ ބޮޑަށް ފޯކަސް ކުރާން ބޭނުންވާ ނުކުތާޔަކީ ވެސް އެ ތަފާތެވެ. އެ ތަފާތަކީ، ކުރީން ވެސް ދެންނެވި ފަދައިން، އިސްލާމީ ނިޒާމުގައި ހައްގުތައް ރައްކައުތެރި ކުރުމަށް ޓަކައި ގެންގުޅޭ "އެޕްރޯޗް" އަކީ ހުރިހައި އިންސާނުންގެ ކަރާމާތާއި ހުރުމަތް ރައްކައުތެރި ކުރުމާ އެކު، އަދި އިންސާނާގެ އަސާސީ މަސްލަހަތުތަކެއް އެކަށައެޅުމާ އެކު، އިންސާނުން އެކަކު އަނެކަކަށް އަދާ ކުރާން ޖެހޭ ވާޖިބުތަކަށް ބާރު އެޅުމުގެ އެޕްރޯޗެއް ކަމުގައި ވުމެވެ. ހުޅަނގުގެ ނިޒާމުގައި މަވެތިކަމާ އެކު، އަމިއްލަ އެދުމުގެ މައްޗަށް ބުރަ ވެ، ކޮންމެ މީހަކު ވެސް "މަގޭ ހައްގާއިގެން" އުޅުމަށް ދަސް ކޮށްދޭ އިރު، އިސްލާމީ ނިޒާމުގައި ހައްގުތަކުގެ މުޅި ކޮންސެޕްޓް، ތިމާގެ ވާޖިބު، އަނެކާގެ ހައްގު މި ގޮތަށް ދެކޭކަމެވެ. ހުޅަނގުގައި އޮންނަނީ ފަރުދާނިއްޔަތާއި އަމިއްލަ ނަފުސު އެންމެ އިސް ކުރުމުގެ ފަލްސަފާގެ ތެރެއިން ތަރައްގީ ވެފައި އޮންނަ ކޮންސެޕްޓެކެވެ. އިސްލާމީ ނިޒާމުގައި ހުށައަޅައިދެނީ، އިންސާނީ އުޚުއްވަތްތެރިކަމާއި، އަމިއްލަ ނަފުސަށް ވުރެ އަނެކާ އިސް ކުރުމާއި، ލޯތްބާއި ކުލުނާ އެކު އަނެކުންނާ މުއަމަލާތު ކުރުމުގެ ފަލްސަފާއެކެވެ.

އަމަލީ މިސާލަކުން މި ވާހަކަ ދައްކާ ނަމަ، ދިވެހިރާއްޖޭގައި ދާދި ފަހުން އުވައިލެވުނު އަބުރުގެ ގާނޫނާ ބެހޭގޮތުން ވާހަކަ ދެކެވިދާނެއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، އަބުރު ރައްކައުތެރި ކުރުމުގެ ގާނޫނެއް ހެދުނެވެ. މިހާރު މި އޮތް ސަރުކާރު އައިސް އެ ގާނޫނު އުވައިލިއެވެ. މި މައްސަލައިގައި ގައުމުގެ ޚިޔާލު އޮތީ ދެ ބަޔަކަށް ބެހިފައެވެ. އެއް ބަޔަކީ، އިންސާނުންގެ އެކަކު އަނެކެއްގެ އަބުރު ރައްކައުތެރި ކުރުމަށާއި، އެކަކު އަނެކެއްގެ އަބުރަށް އަރައިނުގަތުމަށް އޮންނަ ވާޖިބުގެ މުހިއްމުކަން އިހުސާސް ކޮށް، އެ އިލްތިޒާމް އެންފޯރސް ކުރުމުގެ މުހިއްމުކަން ގަބޫލު ކުރި ބައެކެވެ. އަނެއް ބަޔަކީ، އަނެކާގެ އަބުރަށް ހުރުމަތްތެރިކޮށް ހިތުމަށް ތިމާގެ މައްޗަށް އޮންނަ ވާޖިބަށް ވުރެ، ތިމާގެ ޚިޔާލު ފައުޅު ކުރުމަށް އޮންނަ ހައްގާއި މިނިވަންކަން މާ މުހިއްމު ކަމުގައި ދުށް ބައެކެވެ. އިންސާނީ ހައްގުތަކާ ބެހޭ އިސްލާމީ ފަލްސަފާގައި، މި ތަނުން ގަބޫލު ވެވޭނީ ކޮން ބަޔެއްގެ ވިސްނުންކަން ވަރަށް ސާފެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފެނުނީ، ހުޅަނގުގެ ފަލްސަފާގެ ތެރެއިން، މިހާރު މި އޮތް ސަރުކާރުން އިސްލާމީ ނިޒާމާ ޚިލާފު ވެ، އަބުރުގެ ގާނޫނު އުވައިލި މަންޒަރެވެ.

އިމާމް ޒައިނުލްޢާބިދީނަށް ފަހު، އިސްލާމް ދީނުގެ އެހެނިހެން އިލްމުވެރީން ވެސް ވަނީ އިންސާނީ ހައްގުތަކުގެ ފިޤުހީ ފަލްސަފާޔާއި އުސޫލުތަކާއި ހަމަތައް ނުހަނު ބޮޑަށް ތަރައްގީ ކުރައްވައިފައެވެ. އިމާމުލް ޖުވައިނީ އާއި، އިމާމް ޣަޒާލީ އާއި، އިމާމް ޝާޠިބީ ފަދަ ބެއިބެއިފުޅުން ތަރައްގީ ކުރެއްވި "މަޤާޞިދުއް ޝަރީޢާ" ގެ މަފްހޫމަކީ ވެސް ހަގީގަތުގައި އޭގެ ބައެކެވެ. މި މަފްހޫމް އިމާމް ޣަޒާލީ ވަނީ ވަރަށް ފަލްސަފީ ގޮތެއްގައި ހުށައަޅުއްވައިފައެވެ. އެކަލޭގެފާނު ވިދާޅުވަނީ ކޮންމެ މީހަކު ވެސް، އެހެން މީހުންގެ ނުބައިކަމުން ތިމާގެ ނަފުސު ސަލާމަތް ކުރުމަށް ވުރެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ، ތިމާގެ ނުބައި އަމަލުތަކާއި ބަސްތަކުން އެހެން މީހުން ސަލާމަތް ކުރުމަށް ކަމުގައެވެ.

ފުންކޮށް ވިސްނަވާށެވެ. އިސްލާމް ދީން އިންސާނާޔަށް އުނގަންނައިދެނީ އިންސާނީ އުޚުއްވަތާއި، އިންސާނީ ލޯތްބާއި ހަމްދަރުދީ އާއި، އިންސާނިއްޔަތުކަމުގެ އަސާސުތަކުގެ ތެރެއިން، އަނެކާގެ ހައްގުތަކަށް އިސްކަން ދީ، ތިމާގެ ވާޖިބުތަކުގެ އިހުސާސު ވަރުގަދަ ކުރުމަށެވެ. ހުޅަނގުގެ އިންސާނީ ހައްގުތަކުގެ ފަލްސަފާ ގޮވައިލަނީ، ކޮންމެ މީހަކު ވެސް "މަގޭ ހައްގު" ކިޔައިފައި، ތިމާގެ އަމިއްލަ ހައްގުތަކަށް އިސްކަން ދީގެން ދުވުމަށެވެ. "ހައްގުތައް ތަބަކަކަށް ލައިފައި ނުދޭނެޔޭ، ހައްގުތައް ޖެހޭނީ ހަނގުރާމަ ކޮށްގެން ވިޔަސް ހޯދައިގަންނާށޭ" މިއީ ހުޅަނގުގެ ފަލްސަފާގެ ތެރެއިން ނުކުންނަ ހަމަތަކެވެ. މި ދެ ފިކުރުގެ ތެރެއިން، އަމިއްލަ އެދުން ކޮންޓްރޯލް ކޮށް، އަމިއްލަ މަސްލަހަތަށް ވުރެ އަނެކުންގެ މަސްލަހަތު އިސް ކޮށް، އިންސާނީ އުޚުއްވަތު ކުރިޔަށް ނެރެ، އަނެކާޔަށް ޓަކައި ގުރުބާން ވުމުގެ މިޒާޖު ވަރުގަދަ ކޮށްދޭނީ ކޮން ނިޒާމަކުންތޯއެވެ؟ އަދި ބޮޑާކަމާއި، މަވެތިކަމާއި، އަމިއްލަ އެދުންވެރިކަން އިސް ކޮށް، "މަގޭ ހައްގު ކޮބާ" ކިޔަމުން އެހެން މީހުން ފޮޅަމުން، ގަޅަމުން ދާނޭ މީހަކު އުފެދުމުގެ އިހުތިމާލު ބޮޑީ ކޮން ނިޒާމެއްގައިތޯއެވެ؟

ހުޅަނގުން ވަނީ އެމީހުންގެ އިންސާނީ ހައްގުތަކުގެ ނިޒާމަކީ ހުރިހައި ގޮތަކުން ވެސް، ދުނިޔޭގެ "ރަން މިންގަނޑު" ކަމަށް ހަދައިފައެވެ. އެމީހުންގެ އާރާއި ބާރާއި މުއްސަނދިކަމުގެ ވަސީލަތުގެ ބޭނުން ކޮށްގެންނެވެ. އެމީހުން އެމީހުން ނޫން މީހުންނާ މެދުގައި ދެކެނީ، އެމީހުންނަށް ވުރެ ހުރިހައި ގޮތަކުން ވެސް ދަށު ދަރަޖައެއްގެ ބައެއް ކަމުގައެވެ. ހުޅަނގުގެ ފިކުރީ އިސްތިއުމާރުގައި ޖެހިފައި ތިބި މުސްލިމުން ވެސް ވަނީ މިކަން ގަބޫލު ކޮށްފައެވެ. ދިވެހިރާއްޖެއިން ވެސް ފެންނަނީ މި މަންޒަރެވެ. އަޅުގަނޑުމެންގެ ގާނޫނުއަސާސީ ވެސް އެގޮތުން އެކުލަވައިލެވިފައި ވަނީ "މަގޭ ހައްގު" ފަލްސަފާގެ ދަށުންނެވެ. ހުޅަނގުގެ ފިކުރާ އެއްގޮތަށެވެ. ހަމަ އެހެންމެ، އަޅުގަނޑުމެންގެ ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީގައި ވެސް، އިންސާނީ ހައްގުތަކުގެ ވިސްނުން އުނގަންނައިދެވެނީ ހުޅަނގުގެ ފަލްސަފާޔާ އެއްގޮތަށެވެ.

އެކަމަކު މިއަދު މުސްލިމުން ދެނެގަންނާން ޖެހޭ ހަގީގަތަކީ، އިންސާނީ ހައްގުތަކުގެ ދާއިރާގައި ވެސް، އަދި އެހެންގިނަ ދާއިރާތަކުގައި ވެސް، ހުޅަނގުގެ ފަލްސަފާޔާއި ފިކުރުތައް ކޮޕީ ކޮށްގެން އުޅުމަކީ ވަރަށް ބޮޑު ގޯހެއްކަމެވެ. އިންސާނީ ހައްގުތައް ރައްކައުތެރި ކުރުމުގައި ވެސް، އަޅުގަނޑުމެން މި ގެންގުޅޭ ވިސްނުން މުޅީން ބަދަލު ކޮށް، "ޕެރަޑައިމް ޝިފްޓެއް" ގެންނާން ޖެހެއެވެ. ގާނޫނުއަސާސީ ވެސް އިސްލާހު ކުރާން ވީއެވެ. ގާނޫނު މަދަރުސާތަކުގެ ކަރިކިޔުލަމް ވެސް ބަދަލު ކުރާން ވީއެވެ. ފަށައިގަންނާން ވީ އިންސާނީ ހައްގުތަކާއި، އެ ހައްގުތައް ރައްކައުތެރި ކުރުމަށް ޓަކައި، އިންސާނާގެ އަސާސީ ވާޖިބުތައް، ނުވަތަ އިންސާނާ އެހެން ފަރާތްތަކަށާއި އެހެން އިންސާނުންނަށް އަދާ ކޮށްދޭން ޖެހޭ ހައްގުތަކެއް ނުވަތަ ވާޖިބުތަކެއްގެ ވާހަކަ އިލްމީ ބަހުރުވައިން ފުރަތަމަ ދެއްކެވި އިމާމް ޒައިނުލްޢާބިދީންގެ އައްރިސާލަތުލް ޙުޤޫޤާ ހަމައިންނެވެ. އަޅުގަނޑުމެންގެ ލޯވ ސްކޫލްތަކުގައި މި ފޮތް ކިޔަވައިނުދެވެނީ ކީއްވެގެންތޯއެވެ؟ މިއަށްވުރެ ލަދުހުތުރު ކަމަކީ ކޮބައިތޯއެވެ؟

އަދިވެސް އެއް ފަހަރު ތަކުރާރު ކޮށްލަމާ ހިންގަވާށެވެ. އިންސާނީ ހައްގުތަކުގެ އިލްމީ ފިކުރާއި އިލްމީ ބަހުސްގެ ބައްޕަޔަކީ ހުޅަނގުގެ އިލްމުވެރިޔެއް، ބާހިސެއް، މުފައްކިރެއް ނޫނެވެ. އެ ޝަރަފުގެ ހައްގުވެރިޔަކީ އަލްއިމާމް ޢަލީ ބިން ޙުސައިން ޒައިނުލްޢާބިދީނެވެ. އެއީ ކޮން ބެއިކަލެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟ އެއީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަގެ ލޮބުވެތި މުނިކާފަ ދަރިކަލުންނެވެ. ސުވަރުގޭގެ އަމީރުންގެ ތެރޭގައި އެކަލޭގެފާނު ލައްވަވާށިއެވެ!

comment ކޮމެންޓް