ފިނޭންސް މިނިސްޓަރަށް ބްލޭންކް ޗެކެއް ނުދެވޭނެ: އީވާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

ފިނޭންސް މިނިސްޓަރަކީ އެމްޑީޕީ މީހަކަށް ވިޔަސް ދައުލަތުގެ ރިޒާވުން ބްލޭންކް ޗެކެއް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކަން ކުރަންވާނެ ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ އެހެން ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެން މިހާރު ކުރިއަށް ދާ ބަހުސްގަ އެވެ. އީވާ ވިދާޅުވީ މިވަގުތަކީ އާދަޔާ ހިލާފަށް މަޖިލީހުން ފާރަވެރިވާން ޖެހޭ ވަގުތެއް ކަމަށެވެ.

އީވާ ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތައް މަޖިލީހުން ސަސްޕެންޑް ކޮށްދޭ އިރު ފިނޭންސް މިނިސްޓަރު ހަރަދުތައް ހިންގާނޭ ގޮތުގެ ފުރިހަމަ ތަފްސީލު މަޖިލީހަށާއި އެމްއެމްއޭ ގަވަރުނަރަށް ލިބެން ޖެހޭ ކަމަށެވެ. ހަރަދު ކުރާނޭ ގޮތާއި ހަރަދު ކުޑަކުރާނެ ގޮތުގެ ފުރިހަމަ ތަފްސީލީ ރިޕޯޓެއް ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

"މީހާގެ މޫނަށް ކަނދުރާއަށް ބަލާފައި ކަންކުރުން އީ 1980ގެ އަހަރުތަކުގެ ގޮތްހެން. އެއީކީއެއް މިހާރު އަޅުގަނޑުމެން ކަންކުރަން ވިސްނާނޭ ގޮތެއް ނޫން. އަޅުގަނޑާއި ފިނޭންސް މިނިސްޓަރާ އޮންނަ ގާތް ކަމަކާއި. ނުވަތަ އަޅުގަނޑާއި ގަވަރުނަރާ އޮތް ރަހުމަތްތެރި ކަމަކާ. އަޅުގަނޑާ ފިނޭންސް މިނިސްޓަރާ އެއް ޕާޓީއަކަށް ވީތީ ކޭޝް ފްލޯ ނުވަތަ ބްލޭންކް ޗެކެއް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ކަން ކުރަންވާނޭ ގޮތެއް ނޫން." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސަރުކާރަށް ފައިސާ ލިބޭނެ ގޮތަށް އެކަން މަޖިލީހުން ވީހާ ވެސް އަވަހަކަށް ކޮށްދޭނެ ކަމަށެވެ. އެކަމަކު ކޮށްދޭ އިރު އާދަޔާ ހިލާފަށް ޗެކްސް އެންޑް ބެލެންސަސްތަކެއް ހުންނަން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި އާދަޔާ ހިލާފަށް ހަރުކަށި ފާރަވެރި ރިޕޯޓިން ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަކީ މުޅި ދައުލަތް ހިފެހެއްޓުމުގެ އެންމެ މުހިންމު އެއް ގާނޫނު ކަމަށެވެ.

"ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އިދިކޮޅު ފަރާތްތަކުން ބެހެން އުޅޭ އެއް ގާނޫނަކީ އޮޔާދާ އެންމެ ފުރަތަމަ އެއް ގާނޫނަކީ ހަމަ މި ގާނޫނު. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު." އީވާ ވިދާޅުވި އެވެ.

އަންދާޒާ ކުރި ބަޖެޓުން މިވަގުތު ފޫބެދެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވާ ވިދާޅުވުމަށް އީވާ ތާއީދު ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ އަށާއި ފިނޭންސް މިނިސްޓަރަށް މަޖިލީހުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިވަގުތަކީ ފާރަވެރިވާން ޖެހޭނެ ވަގުތެއް ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ފޫބައްދަން މިވަގުތުން މިވަގުތަށް 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަހަރަށް ފަސްކުރުމަށް ފާސްކޮށްދިނުމަށެވެ. އެގޮތަށް އެދިވަޑައިގަތީ މިހާރު ރާއްޖޭގައި އޮތީ ކާރިސާގެ ހާލަތެއް ކަމަށް ފާހަގަކޮށްފަ އެވެ.

އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގަތް 32 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީ ވެސް ވޭތުވެ ދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީއެއް ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަށް ކަމަށް ވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

އެ މާއްދާއަށް އަމަލުކުރުން ފަސްކޮސްފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ނަގާއިރު ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނެ ކަމަށް ވެސް ބެލެވެ އެވެ.

އޭގެ އިތުރުން ދެން ފިނޭންސް މިނިސްޓަރު ފަސްކޮށްދޭން އެދިވަޑައިގަތީ 32 ވަނަ މާއްދާގެ (ރ) އަދި އަދި ހަމަ އެ މާދާގެ (ބ) އެވެ. އެ މާއްދާގެ (ބ)ގައި ބުނެފައި ވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ޖެނުއަރީ 1، 2016 ވަނަ ތާރީހުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ. އެ ދެ މާއްދާއަށް އަމަލު ކުރުން ހުއްޓާލުމަށް ފާސް ކުރުމަށްވެސް ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮވިޑް 19ގެ ސަބަބުން ގައުމަށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްްދާގައި ކަނޑައަޅާފައިވާ ބައެއް ފިސިކަލް ހަމަތަކަށް އަމަލު ކުރުމަކީ އިގްތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް