ލައިސެންސް ނެތް މީހަކު ދުއްވި ޑެލިވަރީ ވޭނެއް އެކްސިޑެންޓް ވެއްޖެ

މާލޭ މަގުމަތީގައި ފުލުހެއް ފޯރި މަރަނީ: މާލެ ލޮކްޑައުނަށް ގެނައި ފަހުން މިއަދު ވަނީ ފުރަތަމަ ފަހަރަށް އެކްސިޑެންޓެއް ރިޕޯޓް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލައިސެންސް ނެތް މީހަކު ދުއްވި ޑެލިވަރީ ވޭނެއް ފިހާރައެއްގެ ދޮރަށް 'އަރައި' އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 4:47 އެހައިކަންހާއިރު ކަމަށެވެ.

އެކްސިޑެންޓްގައި ޑެލިވަރީ ވޭން ގޮސް ޖެހިފައިވަނީ ޗާންދަނީ މަގުގައި ހުރި ފިހާރައެއްގެ ދޮރުގަ އެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު ވޭން ދުއްވަން އިނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހާ އަތުގަައި އެއްގަމު އުޅަނދު ދުއްވުމުގެ 'e' ކެޓަގަރީގެ ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލެ އިން ކޮވިޑް-19ގެ ބަލި މީހަކު ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުން ކޮށް ހުއްދަ ނެތި މީހުން ބޭރަށް ނިކުތުން މަނާކުރި ފަހުން މިއީ ރިޕޯޓް ކުރި ފުރަތަމަ އެކްސިޑެންޓް އެވެ.

comment ކޮމެންޓް