ކޮރޯނާވައިރަހުގެ ދޮގު މައުލޫމާތު ހުއްޓުވަން ހިނގާ!

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ބެހޭ ތަފާތު މައުލޫމާތުން މުޅި އިންޓަނެޓު ވަނީ ފުރާލާފަ އެވެ. ހިތާމައަކީ އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސައްހަ ނޫން މައުލޫމާތު ވެސް ދައުރުވަމުންދާ ކަމެވެ. އެފަދަ މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކޮންމެ މީހެއްގެ އަމިއްލަ ޒިންމާއެއްވެސް އެބަ އޮތެވެ. ވައިބާ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ ގްރޫޕްތަކަށް ލިންކެއް ފޮނުވާލުމުގެ ކުރިން އެއީ ސައްހަ އެއްޗެއްތޯ ނުވަނަ ނޫންތޯ ބަލާށެވެ.

މައުލޫމާތު ފޮނުވުމުގެ ބަލައި ވިސްނާ

ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި އާއިލާ އާއި ރައްޓެހިންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ މީހަކުވެސް ބޭނުން ވާނެ އެވެ. އެހެންކަމުން އެފަދަ އެއްވެސް މައުލޫމާތެއް ސޯޝަލް މީޑިއާއިން ލިބިއްޖެ ނަމަ އެހެން މީހުންނާ އެ މައުލޫމާތު ހިއްސާ ކުރަން އަވަސްވެގަނެވެ އެވެ.

އެފަދަ ހާލަތްތަކުގައި ސައްހަ ނޫން ވާހަކަތައް ފެތުރުން ހުއްޓުވުމަށް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ އެ މައުލޫމާތު އެހެން މީހަކަށް ފޮނުވުން މަޑުޖައްސާލުމަށް ފަހު، އެ މައުލޫމާތާ ބެހޭ ގޮތުން ރަނގަޅަށް ވިސްނާލުން ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވި އެވެ. އަދި އެ މައުލޫމާތާ ބެހޭ ގޮތުން އެއްވެސް ޝައްކެއް އުފެދޭ ނަަމަ، އެހެން މީހަކަށް ފޮނުވުމުގެ ކުރިން އެމައުލޫމާތު ޔަގީން ކުރުން މުހިއްމެވެ.

މައުލޫމާތުގެ މަސްދަރު ހޯދުން

ތިމާއަށް ލިބުނު މައުލޫމާތެއް އެހެން މީހުންނާ ހިއްސާ ކުރުމުގެ ކުރިން، އެ މައުލޫމާތު ދިން ފަރާތެއް ހޯދާށެވެ. އަދި އެއީ "އެކުވެރިއެއްގެ އެކުވެރިއެއް" ނުވަތަ "އާއިލާގެ މީހަކާ އެކު މަސައްކަތް ކުރާ މީހެއްގެ އަވަށްޓެރިއެއް" ފަދަ މީހަކު ދިން ކަމަށް ބުނާ މައުލޫމާތު ނަމަ އޭގެ ސައްހަ ކަމާމެދު ސުވާލު އުފައްދަން ވާނެ އެވެ.

ސޯޝަލް މީޑިއާގައި ކޮންމެ މައުލޫމާތެއް ޝެއާ ކުރުމުގެ ކުރިންވެސް ވިސްނާލަން ޖެހޭ -- ފޮޓޯ: ބްލޫމްބާގް

އެފަދަ ގޮތަކަށް މީހުންނާ ހަވާލާދީ ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ޕޯސްޓުތަކުގައި ސައްހަ މައުލޫމާތާ އެކު ދޮގު އަދި ސިއްހަތަށް ނުރައްކާތެރި ލަފާ ދީފަވެސް ހުރެދާނެ އެވެ.

"އެންމެ އިތުބާރު ކުރެވޭ މައުލޫމާތު ފޯރުކޮށްދޭނެ ފަރާތްތަކަކީ [އިނގިރޭސިވިލާތުގައި] ނެޝަނަލް ހެލްތު ސާވިސް އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ފަދަ ސިއްހީ އިދާރާތައް،" އިނގިރޭސިވިލާތުގެ ފެކްޓް-ޗެކިން ޖަމްއިއްޔާ 'ފުލް ފެކްޓު'ގެ ޑެޕިއުޓީ އެޑިޓަރު ކްލެއާ މިލްން ވިދާޅުވި އެވެ.

މިއީ ފޭކު މައުލޫމާތަކަށް ވެދާނެތޯ ސުވާލު ކުރޭ

ބައެއް ފަހަރު ސޯޝަލް މީޑިއާގައި ނޫސްތަކާއި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ފޭކު އެކައުންޓުތައް ހަދައިގެން ސައްހަ ނޫން މައުލޫމާތު ފަތުރާ ހަދަ އެވެ. އަދި ބައެއް މައުލޫމާތު ލިބިފައި ވަނީ އިތުބާރު ކުރެވޭ ފަރާތަކުން ކަމަށް ދެއްކުމަށް ސްކްރީންޝޮޓްތައްވެސް ބަދަލުކޮށްފައި ހުރެ އެވެ.

އެހެންކަމުން ރަސްމީ އަދި ވެރިފައިކޮށްފައިވާ އެކައުންޓުތަކާއި ވެބްސައިޓުތައް ބެލުން މުހިއްމެވެ. އަދި ތިމާއަށް ލިބުނު މައުލޫމާތަކީ އެހެން ތަނަކުން ހޯދަން އުނދަގޫ މައުލޫމާތެއް ނަމަ އެއީ ސައްހަ ނޫން މައުލޫމާތަކަށް ވުން ގާތެވެ. އަދި އެ ފެނުނު ޕޯސްޓު، ވީޑިއޯ ނުވަތަ ލިންކަކީ ސައްހަ ނޫން އެއްޗެއް ކަމަށް ތިމާއަށްވެސް ލަފާ ކުރެވޭ ނަމަ، އެ މައުލޫމާތެއް ޝެއާ ނުކޮށް ދޫކޮށްލުން ރަނގަޅެވެ.

މީގެ އިތުރުން އެއް ޕޯސްޓެއްގައި ތަފާތު ފޮންޓު ބޭނުން ކުރުމާއި ބައެއް އަކުރުތައް ކެޕިޓަލް ކުރުން ފަދަ ކަންތައްތަކީ އެކި ޕޯސްޓުތަކުގެ ސައްހަކަން ހޯދާއިރު ބަލާ ކަންތައްތައް ކަމަށް 'ފުލް ފެކްޓް' ޖަމްއިއްޔާއިން ބުންޏެވެ.

ހަގީގަތެއްކަން ކަށަވަރު ނުވާ ނަމަ ނުފޮނުވާ

ސޯޝަލް މީޑިއާއިން ފެންނަ މައުލޫމާތަކީ ހަގީގަތަކަށް ވެދާނެތީ އަދި އެކަން ޔަގީން ނުކުރެވެނީސް ފޯވާޑް ކުރުން ބުއްދިވެރިއެއް ނޫނެވެ. ސަބަބަކީ އެ ވާހަކަތަކުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވެދާނެތީ އެވެ.

އެފަދަ މައުލޫމާތު ޑޮކްޓަރުން ފަދަ ކަމާ ބެހޭ މާހިރުން ތިބޭ ގުރޫޕުތަކުގައި ހިއްސާކޮށް އޮޅުން ފިލުވުމަކީ ރަނގަޅު ކަމެކެވެ. އަދި އެ ހިއްސާ ކުރާ މައުލޫމާތަކާ މެދު ޝައްކު އުފެދޭ ނަމަ އެކަން ފާހަގަ ކުރުން މުހިއްމެވެ. ސަބަބަކީ ބައެއް ފަހަރު އެމީހަކު ހިއްސާ ކުރާ ފޮޓޯއެއް ނުވަތަ ލިޔުމެއް އެހެން މީހަކު އެހެން މާނައެއްގައި ޝެއާ ކުރުމުގެ ފުރުސަތު އޮންނާތީ އެވެ.

ސޯޝަލް މީޑިއާގައި ފެތުރޭ މައުލޫމާތެއްގެ ސައްހަ ކަމާމެދު ޝައްކު ކުރެވޭނަމަ އެ މައުލޫމާތު ހިއްސާ ނުކުރުން ބުއްދިވެރި -- ފޮޓޯ: އޭޕީ

ކޮންމެ މައުލޫމާތެއްގެ ސައްހަކަން ވަކިން ބަލާ

ކުރިން ފާހަގަ ކުރި ފަދައިން، ބައެއް ޕޯސްޓުތަކުގައި ދޮގު މައުލޫމާތު ހިމަނާފައި ހުންނާނީ ސައްހަ މައުލޫމާތާ އެއްކޮށެވެ. އެހެންކަމުން ސިއްހީ ލަފާގެ ނަމުގައި ޝެއާ ކުރާ ދިގު ލިސްޓުތަކުން ކޮންމެ ޕޮއިންޓެއްގެ ސައްހަކަންވެސް ވަކިން ބަލަން ޖެހޭނެ އެވެ.

ހާސްކަން އުފެދޭ ފަދަ މައުލޫމާތާ މެދު ސަމާލުވޭ

ސޯޝަލް މީޑިއާގައި އެންމެ އަވަހަށް ފެތުރޭނީ ބިރުވެރިކަމާއި ރުޅިވެރިކަމާއި ހާސްކަމާއި އުފާވެރިކަން ފަދަ ޝުއޫރުތައް ގެނެސްދޭ ފަދަ ވާހަކަތަކެވެ.

"ސައްހަ ނޫން މައުލޫމާތު ފެތުރޭ އެންމެ މައިގަނޑު އެއް ގޮތަކީ ބިރުވެރިކަން [އުފެއްދުން]،" އޮންލައިންކޮށް ފެތުރޭ ސައްހަ ނޫން މައުލޫމާތު ހުއްޓުވުމުގައި ނޫސްވެރިންނަށް އެހީތެރިވެދޭ ޖަމްއިއްޔާ ފަސްޓް ޑްރާފްޓުން ބުންޏެވެ.

އަދި އެ މައުލޫމާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލަނީ ހާސްކަން އިތުރު ކުރުމަށް ކަމުން އެފަދައިން ގޮވާލާ ޕޯސްޓުތަކާ މެދު އިތުރަށް ސަމާލުވާން ޖެހެ އެވެ.

"ތިމާއާ ގާތް މީހުން ރައްކާތެރި ކުރަން ކޮންމެ މީހަކުވެސް ބޭނުންވޭ. އެހެންވެ 'ވައިރަހުން ރައްކާތެރިވެވޭނެ ގޮތްތައް' ނުވަތަ 'މި ބޭސް ކާން' ޕޯސްޓެއްގައި ބުނުމުން މީހުން ބޭނުންވަނީ އެހެން މީހުންނަށް އެހީވާން ކުރެވެން އޮންނަ ކަމެއް ކުރަން،" ފަސްޓް ޑްރާފްޓުން ބުންޏެވެ.

ބަޔަސް މައުލޫމާތެއްތޯ ބަލާ

ތިމާ ސޯޝަލް މީޑިއާގައި ވަކި މައުލޫމާތެއް ޝެއާ ކުރަނީ އެއީ ހަގީގަތެއްކަން އެނގޭތީތޯ ނުވަތަ އެ ޕޯސްޓުގައި ބުނެފައިވާ ވާހަކަޔާ އެއްބަސްވެވޭތީތޯ ވިސްނާލަން ޖެހޭނެ އެވެ.

އިނގިރޭސިވިލާތުގެ ތިންކް ޓޭންކެއް ކަމަށްވާ ޑެމޯސްގެ ސެންޓާ ފޯ ދަ އެނެލިސިސް އޮފް ސޯޝަލް މީޑިއާގެ ރިސާޗް ޑިރެކްޓަރު ކާލް މިލާ ވިދާޅުވި ގޮތުގައި މީހުން އެންމެ ގިނައިން ހިއްސާ ކުރަނީ އެމީހުންގެ އަމިއްލަ ގަބޫލު ކުރުންތަކާ އެއްގޮތްވާ މައުލޫމާތެވެ. އެހެންކަމުން ސޯޝަލް މީޑިއާއިން ފެންނަ މައުލޫމާތާ ތިމާއަށް އެއްބަސްވެވުނު ނަމަވެސް އެ މައުލޫމާތު އިތުރު ބަޔަކަށް ފޮނުވުމުގެ ކުރިން އޭގެ ތެދާއި ދޮގު ހޯދަން އޭނާ އެދިވަޑައިގަތެވެ.

ކޮރޯނާވައިރަހާ ބެހޭ ގޮތުން ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ބައެއް ގައުމުތަކުން ވަނީ އެފަދަ މައުލޫމާތު ދައުރުކުރާ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގައިވެސް ވައިރަހާ ބެހޭ ސައްހަ ނޫން މައުލޫމާތު ފަތުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.

comment ކޮމެންޓް