އެސްޓީއޯއަށް ގަންނަން އިސްކަންދޭ ތަކެތީގެ ތެރޭގައި ކަރާ ނުހިމެނޭ

މެއި 6، 2019: މާލެ، މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސްޓޭޓް ޓެރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ތަކެތި ގަތުމުގައި އިސްކަންދޭނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެއްޗަށް ކަމަށާއި އެ ކުންފުނިން އިސްކަންދޭ ތަކެތީގެ ތެރޭގައި ކަރާ ފަދަ ތަކެތި ނުހިމެނޭ ކަމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ އިން ގަންނަން ފަށާ ވާހަކަ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފިޝަރީޒް މިނިސްޓްރީ އާއި އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނު ކުރި އެވެ. އެސްޓީއޯއިން ގަންނާނެ ކަމަށް ބުނެ ދަނޑުވެރިންނަށް ދިން ލިސްޓުގައި ކަރާ ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގައި، އެސްޓީއޯއިން ގަންނަ ތަކެއްޗާ ބެހޭ ގޮތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވީ އެސްޓީއޯ އިން އިސްކަމެއް ދެނީ ކާނާގެ ޔަގީންކަން ފޯރުކޮށްދިނުމަށް ޓަކައި ބޭނުންވާނެ ތަކެއްޗަށް ކަމަށެވެ. އޭގެ ތެރޭގައި މިސާލަކަށް ކައި ނިންމައިގެން ކާލާ ކަހަލަ ފޮނި އެއްޗިހި ކަހަލަ އެއްޗިއްސަށް މިވަގުތު ނުވިސްނާ ކަމަށެވެ.

އަމްރު ވިދާޅުވީ ކާނާގެ ރައްކާތެރި ކަމާއި ޔަގީން ކަމަށްޓަކައި ބޭނުންވާނެ ތަކެއްތި އެސްޓީއޯއިން ގަންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް ވަރަށް ބޮޑަށް ސާފުވޭ އެބަ ރާއްޖޭގައި ކަރައަކީ ވަރަށް ފަސޭހައިން ހެއްދޭ އެޗަކަށް ވާތީވެ ވަރަށް ގިނަ އަދަދަކަށް ހައްދާ. އެކަމަކު އެއީކީ ހަގީގަތުގައި ފުޑް ސެކިއުރިޓީއަށް ބޭނުންވާ އެއްޗެއް ނޫން. އެހެންވީމަ އަޅުގަނޑުމެންނެއް އެއަކަށް ފޯކަސްއެއް ނުކުރަން." އަމްރު ވިދާޅުވި އެވެ.

އެސްޓޯއިން ދަނޑުވެރިން އަތުން ގަންނަ ތަކެތީގެ ތެރޭގައި ފަތް ޕިލާވެލީގެ 11 ވައްތަރަކާއި މޭވާގެ 15 ވައްތަރެއް އަދި ތަރުކާރީއާއި އޮއްޓަރު ހުރި 37 ވައްތަރެއް ހިމެނެ އެވެ. އޭގެ ތެރޭހައި ކައްޓަލަ އަލަ އަލުވި ފިޔާ ފަދަ ތަކެތި ހިމެނެ އެވެ.

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު މުހައްމަދު - ސަންފޮޓޯ/ އަހްމަދު ސައީދު

ރޯދަ މަހަށް ދަނޑުވެރިން ހެއްދި ތަކެތި ލޮކްޑައުންގެ ސަބަބުން މާލެ ގެނެވޭނެ ގޮތެއް ނެތި ދަނޑުވެރިން ކަންބޮޑުވެފައި ތިބިކަން ފާހަގަކޮށް އިލިޔާސް ލަބީބު ވަނީ އެކަން އެސްޓީއޯ އިން ކުރާނެތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ރޯދައަށް ދަނޑުވެރިން ހެއްދި ތަކެތި މާލެއާ ހަމައަށް ގެނައުމުގެ ޕްލޭނެއް އިކޮނޮމިކް މިނިސްޓްރީ އިން ގެންގުޅޭ ކަމަށެވެ. އަދި އެތަކެތި މީހުންގެ ގޭގެއާ ހަމައަށް ޑެލިވާ ކުރުމާ ހަމައަށް އެ ޕްލޭންގައި ވާ ކަމަށެވެ. އެ މަސައްކަތް ކުރާނީ އެސްޓީއޯ އިން ނޫން ކަމަށް އަމްރު ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެންގެ ފޯކަސް ބޮޑަށް މިހުރީ އަޅުގަނޑުމެން މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކަށް. އޭގެ ތެރޭގައި ބޭސް ޑެލިވަ ކުރުމާއި. ބޭސް ބޭރުން ގެނައުމާއި. ކާޑުގެ ބާވަތްތައް ބެރުން ގެނައުމާއި. ކާޑުގެ ބާވަތްތައް މުޅި ރާއްޖެއަށް ޑިސްޓްރިބިއުޓް ކުރުމާއި. ސުޕަމާކެޓްގެ އައިޓަމްސްތަކާ އެއްޗިހި ގޭގެއަށް ޑިސްޓްރިބިއުޓް ކުރުން." އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއަށް ތަކެތި ވިއްކުމަށް ރެޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި ތަކެތި ގަތުމާ ބެހޭ ގަވައިދެއް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ގަވައިދުގައިވާ ގޮތުން ތަކެތި ރަށުން ބޯޓަށް އެރުވުމާއި މާލެއިން ފިހާރައާ ހަމައަށް ގެންދިއުމަކީ ވެސް ވިއްކާ ފަރާތުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ.

comment ކޮމެންޓް