ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަނީ

އޭޕްރީލް 15، 2020: ފުލުހުންނާއި ސިފައިން ގުޅިގެން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވައިފިއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަމައުގައި ބިރުވެރިކަމާ ހާސްކަން އުފެދުން ފިޔަވައި އިތުރު އެއްވެސް މަގުސަދެއް ނެތި ސައްހަ ނޫން މައުލޫމާތު ފަތުރާ މީހުންނާ ދެތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަން ކުރުމުން ދުރުހެލިވުމަށް ސީޕީ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ދޮގު މައުލޫމާތު ފަތުރާ މީހުންގެ އިތުރުން، ކޮވިޑް19 އާ ގުޅިގެން މީހުންނަށް ދޮގު ތުހުމަތުކޮށް، ފުރައްސާރަކުރާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ މިއަދު މިހެން ވިދާޅުވެފައި ވާއިރު، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ފިޔަވައި އެހެން މީހަކު ބަލި މީހުންގެ ފޮޓޯ އާންމުކުރާނަމަ، ފުލުހަށް މައްސަލަ ހުށަހަޅާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ރޭ ވަނީ ވިދާޅުވެފައެވެ.

މާލެއިން ކޮރޯނާވައިރަސްގެ ކޭސްތައް ފެނުމާ އެކު، އެ ވައިރަސް ޖެހުނު މީހުން ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ދަނީ ބައެއް މީހުންގެ ފޮޓޯތައް އާންމު ކުރަމުންނެވެ.

ރޭ ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ބައެއް ޕޮޒިޓިވްވެފައިވާ މީހުންގެ ފޮޓޯ ނުވަތަ އެމީހުން ކަމަށް ހީކޮށް އެހެން މީހުންގެ ފޮޓޯ ޝޯޝަލް މީޑިއާގައި އަދި ވެސް އާންމު ކުރަމުންދާ ކަމަށެވެ.

އެގޮތަށް އާންމުވެފައިވާ ފޮޓޯތަކުގެ ތެރޭގައި ޕޮޒިޓިވް ނުވާ މީހުންގެ ފޮޓޯތައް ވެސް ދައުރު ކޮށްފައިވާ ކަމަށް ނަޒްލާ ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް