ކޮވިޑް އާއެކު ބިދޭސީންްގެ ހާލަތު އިތުރަށް ގޯސްވެއްޖެ: އެޗްއާރްސީއެމް

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހާލަތު އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އިތުރަށް ގޯސްވެ، ވަރަށް ގިނަ އަސާސީ ހައްގުތަކަކުން ބައެއް ބިދޭސީ މަސައްކަތްތެރިން މަހްރޫމްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަރާތްތަކުގެ އަސާސީ ހަައްގުތަައް ކަށަވަރުކުރުމަކީ މަސައްކަތްކަތް ކުރުވުމަށް ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް ގެންނަ ފަރާތްތަކުގެ ޒިންމާއެއްކަން އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

"އެގޮތުން، އެފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމަށާއި ބަލިވެއްޖެނަމަ ބޭސްކޮށް ދިނުން ފަދަ އަސާސީ ޒަރޫރަތްތައް ހިމެނެއެވެ." އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމް އިން ވަނީ ބިދޭސީން ހައްގުތަކުން މަހްރޫމްކޮށް އެމީހުންގެ އަސާސީ ޒިންމާތައް އަދާނުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާ، އެފަދަ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލައިިފައެވެ.

ހަމައެއާއެކު ތަފާތު ސަބަބުތަކާހުރެ، ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންނަށް ވެސް މިދަނޑިވަޅުގައި ފޯރުކޮށްދޭން ޖެހޭ އިންސާނީ އަދި އަސާސީ ހައްގުތައް ކަށަވަރުުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ.

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި ކޮވިޑް19 ފެތުރިއްޖެނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑީ އެމީހުންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވެސް ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެއެވެ.

comment ކޮމެންޓް