އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ މިންވަރު ބީއެމްއެލް އިން އިތުރުކޮށްފި

ހުޅުމާލޭގެ އޭޓީއެމް -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް އެކައުންޓުތަކަށް ފައިސާ ޖަމާކުރެވޭ މިންވަރު އިތުރުކޮށްފިއެވެ.

ބޭންކުން ބުނީ ކޮވިޑް19 ގެ ސަބަބުން އިއުލާނުކޮށްފައިވާ ލޮކްޑައުން އާއި ގުޅިގެން އާންމުންނާއި ވިޔަފާރިތަކަށް ނަގުދު ފައިސާ ޖަމާކުރުމުގައި ދަތިތައް ދިމާވެފައިވާ ކަމަށެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފައިވާ ކަމަށާއި މި ބަދަލާއެކު ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ބޭންކުން އެންމެ އިސްކަންދޭކަންތައް ކަމަށާއި ލޮކްޑައުން މުއްދަތުގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދު ނަމަވެސް ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ހަމަޖައްސައިފަައެވެ.

comment ކޮމެންޓް