މާޗް މަހުގެ ފަހުން އޭޑީކޭގެ ފްލޫ ކްލިނިކަށް އެންމެ ގިނަ މީހުން ދެއްކީ އިއްޔެ

މާޗް 14، 2017: މާލޭގައި އެޗްވަންއެންޑްވަން ފެތުރު ދުވަސްވަރު އައިޖީއެމްއެޗްގައި ހުޅުވާފައި ފްލޫ ކުލިނިކެއް -- ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ ފަހުން އެންމެ ގިނަ މީހުން އޭޑީކޭގެ އޮންލައިން ފްލޫ ކްލިނިކަށް ދެއްކީ އިއްޔެ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އޭޑީކޭއިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގަިއ ބުނީ އިއްޔެ އެކަނިވެސް ފްލޫ ކްލިނިކަށް 45 މީހުން ދެއްކި ކަމަށެވެ.

މީގެ ކުރިން އެންމެ ގިނައިން މީހުން ފްލޫ ކްލިނިކަށް ދައްކާފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 100 މީހުން ދައްކާފައިވެ އެވެ.

އޭޑީކޭއިން ފްލޫ ކްލިނިކްތަކުގެ ހިދުމަތްތައް އޮންލައިން މެދުވެރިކޮށް ދޭން ފެށީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެންނެވެ.

މާލެ ތެރެއިން ކޮވިޑް ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ފެނުނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭޑީކޭގެ އޮންލައިން ފްލޫ ކްލިނިކަށް ދައްކާ މީހުން ވަނީ ކުއްލިއަކަށް އިތުރުވާން ފަށާފަ އެވެ.

އޭޕްރީލް 15 ވަނަ ދުވަހު ހަތް މީހަކު ދެއްކިއިރު ޖެހިގެން އައި ދުވަހު 30 މީހަކު ދައްކާފައިވެ އެވެ. ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން، މިމަހުގެ 15 އިން ފެށިގެން އެކިއުޓް ރެސްޕިރޮޓޮރީ އިންފެކްޝަންސް، ނޭވާލާ ނިޒާމުގެ އިންފެކްޝަންހުރި މީހުންގެ އަދަދުވެސް ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން 15 ވަނަ ދުވަހު 10 މީހެއްގެ ގައިން އިންފެކްޝަން ފެނުނުއިރު އިއްޔެ 40 މީހެއްގެ ގައިން އިންފެކްޝަން ފެނުނެވެ.

އޭޑީކޭއިން އާންމުކުރި ތަފާސްހިސާބުތަކުގައި ފާއިތުވި ފަސް އަހަރު އެކިއުޓް ރެސްޕިރޮޓޮރީ އިންފެކްޝަންސްތައް ހުރި މީހުންގެ އަދަދުތައްވެސް ވަނީ އާންމުކޮށްފަ އެވެ. ފާއިތުވި ފަސް އަހަރުގެ މާޗް މަހު އިންފެކްޝަން އެންމެ ގިނައިން ފެނިފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ މާޗްމަހު 4590 ކޭސް ފެނުނުއިރު މިއަހަރުގެ މާޗްމަހު ފެނިފައިވަނީ 2159 ކޭސް އެވެ.

މިއަހަރުގެ މިހާތަނަށް، އޭޑީކޭއަށް ދެއްކި މީހުންގެ ތެރެއިން 7،503 މީހަކަށް ނޭވާލާ އިންފެކްޝަން ޖެހިފައިވެ އެވެ.

comment ކޮމެންޓް