ކެނެޑާގައި ދިން ބަޑީގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 23އަށް އަރައިފި

އޮޓަވާ (އޭޕްރިލް 22): ކެނެޑާގައި ފަހުގެ ތާރީހެއްގައި ދިން އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 23އަށް އަރައިފި އެވެ.

ކެނެޑާގެ ނޯވާ ސްކޯޝިއާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން 14 ގަޑިއިރަށް ދެމިގެން ދިޔަ އެ ހަމަލާ ދިނީ 51 އަހަރުގެ ގެބްރިއެލް ވޯޓްމަން ކިޔާ މީހެކެވެ. އެ ހަމަލާ ދިން އިރު އޭނާ ހުރީ ފުލުހުންގެ ޔުނިފޯމެއް ލައިގެން، އޭނާގެ ކާރު ފުލުސް ކާރަކާ އެއްގޮތް ކޮށްގެންނެވެ.

ކެނެޑާގެ ފުލުހުން ބުނި ގޮތުގައި ވޯޓްމަން ވަނީ ނޯވާ ސްކޯޝިއާގެ 16 ސަރަހައްދެއްގައި މީހުންގެ ގަޔަަށް ބަޑި ޖަހާ މަރާފަ އެވެ. އަދި ފަސް ތަނެއްގައި ރޯކޮށްފަ އެވެ. މީގެ ކުރިން ފުލުހުން ވަނީ ވޯޓްމަން ރޯކޮށްލި ތަންތަނުގެ ތެރެއިން މަރުވެފައިވާ އިތުރު މީހުން ފެނުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކާއި ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކޮށްފައިވާ ކޮންސްޓެބުލްއަކާއި ޓީޗަރަކާއި ނަރުހެއް ހިމެނެ އެވެ.

ކެނެޑާގެ ފުލުހުން ބުނި ގޮތުގައި ވޯޓްމަން ހޯދުނީ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އަދި އޭނާ އާއި ފުލުުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި، އޭނާ ވަނީ މަރުވެފަ އެވެ.

އެ ހަމަލާ މިހާރު ތަހުގީގު ކުރަމުންދާ އިރު ފުލުހުން ވަނީ ވޯޓްމަން ހަމަލާ ދިން ސަބަބެއް ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ވޯޓްމަން ދަންނަ މީހުންނާއި ނުދަންނަ މީހުންވެސް ހިމެނޭކަން ފާހަގަކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް