ދިވެހިންގެ ސަލާމަތަށް ސިފައިން ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާނެ: ޗީފް ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށް ދިވެހި ސިފައިން ވެވެން އޮތް ހުރިހާ ގުރުބާނީއެއް ވާނެ ކަމަށާއި އެންމެ ފަހުމީހާ އާއި ހަމައަށްވެސް ސިފައިން ދާނީ މަސައްކަތް ކުރަމުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 128 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި ހިތާބުގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ މި ވަގުތަކީ ދުނިޔެއަށްވެސް އަދި ރާއްޖެއަށްވެސް ބިރުވެރި ވަގުތެއް ކަމަށާއި މި ވަގުތުގައިވެސް ސިފައިން ދަނީ ގައުމަށްޓަކާ ގުރުބާނީ ވަމުން ކަމަށެވެ. އެގޮތުން އެތައް ހަފްތާއެއް ވަންދެން ސިފައިން މިހާރުވެސް މަސައްކަތް ކުރަނީ އާއިލާއާ ވަކިން ކަމަށާއި ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ސިފައިންގެ ވާޖިބު އަދާކުރާނެ ކަމަށް ޗީފް އޮފް ޑިފެންސް ޝަމާލް ވިދާޅުވި އެވެ.

"އެންމެ ރިސްކީ މަސައްކަތުގައިވެސް ސިފައިން ދަނީ ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި ފީލްޑް ފަސްޓް ރެސްޕޮންޑާސްގެ ގޮތުގައްޔާއި ވަކިން ހާއްސަކޮށް ބަލިމީހުންގެ ޓްރާންސްޕޯޓް ކުރުމުގައްޔާއި ފެސިލިޓީތައް މެނޭޖު ކުރުމުގައްޔާއި ފެސިލިޓީތައް ތައްޔާރު ކުރުމަށާއި މިކަހަލަ އެތައް މަސައްކަތެއްގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ މިދިޔަ އަހަރަކީ ސިފައިންގެ މަސައްކަތުގައިި ކުރިއެރުން ލިބުނު އަހަރެއް ކަމަށާއި އެގޮތުން އާ އިސްތިރާޖީ އަމާޒެއްގައި މުޅި ފޯސްގެ އޮޕަރޭޝަނަލް ސްޓްރަކްޗާ އަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

"ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަ ކުރުމާއި ދިފާއީ ބާރުގެ އެންމެހާ ރައްޔިތުންގެ ވެލްފެއާ ކަންތައް ހަރުދަނާ ކުރުމާއި އުސޫލުތަކާޢި ސިސްޓަމްތައް ހަރުދަނާ ކުރުމާ އަދި ވަކިން ހާއްސަކޮށް ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވަނީ،" ޝަމާލް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސްފޯސް ވަނީ ސިފައިންގެ ދުވަހުގެ ތަހުނިޔާ ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ޑިފެންސް މިނިސްޓަރަށް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަށާއި ސިފައިންގެ އެންމެހާ އޮފިސަރުންނަށް ފޮނުއްވައިފަ އެވެ.

comment ކޮމެންޓް