ފަޅުވެފައިވާ ޕުކެޓުގެ ބީޗުތަކުގައި ރެކޯޑު އަދަދަކަށް މުސިންބި ބިސް އަޅައިފި

ތައިލޭންޑުގެ ފަޅުވެފައިވާ ބީޗުތަކުގައި ރެކޯޑު އަދަދަކަށް މުސިންބީ ބިސް ވަނީ އަޅާފަ -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (އޭޕްރިލް 20): ކޮރޯނާވައިރަސް ފެތުރުމުގެ ސަބަބުން ފަޅުވެފައިވާ ތައިލޭންޑުގެ ބީޗްތަކުގައި ރެކޯޑު އަދަދަކަށް މުސިންބި ބިސް އަޅައިފި ކަމަށް އެގައުމުގެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ތައިލޭންޑުގެ ޕުކެޓް މެރިން ބަޔޮލޮޖިކަލް ސެންޓަރުން ބުނި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެގައުމުގެ ބީޗްތަކުން ވަނީ މުސިންބި ބިސް އަޅާފައިވާ 11 ވަޅު ފެނިފަ އެވެ. އެއީ ފާއިތުވި 20 އަަހަރު ތެރޭ އެގައުމުން އެހާވަރަށް ގިނައިން މުސިންބި ބިސް ވަޅު ފެނުނު ފުރަތަމަ ފަހަރެވެ.

"މިއީ ވަރަށް ރަނގަޅު ކަމެއް. އެއީ ވެލާ ބިސް އަޅާ ވަރަށް ގިނަ ތަންތަން މީހުން ވަނީ ހަލާކުކޮށްފައި. މި އަހަރާއި މިދިޔަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު އެހާ ގިނަ އަދަދަކަށް ވެލާ ބިސް ނާޅާ،" އެ ސެންޓަރުން ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު ބާވަތުގެ ވެލާ ކަމަށްވާ މުސިންބިއަކީ ތައިލޭންޑުގައި ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ޖަނަވާރެކެވެ. އަދި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ ނެތިގެން ހިނގައިދާނެ ޖަނަވާރަކަށް ވެދާނެ ލިސްޓުގައި ހިމެނޭ ވެލަޔެކެވެ.

މުސިންބި އާއްމުކޮށް ބިސް އަޅަނީ އަނދިރި އަދި އަޑު މަޑު ސަރަހައްދުތަކުގަ އެވެ. ނަމަވެސް ބީޗްތަކުގައި ފަތުރުވެރިން ގިނަވުމުން އެފަދަ ސަރަހައްދުތައް ހޯދަން އުނދަގޫވެ އެވެ. އަދި ބައެއް ފަހަރު މީހުން ވެލާ ބިސް ވަގަށް ނަގައިހަދަ އެވެ.

ތައިލޭންޑުގެ މަޝްހޫރު މާޔާ ބޭގެ ވަށައިގެން އޮންނަ ނެޝަނަލް ޕާކުގެ ވެރިޔާ ވޮރަޕޮޓް ލޮމްލިމް ވިދާޅުވި ގޮތުގައި އެގައުމުގައި ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ކަނޑުގެ ދިރުންތަކުގެ ހާލަތު ރަނގަޅުވި ކަމަށް ދޭހަވާ ތަފާސްހިސާބެއް އަދި ނެތެވެ. ނަމަވެސް، މިހާރު އެގައުމުގެ ރަށްތައް ކައިރިން ކަނޑުގެ ދިރުންތައް ފެންނަ ވަރު އިތުރުވެ، ކަނޑުގެ ލޮނުގަނޑު ސާފުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ތައިލޭންޑުގެ މެރިން ސައިންޓިސްޓެއް އަދި ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕާކްސްގެ މުޝީރެއް ކަމަށްވާ ތޮން ތަމްރޮންގުނަވަސަވަތު ވިދާޅުވި ގޮތުގައި ފަތުރުވެރިން ތިބޭ އިރު އެގައުމުގައި ބޯޓު ދަތުރުތައް ގިނަވެ އެވެ. އަދި އެއީ މުރަކަ ހަލާކުވެ، ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންވެ، ކަނޑު ތަޣައްޔަރުވާ މައިގަނޑު ސަބަބެވެ.

ތައިލޭންޑުގައި މިހާތަނަށް 2،700އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 1،999 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި 47 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ރޭގަނޑު ކާފިއު ހިންގާ، ބޭރު މީހުން އެގައުމަށް ވަނުން ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް