މުލަ ރޯދައަށް ވީ ނަމަވެސް މާދަމާ ޖަލްސާ އޮންނާނެ: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު: މާދަމާ އަކީ ރޯދަަ މަހުގެ ފުރަތަމަ ދުވަހަށް ވީ ނަމަވެސް މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައި ---

މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވީ ނަމަވެސް ޖަލްސާ އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާނީ މިރޭ އެވެ. ހަނދު ސާބިތު ކުރުމުގެ އިންތިޒާމު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މެޖިސްޓްރޭޓު ކޯޓުތަކުގައި ހަމަޖެހިފައިވާނެ ކަމަށް ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ވަނީ ބުނެފި އެވެ.

"އަޅުގަނޑުމެންގެ ޖަލްސާއެއް މާދަމާ އޮންނާނެ. މާދަން މުލަ ރޯދަ ދުވަހަށް ވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު ހިތުލައިގެން މިހުރީ މުލަ ރޯދައަށްވީ ނަމަވެސް މާދަމާގެ ޖަލްސާއެއް އަޅުގަނޑުމެން ބާއްވަން 11 ޖަހާއިރު،" މާދަމާ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމު ގޮތެއްގައި ބާއްވަނީ ހަފްތާ އަކު ތިން ދުވަހު އެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި މަޖިލީހުގެ ރައީސަށް ޖަލްސާތައް ބޭއްވުމުގެ ބާރު އޮވެ އެވެ.

އާންމު ގޮތެއްގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ސަރުކާރު ބަންދު އަދި އަމިއްލަ ގިނަ އޮފީސްތަކެއް ވެސް ބަންދު ދުވަހެކެވެ. މީގެ ކުރިން ނަމަ ހަމަ އެކަނި ހުޅުވިފައި ހުންނާނީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން އެކަންޏެވެ. ނަމަވެސް މިއަދު ހާލަތު މިވަނީ މުޅިން ބަދަލުވެފަ އެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން މިދާ ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރެމުންދާއިރު އެކަމުގެ ނުރައްކާ އެންމެ ބޮޑުވެފައި މި މިހާރު އޮތީ ވެރިރަށް މާލެ އެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ރަށްތައް ވެސް ވަނީ ލޮކްޑައުންއަކަށް ގެނައިސްފަ އެވެ. ސަރުކާރު އޮފީސްތަކާއި ސުކޫލްތައް ބަންދު ކުރި ފަހުން މަހެއް ވާން ގާތް ވެފައިވާއިރު ރައްޔިތުން ގެތަކުން ނުކުތުން މަނަލެވެ.

އެހެން ނަމަވެސް މި ފަދަ ހާލަތެއްގައި ރައްޔިތުންގެ މަންދޫބުންނާއި އެކު އެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭ ކަން ރައީސް ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެއީ އެކު މެންބަރުންގެ ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ޖަލްސާތައް ބާއްވާ މިއީ ދެވަނަ ހަފްތާ އެވެ.

"އިއްޒަތްތެރި މެންބަރުންނަށާއި ރައްޔިތުންނަށް ދަންނަވާލަން އޮތީ ކެތްތެރިކަމާއި އެކީގައި ތިއްބަވާށެ އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ ދަތި ދުވަސްތަކެއް. އެހެން ނަަމެވެސް އަޅުގަނޑުމެން އެންމެ އެކުގައި މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެނަށް އަރައިގަނެވޭނެ،" މަޖިލިސް ނިންމަވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް