ސިފައިން މިހާރު ދަނީ ކޮވިޑް-19އާ ހަނގުރާމަ ކުރަމުން: މާރިޔާ

މިނިސްޓަރު މާރިޔާ އަދި މެޖޭ ޖެނެރަލް ޝަމްއާލް: ސިފައިން މިހާރު ހަނގުރާމަ ކުރަމުން ދަނީ ކޮވިޑް-19އާ ހަނގުރާމަ ކަމަށް މިނިސްޓަރު މާރިޔާ މިއަދު ވަނީ ވިދާޅުވެފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ސިފައިން މިހާރު ހަނގުރާމަ ކުރަމުން ދަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ، މި ބަލިމަޑުކަމުގައި އެންމެ މުހިންމު އެއް މަސައްކަތެއް ކުރަމުން ދަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކަމަށާއި އެ ތަން ވަނީ ވެސް ޑިފެންސް މިނިސްޓްރީގެ ދަށުގައި ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބުރަކޮށް ކުރާނެ މަސައްކަތަކީ މިހާރު މިއުޅޭ ކޮވިޑް-19 މި ވައިރަސްއާ ސިފައިންގެ ބޭފުޅުންގެ ބަހުރުވައިން ނަމަ އެ ވައިރަސްއާ ހަނގުރާމަ ކުރުން. އަޅުގަނޑުމެން ހަމަ ރެއާ ދުވާލު މި ކުރަމުން ގެންދާ މަސައްކަތަކީ އެއީ،" މާރިޔާ ވިދާޅުވި އެވެ.

ސިފައިންގެ ލަޝްކަރު ހުރިހާ ދިމާލެއްގައި ވެސް ރުކުރުވާލާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޮވިޑް-19ގެ ބަލި މީހުންނާ ވެސް އެންމެ ކައިރިން މަސައްކަތް ކުރާ އެއް ބަޔަކީ ސިފައިން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަމުން ދާއިރު ދިވެހި ރައްޔިތުންގެ މިންނެތް ލޯބި އޮހިގެންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސިފައިންގެ އަހަރީ ދުވަހަށް މީހުން ފޮނުވާ ތަހުނިޔާއަށް ވުރެން ގިނައިން، މި ދަނޑިވަޅުގައި އެ ފަރާތްތަކާއި އާއިލާ ތަކުން ވަމުންދާ ގުރުބާނީގެ އަގު ވަޒަންކޮށް ފޮނުވާ މެސެޖު ގިނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ދިވެހި ސިފައިންގެ ރައްކާތެރިކަމަށް މިތާ އެތެރޭގައި އެތައް ބައިވަރު ފިޔަވަޅުތަކެއް އަޅުއްވަމުން ވަޑައިގަންނަވަނީ އެހެންވިޔަސް އަޅުގަނޑުމެން ހަނގުރާމަ މިކުރަނީ ލޮލަށް ނުފެންނަ ވައިރަހަކާ،" މާރިޔާ ވިދާޅުވި އެވެ.

ގައުމީ ދިފާއީ ބާރުން ކުރިއަށްއޮތް އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ސިފައިންގެ ހިތްވަރު، ޤައުމުގެ ސަލާމަތް" ކަން އެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ، ޝިޢާރުން ދޭހަވާ ފަދައިން، ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ގުޅިލާމެހިފައިވަނީ ދިވެހި ސިފައިންގެ ކެރުމާއި ހިތްވަރާކަން ދަނެ، ސިފައިން މިޝިޢާރަށް އަމަލީ ސިފަ ގެންނަމުންދާކަމީ އުފާކުރާ ކަމެއް ކަމަށެވެ.

comment ކޮމެންޓް