ހާލުގައި ޖެހޭ މީހުންނަށް އެހީ ވާން ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ -- ސަން ފޮޓޯ

ކޮވިޑް-19ގެ ސަބަބުން ދިމާވާ ކަންކަމުގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވާން ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ހަރަދު ކުރަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލައި ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ކުލި ދައްކަން ދަތިވެފައެވެ. ބައެއް ބިންވެރިން، ކުލި ކުޑަކޮށްދިން ނަމަވެސް، އަނެއްބައި މީހުން މި ހާލަތުގައި ދަނީ ކުލި ނުދެއްކޭ މީހުން ގެއިން ނެރެމުންނެވެ.

ކުލި ނުދައްކައިގެން ބޭރުކުރުމުގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބައެއް މީހުން މަގުމަތިވެ ހާލުގައި ޖެހުނެވެ. އޭގެ ތެރޭގައި އެކި ކަންކަމުގައި މާލެ އައިސް، ލޮކްޑައަން ކުރުމުން މާލެއިން ނުފުރި ތާށިވެފައިވާ މީހުން ހިމެނެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ވަނީ ހާލުގައި ޖެހިފައެވެ.

މިރޭ ރާއްޖެޓީވީގެ ލައިވް ޓެލެކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މި ދުވަސްވަރު ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ޖެންޑާ މިނިސްޓްރީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. ހާލުގައި ޖެހޭ މީހުންގެ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދަނީ ޖެންޑާ މިނިސްޓްރީއިންނެވެ.

"ޒަކާތު ފަންޑުން އަޅުގަނޑުމެން ފުރަތަމަ ހަރަދު ކުރީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް. އެއީ ތިން މިލިއަން ރުފިޔާ. ދެން މިހާރު އެތެރޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަޅުގަނޑުމެން ޖެންޑާ މިނިސްޓްރީއަށް މި ދިނީ އެއް މިލިއަން ރުފިޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

ހާލަތަށް ރިއާޔަތްކޮށް އެއަށް ވުރެ ގިނައިންވެސް ޒަކާތު ފަންޑުން ހަރަދު ކުރައްވާނެ ކަމުގެ އިޝާރާތެއްވެސް މިނިސްޓަރު ދެއްވިއެވެ.

މިިރޭ މިނިސްޓަރު އިތުރަށް ވިދާޅުވީ، ހާލުގައި ޖެހޭ ފަރާތްތަކަށް ރޯދަ މަހު ރޯދަ ވީއްލަން ކަދުރު ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ހަމަޖައްސާނެ ކަމަށެވެ.

"ކަދުރުވެސް އިރާދަކުރެއްވިއްޔާ، މިހެން ތިބޭ ފަރާތްތައް ފާހަގަކޮށް، އެ މީހުންނަށް ހަދިޔާކޮށް ރޯދަ ވީއްލޭނެ އިންތިޒާމުވެސް އިރާދަކުރެއްވިއްޔާ ޖެންޑާ މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން ކުރިއަށްގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 24 އޭޕްރިލް 2020 ވާ ހުކުރު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ އިއުލާނުކޮށްފައެވެ. ކޮންމެ ރަމަޟާން މަހެއްގައި މިސްކިތްތަކުގައި ސުފުރާ ތައްޔާރުކޮށް، ރޯދަ ވީއްލާނެ އިންތިޒާމު ހަމަޖައްސައެވެ. ގިނަ އަދަދެއްގެ ބިދޭސީން ރޯދަ ވީއްލަނީ އެފަދަ ތަންތަނުންނެވެ. އެހެންނަމަވެސް، މާލެ ލޮކްޑައުންގައި އޮތުމުން މި އަހަރު އެގޮތަށް ރޯދަ ވިއްލުމުގެ އިންތިޒާމު ހަމައެއް ނުޖެހޭނެއެވެ.

ހާލުގައި ޖެހޭ މީހުން ބޭތިއްބުމަށް އިމާދުއްދީން ސްކޫލާއި، ރެހެންދި ސްކޫލާއި ޣާޒީ ސްކޫލުގެ އިތުރުން ގަލޮޅު ދަނޑު ހަމަޖެހިފައިވާ އިރު އިތުރު ތަންތަން ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް