ހަސީނާއަށް ގުޅުއްވާ، ރައީސް ޝުކުރުއަދާކުރައްވައިފި

ރައީސް ސޯލިހް --- ފޮޓޯ: ރައީސް އޮފީސް

ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ބަންގްލަދޭޝް އިން ދިން އެހީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ބަންގްލަދޭޝް އިން ވަނީ 100 މެޓްރިކްޓަނުގެ ބޭހާއި ކާބޯތަކެތި ރާއްޖެއަށް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި 20،000 ޕީޕީއީ ސެޓާއި 960 އައި ޕްރޮޓެކްޝަން ގޮގްލްސް އަދި 5000 ޕީސް ހޭންޑް ސެނިޓައިޒާ ހިމެނެއެވެ.

މީގެ އިތުރުން ބަންގްލަދޭޝް އިން ވަނީ ކޮވިޑް19 އާއި ގުޅޭ ކަންކަމުގައި އެހީވުމަށް އެގައުމުގެ އަސްކަރިއްޔާގެ 10 މެޑިކަލް އޮފިސަރުންވެސް ރާއްޖެ ފޮނުވައިފައެވެ. މީގެ އިތުރުން އެގައުމުގައްޔާއި ނޭޕާލުގައި ތިބި 71 ދިވެހި ދަރިވަރަކު ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓެއްގައި އިއްޔެ ވަނީ ރާއްޖެ ގެނެސްދީފައެވެ.

ބަންގްލަދޭޝް އިން ދިން އެހީއަށް ޝުކުރު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ފޯނުން ގުޅުއްވާ އެ ގައުމުން ދިން އެހީއަށް ޝުކުރު އަދާކުރައްވައިފައެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި ކޮރޯނާގެ ބަލިމަޑުކަމާ ދެކޮޅަށް ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި އެއްގައުމުން އަނެއްގައުމަށް ދެވޭނެ އެހީތެރިކަމާ ގުޅެގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް މާލޭގައި ކޮމޮޔުނިޓީ ސްޕްރެޑެއްގެ ގޮތުގައި ފެތުރެމުންދާއިރު ބަންގަލަދޭޝްގެ 24 މަސައްކަތްތެރިއަކަށް ވަނީ ބަލި ޖެހިފައެވެ.

ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮރޯނާވައިރަހުގެ ޝިކާރައަކަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ބަޔަކު ވެފައިވާއިރު، އެމީހުންނަށް ފަރުވާދިނުމުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށެވެ.

comment ކޮމެންޓް