ކޮރޯނާވައިރަސް: ބަނޑުހައިހޫނު ކަމާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު ދެ ގުނައަށް އިތުރުވެދާނެ

ކޮރޯނާވައިރަހުގެ ސަބަބުން ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ -- ފޮޓޯ: ރޮއިޓާސް

އދ (އޭޕްރިލް 22): ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު ދެ ގުނައަށް އިތުރުވެދާނެ ކަމަށް ޔުނައިޓެޑް ނޭޝަންސް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ)އިން ބުނެފި އެވެ.

ޑަބްލިޔުއެފްޕީން އިއްޔެ ނެރުނު ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމުން ލިބޭ މަންފާ އާއި ރެމިޓެންސްތައް މަދުވުމުންނާއި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުން ހުއްޓުވުން ފަދަ މައްސަލަތަކުގެ ސަބަބުން މިއަހަރު އިތުރު 130 މިލިއަން މީހުން ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިދާނެ އެވެ. އެއާއެކު އެ ކެޓެގަރީގައި ހިމެނޭ ޖުމްލަ މީހުންގެ އަދަދު 265 މިލިއަނަށް އަރާނެ އެވެ.

ޑަބްލިޔުއެފްޕީގެ ޗީފް އިކޮނޮމިސްޓު ޑރ. އާރިފް ހުސެން ވިދާޅުވި ގޮތުގައި މިބަލިމަޑުކަމުގެ ސަބަބުން މިހާރުވެސް ދަތިހާލުގައި ދިރިއުޅޭ އެތައް މިލިއަން މީހުންނަށް ބޮޑެތި ގެއްލުންތައް ލިބުން އެކަށީގެންވެ އެވެ. އަދި އެންމެ ފަގީރު ގައުމުތަކުގައި މީހުން ވައިރަހުން ސަލާމަތް ކުރެވުނު ނަމަވެސް އެމީހުން ދެން ހައިހޫނު ކަމަށް ވެއްޓިއްގެން ގޮސްދާނެ އެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވި ގޮތުގައި އެ ރިޕޯޓުން އެނގިގެން ދަނީ ބަނޑުހައިހޫނު ކަމާ ދެކޮޅަށް ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންވެއްޖެ ކަމެވެ.

"ހަނގުރާމަ އާއި މޫސުމަށް އަންނަ ބަދަލުތަކާއި އިގުތިސާދީ ލޮޅުންތައް ފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، ބަނޑުހައި ހޫނުކަމާއި މަލްނިއުޓްރިޝަންއާ ދެކޮޅަށް ކުރާ މަސައްކަތް އިތުރު ކުރަން ޖެހޭ. އެކަމަށް ބޭނުން އާލާތްތަކާއި އަަމަލު ކުރާނެ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެންނަށް ބޭނުންވަނީ އެކަން ކުރަން އަޒުމު ކަނޑައަޅާ ލީޑަރުންނާއި ގައުމުތަކުން އެއްބާރުލުން ދިނުން،" ގުޓެރޭސް ވިދާޅުވި އެވެ.

ޑަބްލިޔުއެފްޕީގެ ރިޕޯޓުގައި ވަނީ 2007 އާއި 2008އާ ދޭތެރޭ ދުނިޔެއަށް އައި މާލީ ކާރިސާ ތެރޭ ކާތަކެތީގެ އަގު އުފުލުނު ގޮތަށް މިހާރު ވެސް ކާތަކެތީގެ އަގު އުފުލިދާނެ ކަމުގެ ބިރު ފާޅުކޮށްފަ އެވެ. އެ ޖަމްއިއްޔާއިން ލަފާ ކުރާ ގޮތުގައި ބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 10 ބިލިއަން ޑޮލަރާއި 12 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ފަންޑު ބޭނުންވާނެ އެވެ.

ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުތައްވެސް ހުއްޓުމަކަށް އައިސް، ޑަބްލިޔުއެފްފީއަށް ބޭނުންވާ ވަރަށް ފައިސާ ލިބޭނެ ކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.

ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އެމެރިކާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނެ އެވެ. ދުނިޔޭގައި މިހާތަނަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 177،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް