އެމެރިކާއިން އީރާނަށް ވެންޓިލޭޓަރު ދޭން ހުށަހެޅުމުން އީރާނުން އެކަމާ ދެކޮޅު ހަދައިފި

ކޮރޯނާވައިރަހުގެ ސަބަބުން އީރާނުގައި މީހުން މާސްކްއަޅައިގެން-- ފޮޓޯ: ރޮއިޓާސް

އެމެރިކާއިން އީރާނަށް ވެންޓިލޭޓަރު ދޭން ހުށަހެޅުމުން އީރާނުން އެކަމާ ދެކޮޅު ހަދައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނަށް ވެންޓިލޭޓަރުދޭން ތައްޔާރަށް އޮތް ކަމަށެވެ.

"މިދުވަސްވަރު އީރާން އޮތީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި. އީރާނުން ހަމައެކަނި ބޭނުންވަނީ އެކަމުން އަރައިގަންނަން" ޓްރަމަޕް ވިދާޅުވިއެވެ.

ޓްރަމަޕްގެ ހުށަހެޅުމަށް ރައްދު ދެއްވައި އީރާންގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ ވެންޓިލޭޓަރުތައް ބޭނުން ނޫން ކަމަށެވެ.

"ކުޑަ ދުވަސްކޮޅެއް ތެރޭ އިރާންއިން ވެންޓިލޭޓަރުތައް އެކްސްޕޯޓްކުރާނަން. ހަމައެކަނި ބޭނުންވަނީ އެމެރިކާއިން އެހެން ގައުމުތައް ހާއްސަކޮށް އަޅުގަނޑުމެންގެ ގައުމުގެ ދާހިލީ ކަންތައްތަކާ ބެހުން ހުއްޓާލުން. ގަބޫލުކުރަންވީ ހަގީގަތަކީ، އީރާންއިން އެމެރިކާގެ އެއްވެސް ސިޔާސީ މީހެއްގެ ވާހަކަ އަޑުނާހާނެކަން" ޒާރިފް ވިދާޅުވިއެވެ.

އީރާންއަކީ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެން ފެށި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މިދިޔަ ފެބްރުއަރީ މަހު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯވެސް އީރާނަށް އެހީތެރިކަން ފޯރުކޮށްދޭން ހުށަހެޅިއެވެ. ނަމަވެސް އެފަހަރު އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ އެމެރިކާއިން އީރާނަށް އެހީދޭން ހުށަހެޅުމުން ހައިރާންވާ ކަމަށެވެ. އަދި އެމެރިކާއިން ސިއްހީ ސާމާނަށް ދަތިވެގެން އުޅޭއިރު އެތަކެތި އެގައުމުން ބޭނުންކުރަންވެސް އާޔަތުﷲ ގޮވާލެއްވިއެވެ.

އީރާނުން މީގެ ކުރިން ބުނާގޮތުގައި އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ އެގައުމަށް ބޭނުންވާ މުހިންމު ބޭސްތައް އެތެރެކުރުމުގައި ދަތިތައް ކުރިމަތިވެއެވެ. ހުދު އދ. އިންވެސް ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިދަނޑިވަޅު އުވާލުމަށް ވަނީ ގޮވާލައްވައިފައެވެ.

އީރާންއިން މިހާތަނަށް 82،000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނުއިރު ބަލީގައި 5،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް