ހުޅުމާލޭގައި ގާއިމް ކުރާ ފެސިލިޓީގެ މަސައްކަތް ނިމޭނީ މި މަހުގެ ނިޔަލަށް

މީގެ ކުރިން އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް-19 ވައިރަސް ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމަށް ހުޅުމާލޭގައި ގާއިމް ކުރަމުންދާ ފެސިލީގައި މިހާރު ބާކީ ނުނިމި ހުރީ ފިނިޝިން މަސައްކަތް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ހުޅުމާލޭގައި ގާއިމް ކުރަމުންދާ ފެސިލިޓީއަކީ ސަރުކާރުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުންދާ 300 އެނދުގެ ފެސިލިޓީއެކެވެ. އެތަން ހުންނަނީ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގަ އެވެ. އެ ތަނުގެ މަސައްކަތް ނިންމާލެވޭނީ އޭޕްރިލް 21ގައި ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެ ފެސިލިޓީގެ ފިނިޝިން މަސައްކަތާއި އިކުއިޕްމެންޓު ވެއްދުމުގެ މަސައްކަތް ކަމަށެވެ. މީގެ ކުރިން މި މަހުގެ 21އަށް އެތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނި ނަމަވެސް، އެތަނުގެ މަސައްކަތް ނިމޭނީ މި މަހުގެ ނިޔަލަށް ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"މިހާރު ބޮޑު ބައެއް މަސައްކަތް ނިމި ފިނިޝިން މަސައްކަތްތަކާއި އެތަނަށް ބޭނުންވާ އިކުއިޕްމެންޓު ވެއްދުމުގެ މަސައްކަތް އަދި ބާކީ އެބަ ހުރި ކޮށްލަން. މިކަންކަން ނިންމާލެވޭނެ ކަމަށް މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވަނީ މި މަހުގެ ނިޔަލަށް،" މަބުރޫކް ވިދާޅުވި އެވެ.

އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ ސިފައިންނެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންވެސް އެ މަސައްކަތުގައި ބައިވެރިވެ އެވެ.

އެ ފެސިލިޓީއަށް ހަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ ކޮންސްޓްރަކްޝަނަށް ކުރާ ހަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓަށް ހަރަދު ކުރާ ފައިސާ އެވެ.

މީގެ ކުރިން މަބްރޫކު ވިދާޅުވި ގޮތުގައި، އެ ފެސިލިޓީ ކައިރީގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ހާލަތުގައި އެ ހޮސްޕިޓާ ކޮވިޑް-19އަށް ފަރުވާދޭ މަރުކަޒަކަށް ހަދަން އެއްބަސްވެފަ އެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 84 އަށް އަރައިފަ އެވެ. މިއަދު އެކަނި މިހާތަނަށް މާލެއިން 17 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން މިހާރު މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް