ގާފަރުގައި ކަރަންޓީން ކޮށްފައި ހުރި މީހަކު ބޭރަށް ނިކުތުމުން ހައްޔަރު ކޮށްފި

ކ. ގާފަރު: އެ ރަށުގައި ކަރަންޓީން ކޮށްފައި ހުރި މީހަކު ބޭރަށް ނިކުތުމުން ވަނީ ހައްޔަރު ކޮށްފައި ---

ކ. ގާފަރުގައި ކަރަންޓީންކޮށްފައި ހުރި މީހަކު ބޭރަށް ނިކުތުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި އެވެ.

މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މާލެ ސަރަހައްދު ހިމެނޭ ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށިން ރާއްޖޭގެ އެއްވެސް ރަށަކަށް މީހަކު ގޮސްފައި ހުރި ނަމަ އެކަހެރިވެ ގެއިން ނުނިކުތުމަށް އެޗްޕީއޭ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އާންމުކޮށް އަންގައި އިއުލާނެއް ނެރެފަ އެވެ.

ފުލުހުން ބުނީ އެޗްޕީއޭ އިން ކޮށްފައިވާ އެ އިއުލާނާއި ހިލާފަށް ގެއިން ބޭރަށް ނިކުމެ އުޅުނު 27 އަހަރުގެ ދިވެހި ފިރިހެނެއް ކ. ގާފަރުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 މާލޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އިރު ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް އޮތީ މަނާކޮށްފަ އެވެ.

comment ކޮމެންޓް