މުވައްޒަފުން ސަސްޕެންޑުވާ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ: އިންތިހާބާ ގުޅިގެން ސަސްޕެންޑުވާ މުވައްޒަފުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހައި ކޯޓަށް އެ ކޮމިޝަނުން ހުށަހެޅީ މިއަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށްޓަކައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހުބުގެ ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަކަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވާނެ އެވެ.

ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން މިމަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު މި މަހުގެ 18އަށް ފަސްކޮށްފަ އެވެ. ނަމަވެސް ގާނޫނެއް ފާސްކޮށްގެން އަންނަ އަހަރުގެ ޖެނުއަރީ މަހަށް އިިންތިހާބު ފަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. އެހެންކަމުން، މިފަހަރުގެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އެ މުއްދަތަށް އިތުރުވެ ގެއްލުންވާނެތީ އެ މީހުން ކަންބޮޑުވުން ފާޅުކުރެއެވެ.

އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން އިން ރޭ ބުނެފައި ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މައްސަލައަށް ހައްލެއް ހޯދުމަށް ތަފާތު މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ މައްސަލައަށް އަވަސް ހައްލެއް ހޯދޭނެ ގޮތްތައް ދެނެގަތުމަށްޓަކައި ފޯނު ކޮންފަރެންސް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނާ ވަނީ ބައްދަލުކޮށްފައި ކަމަށެވެ.

comment ކޮމެންޓް