ހާލުގައި ޖެހިފައިވާ މީހުންނަށް ކޮކާކޯލާ، މަޓާޓޯ އަދި އެންބީއޭއެމުން ރޯދަމަހު އެހީވަނީ

އޭޕްރީލް 22، 2020: ބިދޭސީ ދެ މިހަކު އެމީހުންގެ ކޮއްތު ހިފައިގެން މަގުމަތިން ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވޑް-19 ގެ ސަބަބުން ހާލުގައި ޖެހި، މާލެ އާއި ހުޅުމާލޭގައި ދައުލަތުން ބަލަހައްޓަމުން އަންނަ ދިވެހިންނާއި ބިދޭސީންނަށް ކުރިއަށް އޮތް ރޯދަމަހުގައި ކާބޯތަކެތި ފޯރުކޮށްދޭން ދެ ޖަމްއިއްޔާއަކުން ނިންމައިފި އެވެ.

ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ، މަޓާޓޯ އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ބުނީ އެ ދެޖަމާއަތް ގުޅިގެން އެކަން ކުރާނީ، ކޮކާކޯލާއާ ގުޅިގެން ކަމަށެވެ.

މަޓާޓޯ އާއި އެންބީއޭއެމުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރަމަޟާން މަހާ ކުރިމަތިލާއިރު އެތައް ބަޔަކު ހިޔާވެހިކަމެއް ނެތި ކައިބޮއެ އުޅޭނެ ގޮތެއް ނެތިފައި އެބަތިބި ކަމަށެވެ.

ދިވެހި މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި އޭގެ ތެރެއިން ގިނަ ބަޔަކަށް ރަނގަޅު ކާނާ ނުލިބި، ބަލިވެ އަދި އުނދަގޫ ހިސާބަކަށް ކަންކަން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެހެންކަމުން ކޮކާ ކޯލާ އާއި ގުޅިގެން ކުރިއަށް އޮތް 30 ދުވަހަށް 500 މީހުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ދެ ޖަމިއްޔާ އިން ނިންމާފައިިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ސަލްސާ ކޭޓަރިންގެ އެހީތެރިކަމާއެކު މާލޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް ބަދިގެއެއް ލިބިފައިވާ ކަމަށާއި އަދި ހުޅުމާލޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް ބަދިގެއެއް ހިޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ތައްޔާރުކުރާ ކާބޯތަކެތި ވަގުތީ ހިޔާތަކުގައި އުޅޭ މީހުންނަށް ބެހުމަށް ހަމަޖެހިފައިވަނީ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުމާއެކުގައި ކަމަށާއި އަދި އެކަމުގައި ބައިވެރިވެ އެއްބާރުލުން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ބުނެފައިވެއެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް މަޓާޓޯ އާއި އެންބީއޭއެމުން ނިންމިއިރު ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ދެ ޖަމިއްޔާއިން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކުގައި މަސައްކަތް ކުރަމުންނެވެ.

މަޓާޓޯ އާއި އެންބީއޭއެމް އަކީ ގިނަ ޓްރެވަލް އެޖެންޓުންނާއި ބޯޓިންއިންޑަސްޓްރީ ތަމްސީލް ކުރުމައް ވޭތުވެދިޔަ 10 އަހަރައްވުރެ ގިނަދުވަސްކުރިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ހިލޭސާބަހަށް މަސައްކަތްކުރާ ދެ ޖަމިއްޔާއެވެ.

ޖެންޑާ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިމަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މަގުމަތިވި 87 މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، ވަގުތީ ހިޔާވަހިކަމާއި ކާބޯތަކެއްތި އަންނަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، މާލެއިން ނުފުރި ތިބި ރަށްރަށުގެ މީހުންނަށާއި، ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނުކުންނަން މަޖުބޫރުވާ ފަރާތްތަކަށް އެހީވުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް