ސަރުކާރުން ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

ބިދޭސީ ބަޔަކު އިއްޔެ މާލޭ ފުޓް ކޯޓުކައިރި ޖަމާވެގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮޮވިޑް-19 އާ އެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އުފެދިފައިވާއިރު ސަރުކާރުން، ރާއްޖޭގައި ކޮންމެ ދާއިރާގެ މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ނަމަވެސް އެ ހުރިހާ ފަރާތްތަކުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ބަލި ކޮންޓްރޯލުކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގައި ދިވެހީންނާއި ބިދޭސީންގެ މެދުގައި އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ސަރުކާރުން ވަނީ މީގެކުރީންވެސް އަންގާފައެވެ.

އެކަމާ ގުޅިގެން މިއަދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތުގައި ސަރުކާރުން ތަފާތުކުރުމެއް ނުގެންގުޅެ، ތަފާތުކުރުން ނައްތާލުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ އެންމެ ނާޒުކު ހާލަތެއްގައި ތިބި ފަރާތްތައް ކަން ފާހަގަކޮށް ޓްރާންސްޕޭރެންސީއިން ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެ ފަރާތްތަކަށް ދިމާވާނެ ދަތިތައް ދެނެގަތުން މުހިއްމު ކަމަށެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރީން އެންމެ ގިނަ ތަންތައް ކަމަށްވާ މޯލްޑީވްސް އެސޯސިއޭޝަން ފޮ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަދި މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން، ކޮވިޑް-19ގެ ހާލަތުގައި ބިދޭސީންނަށް ކަމާ ގުޅޭ ފަރާތްތަކުންގެ މެސެޖުތަކާއި އަޕްޑޭޓްތައް ފޯރުކޮށްދިނުން މުހިއްމު ކަމަށް ޓްރާންސްޕޭރެންސީއިން ބުންޏެވެ.

އަދި އެފަރާތްތަކުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ދުރާލާ ތައްޔާރުވުމަކީ މުހިއްމު ކަމެއް ކަމަށް ޓްރާންސްޕޭރެންސީއިން ވަނީ ފާހަގަކޮށްފައެވެ.

ޓްރާންސްޕޭރެންސީ އިން ބުނެފައިވަނީ އެ ބިދޭސީންގެ ރައްކާތެރިކަމާއި އެމީހުންގެ ސިއްހަތު އަދި އެފަރާތްތަކުން ދިރިއުޅެމުންދާ ހާލަތު ބަލައި ކަށަވަރުކުރުމަކީ މަސީ އާއި މަޓީގެ ޒިންމާއެއް ކަމަށެވެ. އެފަރާތްތަކުންގެ ދިރިއުޅުމުގެ ހާލަތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މިންގަނޑަށް ފެތޭތޯ ބެލުމާއި ކެއުމުގެ ކަންތައް ހަމަޖެހިފައިވާ ގޮތް ބެލުމަކީވެސް މަސީ އާއި މަޓީގެ ޒިންމާއެއް ކަމަށް ޓްރާންސްޕޭރެންސީއިން ބުންޏެވެ.

ރާއްޖޭގައި ބިދޭސީންނާ މެދު އަމަލު ކުރާ ގޮތަށް އަލިއަޅުވައި ޓްރާންސްޕޭރެންސީއިން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ރިޕޯޓަކަށް ރިއާޔަތްކޮށްފައެވެ.

ސްޓޭޓް ޑިޕާޓްމެންޓުން 2015 ވަނަ އަހަރު ހާމަކޮށްފައިވާގޮތުގައި ރާއްޖެ ވަނީ އިންސާނުންގެ ވަގުފާރި ކުރުމުގެ ވޮޗްލިސްޓުގެ ދެވަނަ ޓިއާގައި ހިމެނިފަ އެވެ. އެ ރިޕޯޓުގައި ބުނާގޮތުގައި ރާއްޖެއަކީ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދީންނަށް ފޯސްޑް ލޭބާ އަދާކުރާ ގައުމެއްގެ އިތުރުން ސެކްސް ޓްރެފިިކު ކުރުމުގެ ގައުމެއް ކަމަށެވެ.

comment ކޮމެންޓް